މިހަފުތާ ބަންދުގެ އިންޑިއަން އައިޑަލް 12 ޝޯ ހާއްސަ ކޮށްފައިވަނީ '80ގެ އަހަރުތަކުން ފެށިގެން ފިޔަޖަހަން ފެށި ބޮލީވުޑް ތަރި ޖެކީ ޝްރޮފް އަށެވެ. ޖެކީ ކުޅެފައިވާ ''ގޮރިޔަ ރެ ގޮރިޔާ'' އަދި ''ފެނީނެ މުޖަ ބުލަޔަ'' ލަވަ، އިންޑިއަން އައިޑަލް ލަވަކިޔުންތެރިޔާ އަޝިޝް ކުލްކަރްނީ ހުށަހަޅާދިނުމަށްފަހު، ޝޯގެ ތެރެއިން ވަނީ ޖެކީއަށް އޭނާގެ އާއިލާގެ ހާއްސަ ވީޑިއޯ މެސެޖެއް ދައްކާލައިފައެވެ.

މި މެސެޖުގައި އޭނާގެ އަންހެނުން އައިޝާ ޝްރޮފް ވަނީ ރީތި ހަނދާންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އައިޝާ ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ ޖެކީއާ ބައްދަލުވީ އުމުރުން އެންމެ 13 އަހަރުގައި ކަމަށާއި އޭގެފަހުން ވާހަކަ ދެކެވުނީ ރެކޯޑް ޝޮޕެއްގައި އެންމެ ދެ މިނެޓަށް ކަމަށެވެ. އަދި އެ ދުވަހަށްފަހު ގެއަށް ގޮސް މަންމަ ގާތުގައި އޭނާ ކައިވެނި ކުރަންވީ މީހާއާ ދިމާވެއްޖެ ކަމަށް ބުނި ކަމަށް ބުންޏެވެ.

އައިޝާ ބުނީ، އޭގެ ތިން އަހަރު ފަހުން އަނެއްކާވެސް ދެ މީހުން ބައްދަލުވެ، އެކުގައި ބޭރަށްދާން ފެށި ކަމަށެވެ. ޖެކީ އާއި ކައިވެނިކުރަން ނިންމި ނިންމުމަކީ އޭނާއަށް ކުރެވުނު އެންމެ ރަނގަޅު ކަންތައް ކަމަށާއި ޖެކީ އަކީ މުޅި ދުނިޔެއިން ވެސް މީހަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިމީހާ އަދި ދަރިންނަށް އެންމެ ރަނގަޅު ބައްޕަ ކަމުގައި އައިޝާ ބުންޏެވެ.

ޝޯގައި ޖެކީ ޝްރޮފްގެ ދަރިފުޅު އަދި ބޮލީވުޑުގެ އަރަމުން އަންނަ ތަރި ޓައިގާ ޝްރޮފް ވެސް ވަނީ އޭނާގެ ބައްޕައަށް ލޯބި މެސެޖެއް ދީފައެވެ. ޓައިގާ ބުނީ އާއިލާގެ އެންމެން ވެސް ބައްޕައާ ބެހޭގޮތުން ދައްކާނެ ވާހަކަ ކިތަންމެހާ ވެސް ދިގު ކަމަށާއި އޭނާ ބުނެލަން ބޭނުންވަނީ ބައްޕަދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކަ ކަމަށެވެ. އަދި ދިރިއުޅުމުގައި އޭނާ ހާސިލުކުރަން ބޭނުންވާ އޮތީ އެންމެ މަގުސަދެއް ކަމަށާއި އެއީ ބައްޕަ ފަހުރުވެރިކުރުވުން ކަމަށް ވެސް ޓައިގާ ބުންޏެވެ.