ކޮވިޑް ރޯގާގެ ވެކްސިން ނުޖެހުމުގެ ދެރަ އާއި ހިތާމަ އަދި އުނދަގޫ ތަޖުރިބާ ކުރައްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި، އެމްޑީޕީގެ ޕީޖީ ގްރޫޕުުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިހެން ވިދާޅުވީ، މިއަދަކީ އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްވި ފަސްވަނަ ދުވަސް ކަމަށް ވިދާޅުވެ، ޓުވީޓު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެ މެސެޖުގައި އަލީ އާޒިމް ވިދާޅުވީ، މިއަދަކީ އޭނާ ކޮވިޑް ރޯގާ ތަޖުރިބާ ކުރަމުންދާތާ ފަސްވަނައަށްވީ ދުވަސް ކަމަށެވެ.
ގަދަ ހުމާއި ކޮވިޑް ރޯގާގެ ބިރުވެރި އެހެނިހެން އަލާމާތްތަކަށް ފަހު މިއަދަކީ ތަންކޮޅެއް ފަސޭހަ، ތަންކޮޅެއް ލުއި ދުވަހެއް ކަމަށް ވެސް އަލީ އާޒިމް ވިދާޅުވިއެވެ.
އާދޭހަކީ އަދި އެދުމަކީ ހުރިހާ އެންމެން އަވަހަށް ކޮވިޑް ވެކްސިން ޖެހުން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އާދޭހަކީ، އަޅުގަނޑުގެ އެދުމަކީ ތިޔަ އެންމެހައި ބޭފުޅުން އަވަހަށް ވަޑައިގެން ކޮވިޑް ވެކްސިން ޖެއްސެވުން. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ،" އަލީ އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން، މި ބިރުވެރި ރޯގާއިން ސަލާމަތް ކުރުމަށް މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް، ވަކިން ހާއްސަކޮށް ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު