ރައީސް އޮފީހުން މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ކުށްވެރިއަކު ދޫކޮށްފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުގެ ބޭފުޅަކު ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކުށްވެރިންނަށް މައާފުދެމުން އަންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުށްވެރިން ޖަލުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށެވެ.

އެއް ގޮތަކީ ކްލެމެންސީ ބޯޑަށް ކުށްވެރިއަކު މައްސަލަ ހުށައެޅުމުން އެ މައްސަލައެއް ބެލުމަށްފަހު ފޮނުވުމުން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ކުށްވެރިއަކަށް ލުއި ދިނުމެވެ. ދެވަނަ ގޮތަކީ ކްލެމެންސީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ގައިދީއެއްގެ ހުކުމުގެ ހަތަރު ބައިކުޅަ އެއް ބައި ފުރިހަމަކޮށްފައިވާނަމަ، އެ މީހެއްގެ ސިއްހީ ހާލަަތަށް ބެލުމަށްފަހު ލުއިދިނުމެވެ.

ރައީސް ވިދާޅުވީ ދެ މިންގަނޑަށް ބަލައިގެން ގައިދީންނަށް މައާފު ދިނުމާއި އަދަބު ލުއިކޮށްދޭއިރު ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކުށްވެރިޔާގެ މައުލޫމާތު ހޯދައި، އޭނާއަކީ އެއީ މުޖުތަމައުއަށް ދޫކޮށްލަން އެކަށީގެންވާވަރުގެ މީހެއްތޯ ބަލާ ކަމަށެވެ.

"އަޅުގަނޑު ޔަގީންކަމާއެކު މިދަންނަވަނީ ރައީސް އޮފީހުގެ ތެރެއިން މީހެއްގެ އަތުން ފައިސާ ނަގައިގެން ކުއްވެރިއަކަށް ލުއިދީފައެއް ނޯންނާނެ. އެ ޔަގީންކަން އަޅުގަނޑު އެބައޮތް. އެކަމެއް އަޅުގަނޑު ނުވެސް ކުރާނަން." ރައީސް ވިދާޅުވި އެވެ.