ދައުލަތުގެ މާލީ ހުރިހާ ރިސްކުތައް މެނޭޖުކުރުމަކީ ފިނޭންސް މިނިސްޓަރުގެ ޒިިންމާއެއް ކަމަށާއި އެކަންކަމާ ގުޅޭގޮތުން ދައުލަތުގެ ކުންފުނިތަކަށް ކަންކަން ބުނެދިން ނަމަވެސް، ކުންފުނިތައް ހިންގުމުގައި ވަކި ގޮތަކަށް ކަންކުރަން އަންގާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުރި ބައެއް މައްސަލަތަކާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ)ގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް މިއަދު ހާޒިރުވެ، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަސައްކަތް ކުރުމުގެ މާހައުލެއް ނެތް ކަމަށާއި ޕީސީބީ ބައިޕާސްކޮށް ސަރުކާރުގެ ކުންފުނިތަކަށް ފިނޭންސް މިނިސްޓަރު ނުފޫޒު ފޯރުވާ ކަަމަށް ވިދާޅުވެ، ޕީސީބީގެ ރައީސް އިސްތިއުވާ ދެއްވާފައިވާކަން ފާހަގަކުރައްވައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ކުންުފުނިތަކުގައި ފިސްކަލް ރިސްކެއް އޮތިއްޔާ ކަންކަން ރަނގަޅު ކުރުމަށް އިރުޝާދު ދިނުމަކީ ފިނޭންސް މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެގޮތަށް މީގެ ކުރިން ވެސް އެފަދަ އިރުޝާދުތައް ދެއްވާފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކުންފުނީގެ ވެރިންނަށާއި ބޯޑަށް އެފަދަ އިރުޝާދުތައް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ ބޭރުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ޕީސީބީގެ ރައީސަށް ވެސް އަދި އެހެން ފަރާތަކަށް ވެސް އަންގާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.