ދިހަވަނަ ބައި
އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަމެއް ގެނެސްދިން މީހަކީ މާމަ. މާޒީ އާ ނުލާ ދިރއުޅުން ކުރިއަށްގެންދަން ދަސްކޮށްދިނީ މާމަ. އަހަރެންނަށް ދިހަ އަހަރުގައި ކުރިމަތިލާންޖެހުނީ ވަރަށް ނުރައްކާތެރި ބައްޔަކާ. އަލްހަމްދުލިﷲ. އަހަރެން ސަލާމަތްވި. އެކަމަކު އެހަނދާންތަކާ ދުރަކަށް ނުދެވުނު" ވިއާން ވާހަކަދެއްކިއެވެ. ކުރިމަތީގައި ހުރެ ވިއާން ރޮމުންދާ މަންޒަރު ފެނި އަހަރެންގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. ފެންކަޅިވެފައިވާ ހާލު އަހަރެންނަށް ހުރެވުނީ ވިއާނަށް ބަލަހައްޓައިގެންނެވެ.
"އޭނަ ވިއާނަށް ބޭވަފާތެރިވީ ކީއްވެ؟" އަހަރެންނަށް އެހުނެވެ. ވިއާނަށް ބޭވަފާތެރިވި އަންހެނަކަށް އަހަރެން ދުވަހަކުވެސް މަޢާފެއް ނުކުރާނަމެވެ. އަހަރެންގެ ނަޒަރުގައި ވިއާނަކީ މީހަކު ބޭވަފާތެރިވާނެ ވަރަށް ވުރެ މާ ލޯބި މީހެކެވެ. ހިތްހެޔޮ އޯގާތެރިއެކެވެ. ރީތި މީހެކެވެ. ތަފާތު މީހެކެވެ. ހަރުދަނާ މީހެކެވެ. ވިއާން ދޫކޮށްލާފައި ދާނީ ހިތެއް ނެތް އިންސާނެއްކަން ޔަގީނެވެ.
"އެ އަންހެނާއަށް މަދުވީ ކޯޗެއް؟ ދެލޯ ނެތް މީހެއްތަ؟ ދޫކޮށްލާފަ ދަމުން އަދި އެލޯބި ލޯބި ވީނާވެސް ގެންދިޔައީ. ވިއާން ދަރިފުޅު ހޯދަން އެެއްވެސް މަސައްކަތެއް ނުކުރަންތަ؟" އަހަރެންނަށް އެހުނެވެ. ކަރުނަތަކާއެކު ވިއާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
"މަލް، ތި ވިސްނަނީ ނުބައިކޮށް" ވިއާން އަހަރެންނާ ގާތަށް ފިޔަވަޅެއް އެޅިއެވެ. އަހަރެން ކުރިމަތީގައި ހުއްޓިފައި ވިއާންގެ ދެއަތުން އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފާ އުފުލައިިލިއެވެ. ވިއާންގެ އެ ހަރަކާތުން އަހަރެންގެ އަނގައިން ބަސް ހުސްވި ކަހަލައެވެ. އެެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަންވެސް ނޭނގުނެވެ. ވިއާންގެ ފުން ދެލޮލަށް އަނެއްކާވެސް އަހަރެން ގެއްލިއްޖެއެވެ.
"އަހަރެންނަށް އެއްވެސް މީހަކު ބޭވަފާތެރިއެއްނުވޭ. އެއީ އަހަރެންގެ ތަގުދީރު" ވިއާން ބުނެލިއެވެ. ވިއާންގެ އެ ޖުމްލައާއެކު އަހަރެންގެ ތަފާތު ނަޒަރު މަޑުމަޑުން ހައިރާންކުރުވަނިވި ނަޒަރަކަށް ބަދަލުވިއެވެ. އަނެއްކާވެސް ހިތުގައި ސުވާލެއް އުފަންވެލިއެވެ. ވިއާނަށް އެއްވެސް މީހަކު ބޭވަފާތެރިނުވެއެވެ. އަނެއްކާ އެ އަންހެންމީހާ ކުއްވެރިކުރަން ވިއާން ބޭނުންނުވަނީ ހެއްޔެވެ؟ އަދިވެސް ވިއާން އެ އަންހެނާ ދެކެ ލޯބިވަނީ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު އަހަރެންގެ ހިތުގައި ރިހުމެއް އުފެދުނެވެ.
"އަދިވެސް އެހާ ލޯބިވޭތަ؟" އަހަރެންނަށް އެހުނެވެ.
"ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވެވިއްޖެ" އަހަރެންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ވިއާން ބުނެލިއެވެ. އަހަރެންނަށް ހީވީ ދެކަކުލުން ވާގިދާން އުޅުނު ހެންނެވެ. ވިއާން ވީނާ މަންމަދެކެ ލޯބިވާކަމަށް އަހަރެންގެ ކުރިމަތީގައި އިއުތިރާފު ވެއްޖެއެވެ. އަހަރެންނަށް މިޖެހުނީ ވިއާނަށްޓަކައި އަހަރެންގެ ހިތުގައިވި ލޯބި ކަފުންކޮށް ވަޅުލާށެވެ. އެއްވެސް މީހެއްގެ ކުރިމަތީގައި އެ އިހުސާސް ފާޅުނުކުރެވުނުކަން ނަސީބެވެ.
"ވިއާން..." އަހަރެންގެ މޫނުން އަތް ނައްޓާލާފައި ވިއާން ހިނގައިގަތެވެ. އަހަރެން ގޮވައިލުމުންވެސް ބަލައިނުލިއެވެ. މާޒީ ހަނދާންވުމާއެކު ވިއާން މާބޮޑަށް ދެރަވީ ކަންނޭނގެއެވެ.
***
ފެންވަރަން ހުރިއިރުވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ވިއާނާ މެދުގައެވެ. އަދިވެސް ވިއާންގެ ކަރުނަތަކުން ފުރިފައިވި ދެލޯ އަހަރެންނަށް ފެންނަ ކަހަލައެވެ. މީހުން ބުނަނީ ތެދެކެވެ. ދިރިއުޅުމުގެ ކަންކަމާމެދު ގޮތްނިންމަން އެންމެ އެކަށީގެންވާ ތަނަކީ ފާހާނާއެވެ. މީހެއްގެ އުނދަގުލެއްނެތި ހިތާ ސިކުނޑި އެއްގަލަކަށް އަރައި ވާހަކަދައްކަން މިއީ އެންމެ ރަނގަޅު ތަނެވެ. އަހަރެންގެ ހިތާ ސިކުނޑި ފުރަތަމަ ފަހަރަށް އެއް ލަވައެއް ކިޔައިލިއެވެ. ގޮތެއް ނިންމީ ހާދަ ފަސޭހައިންނެވެ. ވިއާންގެ މަންމަ އާ ހޯދަން އަހަރެން ބޭނުންމިވީ ކީއްވެގެން ހެއްޔެވެ؟ މިހާރުވެސް ވިއާންގެ ހިތުގައި އޭނާގެ މަންމަ އާ މެދު ލޯތްބެއް ނެތެވެ. އެ މަންމަ ވިއާނާ ހަމައަށް ގެނެސް ވިއާނާ މެދު އެހާ އިހާނެތިކޮށް ކަންތައްކުރި ގޮތާމެދު ސުވާލު ކުރަން އަހަރެން މިއީ ކާކު ހެއްޔެވެ؟ އަހަރެން މިގޮތަށް ވިސްނިކަން އިނގުނަސް ވިއާން ހިތްހަމަނުޖެހޭނެކަން ޔަގީނެވެ.
ރޭގަނޑު އިޝާގެ ފަހެވެ. ކައިނިމިގެން އަހަރެން އިނީ ސޯފާގައެވެ. ކުރިމަތީގައި ޓީވީ ހުޅުވާފައި ހުއްޓަސް އަހަރެންގެ ނަޒަރު ޓީވީއަށް އަމާޒުވެފައި ނެތެވެ. އަތުގައި އޮތް ފޯނަށް ބެލެމުން ދިޔައީ ރީޝަމްގެ މެސެޖަކަށް އިންތިޒާރުކުރެވޭތީއެވެ. ފަހަތުން މީހެއްގެ ހިލަންވެގެން ބަލައިލިއިރު ވިއާން ހުއްޓެވެ. އާދައިގެ މަތިން ވިއާން ލައިގެން ހުރީ ގޭތެރޭގައި ލައި އުޅޭކަހަލަ ޓީޝާޓާކާ ސޯޓެކެވެ.
"މަލްގެ ބެސްޓީ އަދިވެސް ނާދޭތަ؟" ވިއާން އެހިއެވެ. އޭނާ މަޑުކޮށްލައިގެން ހުރީ ސޯފާގެ ފުރަގަހުގައެވެ.
"ބުނި އެބަދަމޭ" އަހަރެން ބުނީމެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" ހިނދުކޮޅަކު ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެ އިނދެފައި އަހަރެން ބުނީމެވެ. ވިއާން ބޯޖަހައިލިއެވެ. އަހަރެން އެނބުރިފައި ވިއާންގެ މޫނަށް ބަލައިލީމެވެ.
"އަހަރެން ރީޝަމްމެން ގެއަށް ދާން ވިއާން ބޭނުންނުވީ ކީއްވެ؟ ކޮންމެފަހަރަކު ރީޝަމް އަންނަނީ އަހަރެން ބަލާ. އެއީ ރަނގަޅު ގޮތެއް ނޫނެއްނު" އަހަރެން އެހީމެވެ.
"އެއީ މަލްއަށް ކަމެއްވެދާނެތީ އަހަރެން ބިރުގަނޭ. ރޭގަނޑު އަންހެންކުއްޖަކު މީހަކާ ނުލާ މަގުމަތީގައި އުޅޭކަށް ނުވާނެ. މަގުމައްޗަކީ އެއްވެސް އިރެއްގައި އަންހެންކުއްޖަކަށް ފުރިހަމަ ރައްކާތެރިކަން ލިބޭ ތަނެއްނޫން" ވިއާން ބުނެލިއެވެ. އަހަރެން ހިތްހަމަޖެހުނެވެ. ވިއާންގެ ހިތުގައި އަހަރެންނަށްޓަކައި 'ލޯތްބޭ' މި ކިޔާ ޖަޒުބާތު ނެތަސް އޭނަ އަހަރެންނާ މެދު ވިސްނާކަން އިނގިއްޖެއެވެ. އަހަރެންނަށް ރަހުމުކުރާކަން އިނގިއްޖެއެވެ.
"އަހަރެން އެބަ ގެންގުޅެމޭ" އަހަރެން ބުނީމެވެ.
"ކޯޗެއް" ވިއާން އެހިއެވެ. އަހަރެންނަށް ހެވުނެވެ. އެ އެއްޗެއްގެ ނަން ބުނެފިއްޔާ ވިއާން އަހަރެންނަށް މަލާމަތްކުރާނެކަން ޔަގީނެވެ.
"ބުނެބަލަ ކޯޗެއް ގެންގުޅެނީ" ވިއާން އެހިއެވެ.
"މިރުސް ސްޕްރޭ. ކޮލެޖަށް ދިޔަސް އަބަދު ދަބަހުގަ އޮންނާނެ. ލާހިކެއްނޫން އެއްވެސް މީހަކަށް އަހަރެންނަށް ކަމެއް ކުރާކަށް" ގަދަވެލާފައި އަހަރެން ބުނީމެވެ. ވިއާން ހޭން ފެށިއެވެ. އަހަރެން ދުވަހަކުވެސް ވިއާން އެގޮތަށް ހެނިކޮށް ނުދެކެމެވެ. އަހަރެން ބުނި އެއްޗެއް ޖޯކަކަށް ވެގެން ވިޔަސް ހެވެވެ. އަހަރެންގެ ސަބަބުން ވިއާން އެވަރަށް ހޭތީ އަހަރެންގެ ހިތަށް އިންތިހާ ދަރަޖައިގެ އުފާވެރިކަން ލިބިއްޖެއެވެ.
"އެގުޅަނީ. ދަނީ" ވިއާން ހުނުން މައިތިރިކޮށް އަހަރެންނަށް ބަލައިލި ވަގުތު ބުނީމެވެ.
"މަލް'" ހަރު ކައިރީގައި ހުރެ ފައިވާނަށް އަރަނިކޮށް ވިއާން ގޮައިލިއެވެ.
"މިރޭ މަލް ވަރަށް ލޯބި" ވިއާން ބުނެލިއެވެ. ވިއާން އެހެން ބުނި ވަގުތު އަހަރެން އަތުން ފައިވާން ދޫނުވީ ކިިރިޔާއެވެ. އަވަސް އަވަހަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލާފައިވެސް ހަމަ އެހިނދުގައި ވިއާނަށް ދެވަނަ ނަޒަރެއްދޭން އަހަރެންގެ ހިތް މަޖުބޫރު ކުރުވިއެވެ. ލަސްލަހުން ހިނގާފައި ގެއިން ނިކުމެފައި ވިއާނަށް ޝުކުރުއަދާނުކުރެވޭކަން ހަނދާންވިއެވެ. ރީޝަމްގެ ސައިކަލް ފަހަތަށް އަރާފައި އަހަރެން ފޯނު ނަގާފައި ވިއާނަށް މެސެޖްކުރީމެވެ. ސައިކަލް ނައްޓައިލުމުގެ ކުރުމުގެ ކުރިން އަހަރެން ބަލައިލިއިރު ވިއާން ދޮރާ ހަމައަށް ނިކުމެ ހުއްޓެވެ.
އަހަރެމެން މަޑުކޮށްގެން ތިބީ ރީޝަމްގެ ފިރިމީހާގެ ހިއްސާ އޮންނަ ރެސްޓޯރަންޓެއްގައެވެ. އެންމެ މަތީގައި ސާފުވައި ލިބޭ ހިސާބު ކާއެއްޗިއްސަށް އޯޑަރ ކޮށްގެން ތިބީމެވެ. އޭރުވެސް އަހަރެންގެ ކަންފަތުގެ ހިނދުރީގައި ހިފައިލާފައި ހުރީ ވިއާން އެންމެ ފަހުން ބުނެލި ޖުމްލައެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"އަހަރެންނަށް ވަރަށް ހީވޭ މަލްއަށް މީހަކުދެކެ ލޯބިވެވިއްޖެހެން" ރީޝަމް ބުނެލިއެވެ. އަހަރެންނަށް ތެޅިގަނެވުނެވެ. ރީޝަމް އެހެން އެބުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ މޫނުގައި އެހެން ލިޔެފައި އޮތީ ހެއްޔެވެ؟
"އެއީ ކާކު؟ ޕްލީޒް ބުނެބަ. މަލް އެމީހަކާއެކު ވަރަށް އުފަލުގަ އުޅޭތަން އަހަރެން ވަރަށް ބަލައިލަން ބޭނުން" އަނެއްކާވެސް ރީޝަމް ވާހަކަދެއްކިއެވެ.
"ރީޝަމް ތިބުނީ ރަނގަޅަށް. އަހަރެންނަށް ލޯބިވެވިއްޖެ" އަހަރެންނަށް ބުނެވުނެވެ. އަހަރެން ހައިރާންވިއެވެ. ދުވަހަކުވެސް މީހެއްގެ ކުރިމަތީގައި ވިއާން ދެކެވާ ލޯބި ފާޅުނުކުރަން އަހަރެން ހުރީ ނިންމައިގެންނެވެ. ރީޝަމް ހަމަ އެހާލާއިރަށް އެކަމަށް އަހަރެންނަށް އިއުތިރާފު ވެވުނީ ކީއްވެގެން ހެއްޔެވެ؟
"އަހަރެންނަށް އޭރުވެސް ހީވި. އެއީ ދޯ ވިއާނަކީ. އަހަރެންނަށް ޔަގީން އެސޮރަށްވެސް މަލް ވަރަށް ކަމުދާކަން" ރީޝަމް ވާހަކަދެއްކިއެވެ. އަހަރެންގެ ހައިރާންކަން އިތުރުވިއެވެ. އެހުރިހާކަމެއް ރީޝަންއަށް އިނގެނީ ކިހިނެއް ހެއްޔެވެ؟ ވިއާންގެ ނަންވެސް ރީޝަމްއަށް އިނގިއްޖެއެވެ. ޔަގީނުންވެސް ރީޝަމާއެކު އަހަރެން ހޭދަކުރި އެއްވެސް ވަގުތެއްގައި އަހަރެން ވިއާންގެ ވާހަކައެއް ނުދައްކަމެވެ.
"ރީޝަމްއަށް އިނގޭތަ ވިއާން" އަހަރެން އެހީމެވެ.
"މާބޮޑަކަށް ނޫން" ރީޝަމް ބުނެލިއެވެ.
"ކިހިނެއް އިނގެނީ" އަހަރެން އެހީމެވެ.
"ފިރިމީހާ އާ އެއް އޮފީހެއްގަ މަސައްކަތްކުރަނީ. އެކަމަކު ދެ ސެކްޝަނެއްގަ. އެހެންވެ އިނގެނީ" ރީޝަމް ބުނެލިއެވެ.
"ރީޝަމްގެ ފިރިމީހާ ވިއާންގެ އެއްވެސް ވާހަކައެއް ދެއްކިތަ؟ މިބުނީ އޮފީސްތެރޭގަ އުޅޭ ގޮތުގެ ވާހަކަ. ނޫނީ ރީޝަމްގެ ފިރިމީހާ އާ ވިއާން ވަރަށް ބޮޑަށް ރައްޓެހިތަ؟ ވިއާންގެ އެއްވެސް ކަމެއް އޭނައަށް އިނގޭތަ؟" އަހަރެންނަށް އެހުނެވެ. މާބޮޑަށް ތެޅިގަނެވުނުކަން އިނގުނީ ރީޝަމް ހީލުމުންނެވެ.
"މަލް، ސާބަހޭ. ވަރަށް ވެފައެއްނު ތިހުރީ. އަނެއްކާ އެސޮރު ކިހިނެއް ހެދީ" ރީޝަމްގެ އަޑުގައިވީ ސަމާސާއެވެ.
"ތެދަށް ބުނަންޏާ ވިއާންގެ މާގިނަ ކަންކަމެއް އަހަރެންނަށް ނޭނގޭ. އިނގޭ އެއްޗަކީ އޭނާގެ މަޑުމައިތިރިކަމާ ރިވެތި އަހްލާގް. އެހެން ފިރިހެންކުދިންނާ ހާސްބައި ތަފާތު" އަހަރެން ބުނީމެވެ.
"ހީވަނީ އާލިމަށްވެސް އިނގެނީ މަލްއަށް ތި އިނގޭ ވަރަށްހެން. އިތުރު އެއްޗަކަށް ބުނީ ވިއާންގެ ރަނގަޅު ވާހަކަ. އޮފީސްތެރޭގައިވެސް މީހުން އޭނާދެކެ ލޯބިވާ ވާހަކަ. ހާއްސަކޮށް މިނިސްޓަރ. އަދި ބުނި ވިއާންގެ ފަހަތުން އެތައް އަންހެންކުދިންނެއް އުޅެޔޭ. ހަމަ ފާޅުގަ މީހުން ކުރިމަތީގަވެސް އެބަހުއްޓޭ އޭނަ އާ ފްލާޓްކޮށްފަ. އެއިން އެއްވެސް ކަމަކަށް ވިއާން ޝައުގުވެރިކަމެއް ނުހުރެޔޭ. އެހެންވެ ވިއާނަށް ކަމުދަނީ ފިރިހެނުންނޭ ބުނެ ބައެއް މީހުން ވިއާނަށް ހަނގާކުރި ކަމަށްވެސް ބުނި. އެކަމަކު އެމީހުންވެސް މިހާރު ގަބޫލުކުރެއޭ ވިއާންގެ ހިތްހެޔޮކަމާ ރަނގަޅުކަން. އިނގޭތަ! ބޯޑަށް ގެންގޮސް އެމައްސަލަ ތަހުގީގު ކުރަން އުޅުމުން ވިއާން އެދުނުކަމަށް ވަނީ އޭނަ މައްސަލަ ޖައްސަން ބޭނުންނުވާކަމަށް. އާލިމް ބުނީ ތިމަންނަ ވިއާނާ ގާތް ގުޅުމެއް އުފައްދަން މަސައްކަތްކުރީ އޭގެފަހުންނޭ. އަދި އެހާ ރައްޓެހިނުވެވެޔޭ. އެކަމަކު މަސައްކަތް އެބަކުރަމޭ ވިއާނާ ވަރަށް ގާތަށް ދެވޭތޯ" ރީޝަމް ވާހަކަދެއްކިއެވެ. ވިއާނާ ބެހޭގޮތުން އާ ކަންތައްތަކެއް އިނގުމުން އަހަރެންނަށް އެރެއަށް ފުދުނެވެ. ހަމަޖެހުމުގެ ނޭވައެއްލާފައި އިތުރު އެއްޗެއް އަހަން އުޅުނު ވަގުތު އޯޑަރ ކުރި ކާއެއްޗެހި އަތުވެއްޖެއެވެ.
"އަދި އިނގޭތަ އާލިމް ބުނި ވަރަށް އެހެން ކަހަލަ ވާހަކައެއްވެސް ވިއާނާ ބެހޭގޮތުން" ރީޝަމް ބުނެލިއެވެ. އުލާ ސަމްސަލުގައި އަތް ލާފައިވެސް އަލުން އަހަރެން އިންގޮތަށް އިނދެ ރީޝަމްއަށް ސަމާލުކަން ދެވިއްޖެއެވެ.
"ބުނީ ތިމަންނަ ކުރީ ދުވަހެއްގަ ވިއާން ގޮވައިގެން އެރީމޭ ކޮފީއަކަށް. އޮފީސް ގަޑީގަ. ބުނެބުނެ އެއްބަހެއް ނުވިއޭ އޮފީސް ނިންމާފައި ދާކަށް. އެހެންވެގެންނޭ އެގަޑީގަ އެރީ" ރީޝާމް ބުނެލިއެވެ.
"އާނ ވިއާން އޮފީހަށް ނޫން ގޮތަކަށް ނުދާނެ ބޭރަކަށް. ގެއަށް މަސް އެއްޗެހި ގަނެގެން ގެންނަން އޭނަ ހުންނަނީ ބޭރު މީހަކާ ހަވާލުކޮށްފަ ރުފިޔާ ދީފަ" އަހަރެންނަށް ބުނެވުނެވެ.
"އަސްލު ކީއްވެތަ؟ އާލިމް ބުނީ ތިމަންނައަށް ވަރަށް ހީވެޔޭ ވިއާންގެ ވަރަށް އެހެންކަހަލަ ސިއްރެއް ފޮރުވިފަވާހެން. ވާހަކަތަކުން ތިމަންނައަށް ވިސްނުނޭ. ވިއާން ބުންޏޭ އޭނަ ދުވަހަކުވެސް ކައިވެންޏެއް ކުރަން ބޭނުންނުވާކަމަށް. އެހެންވެގެންނޭ އޭނަ އަންހެންކުއްޖަކާއެކު ލޯބީގެ ގުޅުމެއް ބާއްވަން ބޭނުންނުވަނީ. އެސަބަބު ހޯދަން އާލިމް ވަރަށް މަސައްކަތް ކުރީމޭ. އަދި ކާމިޔާބެއް ނުވެޔޭ ބުނީ" ރީޝަމް ބުނެލިއެވެ.
"އާނ އޭނަ ކުރިން މީހަކާ އިނޭ. ދަރިއަކުވެސް ހުރޭ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ދަރިފުޅު ހުންނަނީ އޭނަ އާ ދުރުގަ. އަހަރެންނަށްވެސް ވިއާންގެ ކޮޓަރިން ވީނާގެ ފޮޓޯއެއް ފެނުނީމަ އިނގުނީ" އަހަރެން ކިޔައިދިނީމެވެ.
"އޭނ... އެކަމަކު އާލިމް ކައިރީގައި ވިއާން ބުންޏޯ އޭނަ ދުވަހަކުވެސް އަދި ކައިވެންޏެއް ނުކުރަމޭ. އޭނަގެ ހުރިހާވެސް މީހަކީ މާމަ އޭ. ދެން ކިހިނެއް ދަރިއަކު ހުންނާނީ. ބުންޏޯ އެއީ މާކުރިން އޭނަގެ ތަގުދީރުގަ ލިޔެވިފައިވާ ގޮތޭ" ރީޝަމް ވާހަކަދެއްކިއެވެ. އަހަރެންނަށް އެވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. ވިއާންގެ ދަރިއަކު ނުހުންނާނީ ކިހިނެއް ހެއްޔެވެ؟ ވީނާއަކީ ވިއާންގެ މާޒީކަމަށް ހުދު ވިއާންވެސް ވަނީ އެއްބަސްވެފައެވެ. މިވާގޮތެއް އެއްވެސް ވަރަކަށް އަހަރެންނަކަށް ނޭނގުނެވެ.
"ވަރަށް ބޮޑަށް ބޮލުގައި ރިއްސަން ފަށައިފި. ހަމަ ތެދެއް މިބުނީ. ވިއާން އަހަރެން ސިކުނޑިއާ ވަރަށް ބޮޑަށް ކުޅެލައިފި" އަހަރެންނަށް ބުނެވުނެވެ.
"ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ. އަހަރެންނަށް އާލިމްގެ ފަރާތުން އިނގޭ ވަރަކަށް މަލްއަށް ކިޔައިދޭނަން. އެހެންނޫނަސް އަހަރެންނަށް އިނގޭ އެއްޗެއް އެބައޮތް" ރީޝަމް ބުނެލިއެވެ.
"ވިއާން ހިތުން އެއްވެސް އަންހެނަކަށް ނޭދެޔޭ ބުންޏަސް އެއީ ދޮގެއް. ވިއާނަށް މަލް ވަރަށް ކަމުދޭ. އެހެންނޫނަމަ މަލް އާ މެދު އޭނާ އެވަރަކަށް ނުވިސްނާނެ. ސައިކަލަށް އަރައިގެން ދަންދެން ގޭދޮރުމަތީގައި ނުހުންނާނެ. އެވަރަކަށް ފޯނަކަށް ނުގުޅާނެ" ރީޝަމް ނަޒަރު މޭޒުމަތީގައި އޮތް އަހަރެންގެ ފޯނަށް ހުއްޓުނެވެ. ތެދެކެވެ. އަހަރެންގެ ފޯނަށް މިހާރުވެސް ވިއާން އެދަނީ ގުޅަމުންނެވެ. ރީޝަމްގެ ވާހަކަތަކާ ޝައުގުވެރިވެފައި އިންވަރުން ފޯނު ވައިބްރޭޓްވަމުންދާކަން ނޭނގުނީއެވެ.
***
ގެއަށް އައި މަގުމަތީގައި ވެސް އަހަރެންގެ ވިސްނުންތަކާ ގުޅިފައިވީ ވިއާނާ ގުޅިގެން ރީޝަމް ދެއްކި ވާހަކަތަކެވެ. ވިއާންގެ ކޮޓަރިން އެފެންނަ ތަސްވީރެވެ. ވިއާނެކޭ އެއްފަދައިން ވީނާވެސް އަހަރެންގެ ސިކުނޑި ކަމުންދިޔައެވެ. ދުވަހަކުވެސް ދިރިއުޅުމެއް ފަށަން ބޭނުންނުވާކަމަށް ވިއާން އެބުނަނީ ކީއްވެގެން ހެއްޔެވެ؟ ވިއާންގެ ހަޔާތުގައި ފަހަތަށް ގޮސްފައިވަނީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ ވިއާންގެ އުފާތަކަށް ހުރަހަކަށް ވެފައިވަނީ ކޮންކަމެއް ހެއްޔެވެ؟ ރީޝަމް ބުންޏަސް ވިއާނަށް އަހަރެން ކަމުދާނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކުވެސް އެފަދަ އިޝާރާތެއްވެސް ވިއާން ދީފައެއްނެތެވެ. ވިއާން އަހަރެން ދެކެނީ އާއިލާ ފަދައިންނެވެ. އެގޮތަށް ބުނީވެސް ހުދު ވިއާނެވެ. އާއިލާ ވިއާން މާނައެކުރަނީ ކޮންގޮތަކަށް ހެއްޔެވެ؟ ފަހަރެއްގަ އަންހެން ކޮއްކޮއަކު ފަދައިންނެވެ.
ގެއަށް ވަންއިރު ސޯފާގައި ވިއާން އިނެވެ. ކަނު އަނދިރީގައި ވިއާން އިންކަން އަހަރެންނަށް އިނގުނީ ތަނަށް ވެރިވެފައިވި އަނދިރިކަމުގެ ތެރެއަށް އަހަރެންގެ ފޯނުގެ ލައިޓްގެ އަލި އެޅުމުންނެވެ. ފުރަތަމަ އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޓީވީވެސް ޖައްސައިނުލާ ވިއާން އެގޮތަށް އިނދެފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ވިއާން މިއީ ކޮންކަހަލަ ނުރައްކާތެރި އިންސާނެއް ހެއްޔެވެ؟
"މަލްގެ އިންތިޒާރުގަ. ދެން ދާންވީ ނިދަން" ވިއާން ބުނެލިއެވެ. ފޯނުގެ ލައިޓް އަހަރެން ދިމާކުރީ ސީދާ ވިއާންގެ ދެލޮލާއެވެ. އެ އަލިކަން ވިއާންގެ މޫނަށް އެޅުމާއެކު މޫނާ ފޯނާ ދެމެދަށް އެއް އަތް ހުރަސްކޮށްލިއެވެ. އަދި އެއްފަރާތުން ހިނގާފައި ގޮސް ލައިޓް ޖެއްސިއެވެ.
"ތިކަހަލަ އަލިކަމާ ގުޅެނީ މަލް އާ. އަހަރެންނަށް މިއަލިކަން ފުދޭ" ވިއާން ބުނެލިއެވެ. އޭނާ އިޝާރާތްކުރީ ސިޓިންރޫމުގައި ދިއްލުނު އެންމެ ލައިޓަކަށެވެ. ކޮންމެވެސް ވަރެއްގެ އަލިކަމެއް ހުއްޓަސް އެންމެ އައްޔެއް ނޫނެވެ.
"އަހަރެން އަންނަދެން ހޭލާ ނުހުއްޓަސް އޯކޭވާނެ. ވިއާން ދޭ ނިދަން" ވިއާންގެ ކޮންމެ ޖުމްލައެއް ހުންނަނީ އަހަރެންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށެވެ. އެހެންވިޔަސް މިފަހަރު އަހަރެން ސުވާލެއް ކުރާކަށް ބޭނުމެއްނުވިއެވެ. ވިއާންގެ ކުރިމަތީގައި ހުރެ ދުލުން ބޭކާރު ސުވާލުތަކެއް ކުރާވަރަށް ވުރެ ބޮޑަށް އަހަރެންގެ ބޮލުގެ ރިހުން ގަދައެވެ. ރަނގަޅަށް ނިދޭނެ ކަމެއްވެސް ނޭނގެއެވެ.
"މަލް، ތިއީ އަހަރެންގެ ޒިންމާއެއް. އެހެންވީމަ އަހަރެން ނިދަން ޖެހޭނީ މަލް ގެއަށް އައި އިރަކުންނެއްނު" އަހަރެން ހިނގައިގަތްތަނާ ވިއާން ބުނެލިއެވެ. ހުއްޓިފައި އަހަރެން ވިއާނަށް ބަލައިލީ ހިތަށް އުނދަގޫ ކުރާ ވަރުންނެވެ. އެބެލުން ތަފާތުކަން ވިއާނަށް ފާހަގަވާވަރަށް އަހަރެން ވިއާނަށް ބެލީމެވެ. އެންމެފަހުން އަހަރެން ފަސްދީ ވިއާން ހިނގައިގަތެވެ.
"މަލް، ބާއްޖަވެރި ރެއަކަށް އެދެން" ވިއާން ބުނެލިއެވެ. ދެމީހުން ދެކޮޓަރި އާ ދިިމާލަށް ހިނގައިގަތްއިރު ފަހުން އެކަކުވެސް އަނގައިން ނުބުނަމެވެ.
***
ކޮލެޖަށް ދިޔަ މަގުމަތީގައި ފޯނު ގޭގައި ބޭއްވުނުކަން ހަނދާންވީ ކުއްލިއަކަށެވެ. އަލުން ގެއާ ދިމާލަށް އަނބުރާލަން ޖެހުނީ ފޯނު ނުލާ ނުދާންވެގެންނެވެ. މިއަދު މާގިނައިން ހަނދާންނެތޭ ދުވަހެކެވެ. ވާނީވެސް އެހެނެއްނޫން ހެއްޔެވެ؟ ވިއާންގެ ސަބަބުން ރަނގަޅަށް ނިދި ނުލިބެއެވެ.
"މާމާ، އަޅުގަނޑު ކައިރީގައި ތިކަހަލަ ވާހަކަ ނުދައްކާ. އަހަރެން ދިރިއުޅުމެއް ފަށަން ބޭނުމެއްނޫން. ކުރިންވެސް ބުނީމެއްނު" ވިއާން ބުނެލިއެވެ.
"ކީއްވެ ދަރިފުޅާ. ހިތުން ތި ބިރުވެރިކަން ނެރެބަލަ. ތިއީ ޒުވާން ފިރިހެންކުއްޖެއް. ސިއްހަތު ސަލާމަތުން ހުރީ. ދެން ކީއްވެ؟" މާމަ ބުނެލިއެވެ.
"އަޅުގަނޑު ހުރީ ސިއްހަތު ސަލާމަތުންނޭ އަޅުގަނޑުގެ ހިތެއް ނުބުނޭ. އެކަން އަޅުގަނޑުގެ ދިރިއުޅުމަށް ހުރަހަކަށްވާނެ. ފަހަރެއްގަ އުފާވެރި ދިރިއުޅުމެއްގެ މެދުން ކަމަށްވެސް ވެދާނެ ބަދުނަސީބު އައިސް އަނެއްކާ އަޅުގަނޑުގެ އަތުގައި ހިފާނީ. އޭރުން އަންހެންކުއްޖަކަށް ދެރަ އެލިބުނީ. އެހެންވީމަ މިބުނަނީ ތިވާހަކަ ނުދައްކާ" ވިއާން ބުނެލިއެވެ.
އެހުރިހާ ވާހަކަތަކެއް އަހަން އަހަރެންނަށް ހުރެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. ވިއާން އެބުނާ ބަދުނަސީބަކީ ކޮން ކަމެއް ހެއްޔެވެ؟ އިތުރު ކަމެއް އިނގޭތޯ ފަސް ވަރަކަށް މިނިޓް ވަންދެން ހުރިއިރުވެސް ވިއާން ތަކުރާރު ކުރީ އެއް ވާހަކަތަކެކެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ