ރާއްޖެ ތަރައްގީ ކުރުމުގައި ޗައިނާގެ ރޯލު ވަރަށް ބޮޑު ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާ އަށް ދެއްވި 'އެކްސްކުލޫސިވް' އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ޗައިނާގެ މަސައްކަތްތެރީން ރާއްޖޭގައި ތިބެ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ މުހިންމު އަދި އިތުބާރު ކުރެވޭ ބައިވެރިއަކަށް ޗައިނާ ވަނީ ވެފައި،" ޗައިނާއިން ރާއްޖޭގެ އިގްތިސޯދާއި އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޗައިނާގެ ކުންފުންޏަކުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވިކަން ފާހަގަކުރައްވައި ރައީސް ސޯލިހާ ހަވާލާ ދީ ޒިންހުއާ އިން ބުނީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ގެ ދަށުން ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު އެތަންތަނަށް ގޮސް ޗައިނާ މަސައްކަތްތެރިންގެ މަސައްކަތްތައްވެސް ބަލާފައި ވާނީ،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާއިން ވެދިން އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި ވިދާޅުވީ، ބަލިމަޑުކަމުން އަރައިގަނެ ރާއްޖޭގެ އިގްތިސޯދު ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ޗައިނާގެ އެހީތެރިކަން މެދުނުކެނޑޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މަޝްރޫއުތައް ޗައިނާއާ ގުޅިގެން ކުރުމުގެ ޝައުގުވެރިކަން ރައީސް ވަނީ ފާޅުކުރައްވާފަ އެވެ.

ދުނިޔޭގެ ފެންވަރުގައި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ރާއްޖެ އިން ޗައިނާއާ އެކު ގާތުން މަސައްކަތް ކޮށްފައިވާ ކަމަށް ރައީސާ ހަވާލާ ދީ ޒިންހުއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި މުސްތަގުބަލުގައި ވެސް އެގޮތުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކެރެއްވި ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.