ޚަބަރު

އަންހެނުންނަށް އިސް ސަފުގައި ހަރަކާތްތެރި ވެވޭނީ މިންތީގެ ތަފާތުތައް ނައްތާލެވިގެން: މިނިސްޓަރު

އަންހެނުންނަށް އިސް ސަފުގައި ހަރަކާތްތެރިވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ ޒަމާނުއްސުރެ މުޖުތަމައުގައި ހުރި މިންތީގެ ތަފާތުތައް ނައްތާލެވިގެން ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމި އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑުގެ ބަލިމަޑުކަމުގެ ދަތި ދުވަސްތަކުގައި، މި ބަލިމަޑުކަމުން އަރައިގަތުމުގައި އެކިއެކި ދާއިރާތަކުގެ ކުރީ ސަފުގައި އަދި ބަސްބުނުމުގައި އަންހެނުން ޝާމިލުވެ، ކުރަމުން އަންނަ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

އަދި މި ދަނޑިވަޅުގައި ކަނޑައެޅިގެންދާ ސިޔާސަތުތަކާއި އަޅަމުން އަންނަ ފިޔަވަޅުތަކަކީ ކަންކަން ނިންމައި ފެންވަރުގައި އަންހެނުންގެ ހަމަހަމަ ހިއްސާ ބޭނުންވާކަން ދައްކުވައިދޭ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމުގައި އަންހެނުންނާއި ފިރިހެނުން އެއްހަމައެއްގައި ބައިވެރިވުން މުހިންމު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސިޔާސީ، އިގުތިސޯދީ އަދި އިޖުތިމާއީ ދާއިރާތަކުގައި މުޅި މުޖުތަމައުގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ކަންކަން ނިންމޭނީ ބަސްބުނުމުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ، މިންތީގެ ހަމަހަމަކަން ގާއިމުކޮށްގެން ކަމަށެވެ.

"އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ ޒަމާނުއްސުރެ އަޅުގަޑުމެންގެ މި މުޖުތަމައުގައި ހުރި މިންތީގެ ތަފާތުތައް ނައްތާލެވިގެން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މުޖުތަމައު ތެރޭގައި އަންހެނުންގެ ޝަހުސާއި އަންހެނުންގެ ކުރިއެރުމާމެދު އުފެދިފައިވާ ހިޔާލުތަކާއި ފިކުރުތަކަކީ ހަމައެކަނި އަންހެނުން މަސައްކަތް ކޮށްގެން ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ ގަބޫލުކުރުންތަކާއި ވިސްނުން ބަދަލުކުރުމަކީ އާއިލާ ތެރެއިން، ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި އަދި މުޖުތަމައު ތެރޭގައާއި ވަޒީފާގެ މާހައުލުގައި ވެސް ވިސްނަންޖެހޭ ކަންކަން ކަމަށެވެ.

"ވަޒީފާގެ މާހައުލުގައި އަންހެނުން މަސައްކަތް ކުރުމަށް ރައްކާތެރި ފަހި މާހައުލެއް ގާއިމު ކުރުމަށް ސަމާލުކަންދީ ވަޒީފާއަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލުމަށް މުޅި މުޖުތުމައު އެކުގައި މަސައްކަތްކުރަމާ،" މިނިސްޓަރު ހިތާބުގައި ގޮވާލެއްވި އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހަކީ މާޗު މަހުގެ އަށް ވަނަ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "އިސް ސަފުގައި އަންހެނުން: ކޮވިޑުގެ ދުނިޔޭގައި ހަމަހަމަ މުސްތަގުބަލެއް ހޯދުން" އެވެ.