އޮސްކާ އަށް ނޮމިނޭޓް ވެފައިވާ ކަރިޝްމާ ޑުބޭގެ ކުރު ފިލްމު ''ބިއްޓޫ'' ގެ ލީޑު ރޯލުން ފެނިގެންދާ ދެ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް އިސްނަގާފައިވާ ހަރަކާތަށް ޕްރިޔަންކާ ޗޯޕްރާ ޖޯންސް އެހީތެރިވާން ނިންމައިފި އެވެ.

ދޭވް ޑުބޭ ލިޔެ ޑައިރެކްޓު ކޮށްފައިވާ 17 މިނެޓުގެ އެ ކުރު ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ އިންޑިއާގެ އުއްތަރްކަންދަށް އުފަން އަދި އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ދެކުދިން ކަމަށްވާ ރާނީ އަދި ރޭނޫ ކުމާރީ އެވެ. ފިލްމުގައި ހައިރާންވާ ފަދަ މޮޅު އެކްޓިން އެއް ދެކުދިންގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު، ހާއްސަ ކަމަކީ މީގެ ކުރިން ދުވަހަކު ވެސް އެ ދެކުދިން ކެމެރާ ކުރިމަތީ މަސައްކަތް ކޮށްފައި ނުވުމެވެ.

މި ފިލްމުގެ ކާސްޓިންއަށާއި މޮޅު ލިޔުންތެރިކަމަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނައިރު، ރާނީ އަދި ރޭނޫ އަށް ތައުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ ''އިންޑިއަން ވިމެން ރައިސިން'' އިންނެވެ. މި ޖަމިއްޔާގެ ފައުންޑަރުންގެ ގޮތުގައި މަޝްހޫރު އެކްތާ ކަޕޫރު، ގުނީތު މޮންގާ، ތާހިރާ ކަޝްޔަޕް ހުރާނާ އަދި ރުޗިކާ ކަޕޫރު ޝެއިހް ހިމެނެއެވެ.

ރާނީ އަދި ރޭނޫ ކުމާރީ، ޕްރިޔަންކާއާ ބައްދަލުވެފައިވަނީ ވަރަށް ފަހުން އީ-މީޓިން އަކުންނެވެ. މި ބައްދަލުވުމުގައި ފިލްމު ކުޅުމުގައި އެކުދިން ކުރި ތަޖުރިބާ އާއި އޮސްކާސް އަށް ނޮމިނޭޓުވުމުން ކުރެވޭ އިހުސާސްތަކާއި މިނޫން ވެސް ގިނަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ.

ޕްރިޔަންކާ ވަނީ މި ފިލްމުން ދައްކުވައިދޭ ހަގީގީ ވާހަކަ އާއި ފިލްމުގެ މޮޅު ކަމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އަދި ޕްރިޔަންކާ ވަނީ ހާއްސަ ވީޑިއޯއަކުން، އެ ފިލްމު ބެލުމަށާއި ރާނީ އަދި ރޭނޫ ކުމާރީއަށް އެހީތެރިވެދިނުމަށް އޭނާގެ ސަޕޯޓަރުންގެ އަރިހުން އެދިފަ އެވެ.