ދުނިޔެ

ތައިލެންޑަށް ދާ ފަތުރުވެރީން ކަރަންޓީނުވުމަށް ހާއްސަ ޔޮޓްތަކެއް

މުހައްމަދު އައުޒަމް

ތައިލެންޑަށް ދާ ފަތުރުވެރީން ކަރަންޓީނު ވުމަށް ހާއްސަ ޔޮޓްތަކެއް ހަމަޖެއްސުމަށް އެގައުމުން ނިންމައިފިއެވެެ.

ތައިލެންޑުގެ ސަރުކާރުން ވަނީ އެގައުމުގައި ކޮވިޑުން ސަލާމަތް ވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމަށް އެތެރެވާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ދެހަފުތާގެ ކަރަންޓީނު ދުވަސްތަކުގެ ތެރޭގައި ފަތުރުވެރިކަމަށް މަންފާ ލިބޭނެ ގޮތްތަކެއް ކަނޑައެޅުމަށް ނިންމާފައެވެ.

އެގޮތުން އެގައުމަށް އެތެރެވާ ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ކަރަންޓީނު ޔޮޓްތަކުގައި ކަރަންޓީނުގެ މުއްދަތު ހަމަކުރަން ބޭނުންވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރަކާއެކު ޔޮޓުގައި ތިބެވޭނެ އެވެ.

ޔޮޓް ކަރަންޓީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެގައުމުގައި ހުޅުވާލުމާއެކު 100އަށްވުރެ ގިނަ ޔޮޓް ފަހަރު ވަނީ ބައިވެރިވެފައެވެ.

ޔޮޓް ކަރަންޓީނު ޕްރޮގްރާމްގެ ތެރެއިން ފަތުރުވެރިޔާގެ އަތުގައި ހާއްސަ ބޭންޑެއް އަޅުވާނެއެވެ. ބޭންޑުގެ އެހީގައި ފިނިހޫނުމިނުގެ އިތުރުން ލޭގެ ޕްރެޝަރު މޮނިޓާ ކުރެވެމުންދާނެއެވެ. މީގެ އިތުރުން އެ ބޭންޑު މެދުވެރިކޮށް ޖީޕީއެސްގެ އެހީގައި ޓްރެކް ކުރާނެއެވެ.

މިދިޔަ ހަފުތާގައި އެގައުމުގެ ޓުއަރިޒަމް މިނިސްޓަރު ވެސް ވަނީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ރަށްތަކުގައި ކަރަންޓީނު ވުމަށް ހުޅުވާލުމަށް ހުށަހަޅުއްވައިފައެވެ. އެގޮތުން އޭޕްރީލް ނުވަތަ މޭމަހު އެގައުމުގެ ރިސޯޓު ތަކުގައި ކަރަންޓީނު ވާގޮތަށް ފަތުރުވެރިންނަށް ގައުމު ހުޅުވާލުމަށް ނިންމާފައި ވެއެވެ.