ފޯސް ސްޓްރަކްޗާ ދެމެހެއްޓުމާއި ގާބިލު މީހުން ބޭތިއްބުމަށް ރިޓަޔާ ކުރެވިދާނެ ކަަމަށް ސިފައިންގެ ރިޓަޔާމަންޓު ގަވާއިދުގައި ހިމަނަން ސިފައިންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

މަޖިލީހުން ފާސްކޮށްފައިވަނީ ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް ފަހަކާއި ހައެއްގެ ގޮތުގައި ދެ އަކުރެއް އިތުރު ކުރުމަށެވެ. އެ ގާނޫނުގެ 30 ވަނަ މާއްދާއަކީ ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކި ވުމާބެހޭ މާއްދާއެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ ސިފައިންގެ މީހަކު އެ މީހެއްގެ ވަޒީފާއިން ވަކި ކުރެވިފައިވަނީ އެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުންކުރެ ހާލަތެއްގައި ކަމަށް ނުވާނަމަ، ސިފައިންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ އެ ގާނޫނުގެ ދަށުން ހަދާ ރިޓަޔަމަންޓު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއް ކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށެވެ. (ށ) ގައި ބުނެފައިވަނީ ސިފައިންގެ މީހަކު ރިޓަޔާ ކުރެވޭނެ އަންނަނިވި ގޮތްތައް ސިފައިންގެ ރިޓަޔާމަންޓް ގަވާއިދުގައި ހިމަނަންވާނެ ކަމަށެވެ.

އެގޮތުން (ށ)ގެ އެކެއްގައި ކަނޑައަޅާފައިވަނީ ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމެވެ. ދޭއްގައި ކަނޑައަޅާފައިވަނީ، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއްމަގާމެއްގައި ހުރުން، ތިނެއްގައި ސިއްހީ ހާލަތު ތަން ނުދިނުން އަދި ހަތަރެއްގައި އަމިއްލައަށް އެދިގެން ވަކިވުމެވެ.

އޭގެ ފަހަތަށް ފަސް ވަނަ ނަންބަރެއްގެ ގޮތުގައި، ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމަށް އަދި ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަންދިނުން، ހިމެނުމަށް މަޖިލީހުން ފާސްކުރި އިސްލާހުގައިވެއެވެ.

ސިފައިންގެ ގާނޫނަށް މި އިސްލާހު ގެނައުމުގެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލުގައި ބުނެފައިވަނީ ބިލުން ގެނެވޭ ބަދަލާއެކު ސިފައިންގެ ރިޓަޔާމަންޓް ގަވާއިދުގައި ސިފައިންނަށް ރިޓަޔާ ކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.