ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުއްޓާ އެތަނުގައި ޑިއުޓީ އަދާކުރަމުން ދިޔަ ފުލުހަކު 'ކޮށާލާނެ' ކަމަށް ބުނި މައްސަލައިގައި ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހު، ހއ. ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް އަބްދުއްރަހީމްގެ ބޮލަށް ވަޅި ހަރައި މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށް ދުނިދޫގައި ބަހައްޓާފައި ހުއްޓާ ފުލުހަކު 'ކޮށާލާނެ؛ ކަމަށް ބުނުމުން މަފާޒުގެ މައްޗަށް ކޮށްފައިވަނީ ބިރު ދެއްކުމުގެ ދައުވާ އެވެ.

ދޫނިދޫގައި އެ ހާދިސާ ހިނގާފައިވަނީ، 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު ތިން ވަނަ ދުވަހުގެ ރޭގަ އެވެ.

އެ މައްސަލައިގައި މިއަދު ވަނީ، މަފާޒު އިންޒާރު ދިން ފުލުސް މީހާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފަ އެވެ. އަތޮޅުތެރޭގެ ރަށެއްގެ ފުލުހުންގެ މަރުކަޒުގައި މިހާރު މަސައްކަތް ކުރާ އެ ފުލުސް މީހާ އެ ރަށުގައި ހުރެ ވޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެމުން ބުނީ، އެ ރޭ އިރާކޮޅު ދުނިދޫ ގޮޅި ތަކުގައި އަޑުގަދަ ކުރަން ފެށުމުން ފަހަރަކު ގޮޅިއަކަށް ގޮސް ނަސޭހަތްތެރި ވަމުން ދަނިކޮށް އޭނާއަށް މަރުގެ އިންޒާރު ދީފައި ވަނީ މަފާޒު އޮތް ގޮޅިން މަފާޒު ކަމަށެވެ.

"ގޮޅިތަޅުވައި ވަރަށް އަޑުގަދަ ކުރާތީ ގޮޅިއަށް އަރައި މަފާޒްއާ ސުވާލު ކުރުމުން މަފާޒު ވަރަށް ރުޅިއައިސްފައި އަޅުގަނޑާ ދިމާލަށް ބުނީ، ތިމަންނަ މިއީ މާލެއިން ވެސް ވަޅިޖަހައިގެން ހައްޔަރުކޮށްފައި ހުރި މީހެކޭ ކަލޭ މާލޭ މަގުމަތިން ފެނިއްޖިޔާ ކޮށަލާނަމޭ. ވަޅި ޖަހާނަމޭ،" ފާޅުގައި ހެކިބަސް ދެމުން އެ ފުލުސް މީހާ ބުންޏެވެ.

މަފާޒު އެގޮތަށް އިންޒާރު ދިން އިރު އިތުރު ތިން ފުލުހުން ވެސް ކައިރީގައި ތިބޭނެ ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އަދި އެ ތިން ފުލުހުން ވެސް ވަނީ މީގެ ކުރިން ހެކިބަސް ދީފަ އެވެ.

ފުލުސް މީހާ ހެކިބަސް ދީ ނިމުމުން އޭނާއާ ސުވާލެއް ކުރަން ބޭނުންތޯ ދައުވާ ރައްދުވާ މަފާޒަށް ގާޒީ ސޮފްވަތު ހަބީބު ފުރުސަތު ދެއްވިއެވެ. ނަމަވެސް ވަކީލަކާ ނުލައި އަމިއްލައަށް މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަފާޒު ބުނީ، 'ކުރާނެ ސުވާލެއް' ނެތް ކަމަށެވެ. އަދި ދިފާއީން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާއިރު އޭނާ ބުނީ ބޭނުން ވަނީ އަވަހަށް މައްސަލަ ކުރިއަށް ގެންގޮސް ނިންމާލަން ކަމަށެވެ.

އެ މައްސަލައިގައި ހުލާސާ ބަޔާން މިއަދު ހުށަހަޅާފައިވާއިރު، ޝަރީއަތުން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމު އިއްވެވުން ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އަދި އެ އަޑުއެހުން ބާއްވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.