ރާއްޖޭގައި ކޮވިޑަށް ވެކްސިން ޖަހަން ފެށުމާއެކު ސިއްހީ މާހިރުން އިރުޝާދުދެމުން ދިޔައީ ވީހާވެސް ގިނަ ބަޔަކު ކުރީ ބައިގައި ވެކްސިން ޖެހުމަށެވެ. އުމުރުފުރާތަކަށް ބަހާލައިގެން އެކި ދުވަސްމަތިން ވެކްސިން ޖަހަމުން ދިޔައީވެސް ތޮއްޖެހުން ކުޑަކުރުމަށެވެ. އަދި 18 އަހަރުން މަތީގެ އެންމެންނަށް ހުޅުވާލި ނަމަވެސް މިކަމަށް ފުރަތަމަ އެހާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

ނަމަވެސް ފުރަތަމަ ޑޯޒް ޖަހާނީ އަންނަ ހޯމަ ދުވަހާ ހަމައަށް ކަމަށާއި ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިގެން ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ ކަމަށް ބުނުމުން އެންމެން އަވަސްވެގަތީ ވެކްސިން ޖެހުމަށެވެ. ދޭސީއެއް، ބިދޭސީއެއް ބެލުމެއްނެތި މިހާރު ސެންޓަރު ދޮށަށް މީހުން އެއްވެ އެތަންތަން ވަނީ މިހާރު ތޮއްޖެހިފަ އެވެ.

"ގާތްގަަނޑަކަށް ތިން ގަޑިއިރު ކިޔުގައި ހުރެގެން އެންމެ ފަހުން ވެކްސިން ޖެހިއްޖެ. އެކަމަކު ކޮވިޑް ނުޖެހޭނެ ކަމުގެ ގެރެންޓީއެއް ނެތް. މިތާ ކިޔޫގައި ތިބީ ތޮއްޖެހިފައި. ގައިދުރުކަން ބަހައްޓާށޭ ބުންޏަސް، ފިތި ބާރުވެގެން އެންމެން މިތިބެނީ. މި ކިޔޫގައި ކޮވިޑް ޖެހިފައި ހުރި މީހަކު ނެތްކަމެއްވެސް ނޭނގެ." ވެކްސިން ޖެހި މީހަކު އޭނާގެ ފޭސްބުކުގައި ލިޔެފައިވެއެވެ.

ފަސް ގަޑިއިރު ކިޔޫގައި ތިބެން ޖެހުނަސް ސިއްހީ މާހިރުން ވިދާޅުވަނީ ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ޖަހާނެ ކަމަށެވެ. އެހެންނަމަވެސް މިގޮތަށް ފިތި ބާރުވެގެން، ތޮއްޖެހިގެން ނުތިބުމަށް އެތައް އިލްތިމާސެއް ކުރެ އެވެ.

މިއަދުވެސް މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގެ އެތެރެ ފުރި ބޭރުގައިވެސް އެތައް ބަޔަކު އެބަތިއްބެވެ. ދިވެހިންނާއި ބިދޭސީންވެސް ގިނަ އަދަދަކަށް މި ކިޔޫތަކުގައި އެބަތިއްބެވެ. ހަމައެކަނި މާސްކު އެޅުމަކުން ބަލިން ރައްކާތެރިކަމެއް ނުލިބެ އެވެ. އެހެންކަމުން ކިޔޫގައި ތިބޭ އިރުވެސް ގައިދުރުކަން ބަހައްޓަން ކަމާބެހޭ މުއައްސަސާތަކުން އަންނަނީ އިރުޝާދުދެމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ރެކޯޑު އަދަދަކަށް ވެކްސިން ޖަހާފައިވާ އިރު، އެ ދުވަހުވެސް ސޯޝަލް ސެންޓަރުގައި ވެކްސިން ކިޔޫ ދިގުވެ، ވެކްސިން ޖަހަން ޝެޑިއުލްކޮށްފައިވާ ގަޑިއަށްވުރެ ކުރީން ވަނީ ކިޔޫ ބަންދުކޮށް ވެކްސިން ޖެހުން އެދުވަހަށް މެދުކަނޑާލައިފައެވެ.

ރާއްޖޭގައި މިހާތަނަށް 188،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާ އިން ހަދިޔާކުރި 200،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ އިތުރުން ކޮވެކްސް ފެސިލިޓީން ވެސް ރާއްޖެއަށް ވަނީ 12،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފަ އެވެ.

ރާއްޖެއަށް މަދު އަދަދެއްގެ އެހެން ބައެއް ވެކްސިންތައް ލިބިފައިވީ ނަމަވެސް، މިހާތަނަށް ރާއްޖޭގައި ޖެހުމަށް ހުއްދަ ލިބިފައިވަނީ ހަމައެކަނި ކޮވިޝީލްޑް ވެކްސިނަށެވެ.

ޗައިނާ އިން ސައިނޯފާމް ވެކްސިންގެ 200،000 ޑޯޒް ހަދިޔާކުރުމަށް ނިންމާފައިވީ ނަމަވެސް، އަދި އެ ވެކްސިން ރާއްޖެއަށް ލިބިފައެއް ނުވެއެވެ.