ކ. ގިރިފުށީގައި ހުންނަ ސިފައިންގެ އަސްކަރީ މަރުކަޒު، ގިރިފުށި ނޫން އެހެން ރަަކަށް ބަދަލުކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

އެ ކޮމިޓީން މިގޮތަށް ނިންމީ، ގިރިފުށީގައި ލައިވް ވަޒަން ބޭނުން ކޮށްގެން މީގެކުރިން ކުރި، މިލިޓަރީ ތަމްރީނުތަކެއްގައި ބައެއް ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށް، ކ. ހިންމަފުށީގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ގިރިފުށީ ޓްރެއިނިން މަރުކަޒު އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމު ހުށަހެޅުއްވި މައްްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން މެމްބަރު ނަސީމު ވިދާޅުވީ، ނޮވެމްބަރު 6، 2019 ގައި ހިންމަފުށީގެ ހުޅަނގު ފަރާތުގައި އޮތް ސަފާރީ ބޯޓެއްގައި ހުރި އުމުރުން 41 އަހަރުގެ ޖަރުމަނު ވިލާތަށް ނިސްބަތްވާ ފަތުރުވެރިއެއްގެ ކަރަށް ގިރިފުށިން ދޫކޮށްލި ވަޒަނެއް އަރާފައިވާ ކަމަށެވެ.

އެ ސަފާރީ ބޯޓާއި ގިރިފުއްޓާ ދެމެދު ހުރި ދުރުމިނަށްވުރެ ހިއްމަފުއްޓާއި ގިރިފުއްޓާދެމެދު ހުރި ދުރުމިން ކައިރި ކަމަށް ފާހަގަކުރެވިފައި ވުމާއި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހިންމަފުށީގެ ގެއެއްގެ ދޮރާއްޓާއި ގެސްޓުހައުސްއެއްގެ ކުޑަ ދޮރަށް ވަޒަން އަރާފައިވާކަން ފާހަގަކުރެވޭތީ، ހިންމަފުށީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިރިފުށި ނޫން އެހެން ރަށަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލު ކޮށްދިނުމަށް މެމްބަރު ހުށަހެޅުއްވިއެެވެ.

އެ މައްސަލަ ބެލުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ، ސިފައިންގެ ތަމްރީނުތައް ގިރިފުށީގައި ކުރިއަށް ގެންދާއިރު ހަތިޔާރު ބޭނުން ކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތައް ހަމައެކަނި ފަޔަރިން ރޭންޖުގައި ކުރިއަށް ގެންދިއުމަށާއި ފަޔަރިން ރޭންޖުން ބޭރަށް ވަޒަން ދައުރުކޮށް ހިނގާފައިވާ ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ހަތިޔާރު ބޭނުން ކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގައި ފަޔަރިން ރޭންޖުން ބޭރަށް ވަޒަން ނުދާނެކަން ކަށަވަރުކޮށް، އެ ފިޔަވަޅުތައް ތަންފީޒު ކުރެވޭކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ނޮވެމްބަރު 6، 2019 ގައި ހިނގި ހާދިސާއަށްފަހު ގިރިފުށީގައި ހަތިޔާރު ބޭނުން ކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ހާއްސަ ކޮމިޓީއެއް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އެކުލަވާލާފައިވާ ކަމަށާއި ސިފައިންގެ ތަމްރީނުތައް ގިރިފުށީގައި ކުރިއަށް ގެންދާއިރު ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް އެ ކޮމިޓީގެ ލަފާގެ މަތިން ގިރިފުށީ ފަޔަރިން ރޭންޖަށް ބަދަލުތަކެއް ގެނެސް އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ގިރިފުށި ނޫންތަނަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކޮށްފިނަމަ، ތަމްރީނުތަކަށް ބޭނުންވާ ސާމާނާއި ސިފައިން އެތަނަކަށް ގޮސް އައިސްވުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކޮމިޓީން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާތީ، ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީނު ބަދަލުކުރުމަށް މިވަގުތަށް ނުފެންނަ ކަމަށް ކޮމިޓީން ފާސްކުރާ ކަމަށް،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.