މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި މައްސަލަތަކެއް އެބަހުރި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން މިރޭ މާލެ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އުޅޭ ކަމަށާއި އަދި ބާރުތައް ފުށުއެރުމުގެ މައްސަލަތަކެއް ވެސް އުޅޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އެބައުޅޭ. އޭގަ އެބަ އުޅޭ ބާރުތައް ފުށުއެރުމުގެ މައްސަލަތަކެއް ވެސް. އޭގެ އިތުރަށް އަޅުގަނޑަށް ފެންނަނީ އެތަނުގައި މައްސަލަތައް ހިނގުން ލަސްކަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު ގާނޫނީ ފުށުއެރުންތަކެއް ހުރި ކަމަށާއި އެކަމުގެ ސަބަބުން މައްސަލަތަކެއް ނުކުންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވާނެ މަޖިލީހަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ހުށަހަޅާފައި. އެއާއެކީގައި މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކީގައި މިކަމަށް ހަލުވިތަކެއް އަންނާނެ ކަމަށް ދެކެނީ،" ރައީސް ވިދާޅުވި އެވެ.

ވެހިކަލް ރަޖިސްޓަރީ ކުރުމުގައި ސިޓީ ކައުންސިލަށް ވެސް ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ހުރިހާ ސިޓީތަކެއްގެ ވެހިކަލްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން ލާމަރުކަޒީކޮށްގެން، ބާރުތައް ދޫކޮށްލެވިއްޖެނަމަ މައި ސަރުކާރަށް އެކަމުގެ ލުއިތައް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.