އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ދެ ބުރުގެ މެޗުތަކަށް 10،000 ސަޕޯޓަރުން ވެއްދޭނެ ކަމަށް ލީގުގެ ސީއީއޯ ރިޗާޑް މާސްޓާސް ވިދާޅުވެއްޖެއެވެ.

ރިޗާޑް ވިދާޅުވެފައިވަނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެންވެސް ކޮންމެ މެޗަކަށް 10،000 ސަޕޯޓަރުން ވެއްދުމަށް މިހާރު ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނުގައި ހިމަނާފައިވާ ކަމަށެވެ. އަދި ލީގުގެ 20 ޓީމަށް ހަމަހަމަ ފުރުސަތެއް އެކަމުގައި ފަހިކޮށްދިނުމަށް ކޮންމެވެސް އެއް ބުރެއްގެ މެޗުތައް 18 އާއި 20 ވަނަ ދުވަހުގެ ތެރެއަށް ބަދަލުކުރެވޭނެ ކަމަށްވެސް ރިޗާޑް ފާހަގަކުރައްވާފައިވެއެވެ.

ރިޗާޑް ވިދާޅުވީ ސީޒަންގެ ފަހު މެޗުތަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވެއްދިގެން ދިޔުމަކީ ކްލަބުތަކަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށާއި، އުނދަގޫ ހާލަތަކުން އަރައިގަންނަން އެއީ މުހިއްމުވެސް ފިޔަވަޅެއް ކަމަށެވެ. ރިޗާޑް ފާހަގަކުރައްވާފައިވާ ގޮތުގައި ޕެންޑަމިކްގެ ފެށުމާއެކު ކްލަބުތަކުން ތަހައްމަލު ކުރަމުން ގެންގޮސްފައިވަނީ އުނދަގޫ ދުވަސްތަކެކެވެ. އެގޮތުން މި ސީޒަންގެ ނިޔަލަށް ޓީވީ ބްރޯޑްކާސްޓިން ފައިދާއިންނާއި، މެޗު ޓިކެޓުގެ ފައިދާއިން ދެ ބިލިއަން ޕައުންޑް ކްލަބުތަކަށް ގެއްލުން ވާނެ ކަމަށް ވަނީ އަންދާޒާކުރައްވައިފައެވެ.

ރިޗާޑް ފާހަގަކުރައްވާފައިވާ ގޮތުގައި އުނދަގޫ ހާލަތުގައިވެސް ކްލަބުތަކުން ވަނީ އިންވެސްޓުކޮށް، ރަނގަޅު ސްކޮޑުތައް ދަމަހައްޓައިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލީގުގެ ފެންވަރު ނުގެއްލި، އިނގިރޭސި ލީގުގެ ވަރުގަދަކަން ދެމެހެއްޓިފައިވާ ކަމަށްވެސް ރިޗާޑް ވަނީ ފާހަގަކުރައްވައިފައެވެ.

ކޮވިޑް 19ގެ ހާއްސަ ހާލަތަކާ ގުޅިގެން މިދިޔަ ސީޒަންގެ މެދުތެރެއިން ކްލަބުތަކުގެ ހުރިހާ ކަމެއް ހުއްޓާލައި، ސީޒަންވެސް މެދުކަނޑާލާފައި އެތައް ދުވަހެއް ވަންދެން ބޭއްވުމަށްފަހު އަލުން ލީގު ފެށީ މިދިޔަ އަހަރު ފަހުކޮޅުގައެވެ. އެ ސީޒަންގެ މެދުތެރެއިން ފެށިގެން ސަޕޯޓަރުންނާ ނުލައި މެޗުތައް ކުޅެފައިވާއިރު، މި ދޭތެރެއަކުން އިނގިރޭސި ސަރުކާރުން ވަނީ ސަޕޯޓަރުން ވައްދަން މަސައްކަތްކޮށްފައެވެ. ލީގުގެ ކްލަބުތަކުގެ ތެރޭގައި ކޮވިޑްގެ ކޭސްތައް އޭރު ގިނަވެ ސަޕޯޓަރުންނަށް އޮތް ފުރުސަތު ހަނިވީ ކޮވިޑްގެ އާ ވޭރިއަންޓަކާވެސް އެކުގައެވެ.