ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރު ކުރަން އެންމެންވެގެން މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މަޖިލިސް މެންބަރުންނާއި މުޅި މަޖިލީހާއި އެމަނިކުފާނުގެ ނަމުގައި ރާއްޖޭގެ ހުރިހާ ޖިންސުއްލަތީފާއިންނަށާއި، ދުނިޔޭގެ ހުރިހާ އަންހެނުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ކަންކަމުގައި، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ޝާމިލުވާ މިންވަރު އިތުރު ކުރަން މިއަދުގެ މުނާސަބަތުގައި ވައުދުވެވަޑަިއގަތުމަށް ބޭނުންފުޅުވާ ކަމަށެވެ.
އެކަމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ބޮޑު ކަމަށާއި އަންހެނުންނަށް ފަސޭހައިން ޓިކެޓް ލިބޭ ގޮތް ހަމަޖެހިފައި ވާނަމަ އެކަންކަމުގައި އަންހެނުން ތަމްސީލު ވާލެއް ގިނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތަމްސީލު ވާ، އެމްޑީޕީގެ ފަރާތުންވެސް މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އެންމެ ހަތަރު މެންބަރުންކަން ފާހަގަ ކުރައްވައި އެ މެންބަރުންނަށް މަޖިލިސް ރައީސް މަރުހަބާ ވިދާޅުވިއެވެ. އަދި މަޖިލިސް އިންތިހާބުގައި ޓިކެޓު ގެއްލުނު އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންނަކީ ސިޔާސީ ކަންކަމުގައި ފަހަތަށް ޖެހެންވާ ބައެއްނޫން ކަމަށާއި، ސިޔާސީ ހުނަރާއި ގާބިލިއްޔަތުގެ ގޮތުން އެ ފަރާތްތަކަކީ ސުވާލު އުފެދޭ ވަރުގެ ބައެއް ނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބުގައި ކޮންމެ ދާއިރާއަކުން 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ކުރި މަސައްކަތް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު