ކޮވިޑް ވެކްސިން ރާއްޖެއަށް ގަތުމަށް އެކަމާބެހޭގޮތުން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާއެކު ދިވެހި ސަރުކާރުން ސޮއިކުރަން ނިންމައިފި އެވެ.

ދިވެހި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ކޮވިޑް ވެކްސިން ގަތުމަށް، އެކަމާބެހޭގޮތުން ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ" އެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކުންފުނިން ގަންނަން އެއްބަސްވީ ހަތް ލައްކަ ވެކްސިން ޑޯޒެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ޝިޕްމަންޓެއް އަދި ރާއްޖެ ލިބިފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާއިމް އަމީރު ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޓެޑާއި ސިރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.

އެ ވެކްސިނަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއިން ވެސް ބޭނުންޖެހިފައިވާ ވެކްސިންއަކަށްވުމާއި އެ ވެކްސިން ލިބެން ހުރީ ވަކި ބައެއްގެ އަތުން ކަމަށްވެފައި، މުޅި ދުނިޔޭގައި ވެސް ވެކްސިން ދޫކުރަމުން އަންނަނީ ޕްރޮކިއުމަންޓްގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ، ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ވެކްސިން ހޯދުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް ގަރާރުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރުގެ ގަރާރުން އަމަލު ނުކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ މާއްދާތައް:

(ހ) މާލިއްޔަތުގެ ގަވާއިދުގެ 10.43

(ށ) މާލިއްޔަތުގެ ގަވާއިދުގެ 10.52

(ނ) މާލިއްޔަތުގެ ގަވާއިދުގެ 10.67

(ރ) މާލިއްޔަތުގެ ގަވާއިދުގެ 10.71

އެ މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާއާއެކު ސޮއިކުރެވޭ އެއްބަސްވުމާ ގުޅޭގޮތުން އެ އެއްބަސްވުމުގެ މުއްދަތަށް ކަމަށާއި އަދި އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާ ގުޅޭގޮތުން އަމަލު ކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށް އެކަން އިއުލާނު ކުރަން ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެކަމަށްޓަކައި ވާ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށާއި އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ ހާއްސަ ސަމާލުކަމެއްދީގެން ބެލެހެއްޓުމަށް އަންގާ ކަމަށް ވެސް މިނިސްޓަރު އަމީރުގެ ގަރާރުގައި ބުނެފައިވެ އެވެ.