ނުވަވަނަ ބައި
"އެބަހުރި. މަލް ރަނގަޅަށް ހޯދަބަލަ. އޭރުން ފެންނާނެ" ވިއާން އަހަރެންނަށް ފުރަގަސްދީފައި ހިނގައިގަތެވެ. އަހަރެން ފޮޓޮއަށް ބަލައިލާފައި ދެން ބަލައިލީ ވިއާނަށެވެ.
ހަރުކޮށް ހިނގާފައި ގޮސް އަހަރެން ހުއްޓުނީ އަލަމާރި ކައިރީގައި އަހަރެންނަށް ފުރަގަސްދީގެން ހުރި ވިއާން ކައިރީގައެވެ. ވިއާންގެ އަތުގައި ހިފާ އަހަރެންނާ ވީ ދިމާލަށް އަބުރައިލެވުނީ ފުދޭ ވަރަކަށް ބާރަށެވެ.
"ވީނާ. މި ފޮޓޯގައި މިއީ އަންހެނެއް. އެވެސް ކުޑަކުއްޖެއް. މިތަނުން އަހަރެންނަށް ފެންނަން ހުރީ ވިއާން. ވީނާގެ ނަމާވެސް ވައްތަރީ ވިއާންގެ ނަމާ. ވިއާން ކިހިނެއް ވީނާއަށް ވާނީ؟" އަހަރެންނަށް ބުނެވުނެވެ. ހީލާފައި ވިއާން ހިފެހެއްޓީ އަހަރެންގެ ދެ ކޮނޑުގައެވެ.
"އަހަރެން އެއްފަހަރުވެސް ބުނިންތަ ވީނާއަކީ އަހަރެންނޭ. މަޑުމަޑުން މަލްއަށް ހުރިހާ އެއްޗެއް އިނގިދާނެ" ވިއާން ބުނެލިއެވެ. ވިއާންގެ ނަޒަރު އަމާޒުވެފައި ހުރީ އަހަރެންނަށެވެ. އެބަސްތަކުގައި ޔަގީންކަމެއް ވެއެވެ. އެހެންކަމުން އަނެއްކާވެސް އަހަރެންގެ ދުލުގައި ތަޅެއް ލެވިއްޖެއެވެ.
ވިއާން ފާހާނާއަށް ދިމާލަށް ދިޔުމުން އަނެއްކާވެސް އަހަރެންނަށް ބަލައިލެވުނީ އަތުގައި އޮތް ފޮޓޯއަށެވެ.
ކޮޓަރިއަށް ވަންއިރު މާމަ ފެންނަން ނެތެވެ. ފާހާނާވެސް ބެލީމެވެ. ބަދިގެއަށް ވަންއިރު ހުނި ގާނަން މާމަ ހުއްޓެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް މާމަ ކުރިމަތީގައި ހުއްޓުނީމެވެ. މާމަ ދިޔައީ ސިހިގެންނެވެ. އަހަރެންނަށް ބަލައިލާފައި ހީލާފައި އަނެއްކާވެސް ކުރަން ހުރި މަސައްކަތާއެކު ކުރިއަށް ދިޔައެވެ.
"މާމާ، މީ ކާކު؟" އަހަރެން ދެއްކި ފޮޓޯއަށް ބަލައިލުމާއެކު މާމަ އަތުން ކާށި ކިބަ ދޫވިއެވެ. އަވަސް އަވަހަށް އެ ނަގައިފައި އަހަރެންނަށް ބަލައިލިއެވެ.
"މަލްއަށް ތި ފޮޓޯ ފެނުނީ ވިއާނުގެ ކޮޓަރިންތަ؟" މާމަ އެހިއެވެ. ހިނދުކޮޅަކަށް މާމަގެ ސަމާލުކަން ފޮޓޯއަށް ހުއްޓިފައި ވިޔަސް ހިނދުކޮޅެއްގެ ތެރޭގައި ހަމަޖެހިލިއެވެ.
"މި ފޮޓޯގައި މިވާ އަންހެންކުއްޖާއަކީ ވީނާ. ކޮން ވީނާއެއް؟ މިގެ އާ ކޮން ގުޅުމެއް އޮތް ކުއްޖެއް މިއީ؟ މި ފޮޓޯ އަބަދު ކީއްވެތަ ވިއާންގެ ކޮޓަރިން ފެންނަނީ؟" ހިތް އަވަސްވެފައި ހުރިވަރުން އަހަރެންނަށް ހުރިހާ ސުވާލެއް އެއްފަހަރާ މާމަ އާ ކުރެވުނެވެ. އިރުކޮޅަކު މާމަ އެއްޗެއް ވިސްނަން ހުރި ކަހަލަ ގޮތަކަށް ހުއްޓެވެ.
"ވިއާނު ބުނީ ކީކޭ؟" މާމަ އެހިއެވެ.
"މަލް ހޯދާށޭ. އެހެންވެ ހޯދަން މިއައީ" އަހަރެން ބުނީމެވެ.
"ދަރިފުޅާ، ތިއީ މާމަގެ ދަރިއެއް. މިވަގުތު މާމައަށް ބުނެވޭނީ އެވަރަށް" ގޭނި ހުނިތަށި ހިފައިގެން މާމަ ދުރަށް ހިނގައިގަތެވެ. އިރުކޮޅަކުން އައިސް އަހަރެންގެ ބުރަކަށީގައި ފިރުމާލައިފިއެވެ.
"ކަމަކާ މެދު ވިސްނިޔަސް ވިސްނަންވާނީ އެމީހެއްގެ ސިކުނޑިއަށް ކެތްކުރެވޭ މިންވަރަށް" މާމަ ބުނެލިއެވެ. މާމަ އެބުނި އެއްޗެއްގެ މާނަ އަހަރެންނަށް އިނުގުނެވެ. އެ ފޮޓޯ އާ މެދު އެވަރަށް ނުވިސްނަން މާމަ އެދުނީއެވެ. އަހަރެންނަށް ވިސްނުނެވެ. ކަންތައްތައް ހޯދަން ބޭނުންވާވަރުން އަހަރެންނަށް އަވަސް އަރުވައިލެވެނީއެވެ. މާމަ ބުނިހެން ބޮލުގައި އިންތިހާއަށް ރިހެމުންދިޔައެވެ. އެހެންކަމުން ބަދިގެއިން ނިކުމެގެން ގޮސް ހުޅުވާފައި ހުރި ވިއާންގެ ކޮޓަރިއަށް ވަނީމެވެ. ޓީވީ ރެކްމަތީގައި ފޮޓޯގަނޑު ބަހައްޓާފައި ހިނގައިގަތީމެވެ. ދޮރާ ހަމައިން ހުއްޓިފައި އަލުން ގޮސް ފޮޓޯގަނޑު ބަންޑުން ބާއްވާފައި އެ ކޮޓަރިން ނިކުތްއިރު ފެންވަރައިގެން ނިކުތް ވިއާން އަހަރެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރިކަމެއް ނޭނގެއެވެ.
ކޮޓަރިއަށް ވަންގޮތަށް އެނދުގައި އިނދެވުނެވެ. ވިއާނާ މެދު ވިސްނިވަރަކަށް އަހަރެންގެ އެތެރެހަށީގައި ބަލިމަޑުކަމެއް އުފެދެން ފަށައިފިއެވެ. ގިނައިރު ވާވަރަކަށް އެބަލި މުޅި ހަށިގަނޑަށް ފެތުރެން ފަށައިފިހެން ހީވެއްޖެއެވެ. ބޮލުގައި ކެތްނުކުރެވޭ ވަރަށް ރިހުން އެއީ ބަލިމަޑުކަމުގެ އެއް އަސަރެވެ. އަމިއްލައަށް ނިތްމަތީގައި ފިރުމަމުން ދިޔައީ ލުޔެއް ލިބޭތޯއެވެ.
"ބޮލުގަ ރިއްސަނީތަ؟" ކޮޓަރިއަށް ވަން މާމަ އެހިއެވެ.
"އާނ. ވަރަށް ބޮޑަށް. އަޅުގަނޑަށް ހީވަނީ މާގިނަ ދުވަހެއްނުވެ އަޅުގަނޑު މޮޔައިން ބަލަހައްޓާ މަރުކަޒަށް ގެންދާނެހެން" އަހަރެން ބުނީމެވެ.
"އެހެންވެޔޭ މާމަ ބުނަނީ އެވަރަށް ކަންތައްތަކާ ނުވިސްނާށޭ" މާމަ ބުނެލިއެވެ.
"ނުވިސްނާ ހުރެވޭތަ މާމާ. މިހާރު މިކަމަކާ ހެދި އަޅުގަނޑު އެއްވެސް ކަމެއް ކުރާހިތެއްނުވޭ. ވިއާންގެ އެއްވެސް ކަމެއް އަދި ނޭނގޭ. އިނގެނީ އެއީ މާމަގެ ހުރި ހަމައެކަނި ފިރިހެން މާމަ ދަރިފުޅުކަން" އަހަރެން ބުނީމެވެ. ހަރު ކައިރީގައި ހިއްކަން އަޅުވާފައި ހުރި ތުވާލިތައް ފަތްޖަހަން ހުރި މާމަ އަހަރެންނަށް ބަލައިލާފައި ހީލިއެވެ.
"މާމަ ބުނި އެ ފޮޓޯގައި އެވާ އަންހެންކުއްޖާއަކީވެސް މާމަގެ ދަރިއެކޭ. އެހެންވިއްޔާ މިހާރު ކޮބާހޭ އެކުއްޖާ. އިނގޭ އެކުއްޖާ ދުނިޔޭގައި ހުރިކަން. މާމަމެން ކީއްވެތަ މިގެ އާ ވީނާ ދުރުގަ ބަހައްޓަނީ. އަޅުގަނޑު ބޭނުން ވީނާ އާ ބައްދަލުކުރަން. ހަމަ ތެދެއް މިބުނީ. ހިއެއްނުވޭ ދެން ފެންފޮދެއް ދިރުވިދާނެހެނެއްވެސް ވީނާ އާ ބައްދަލުނުވަނީސް" އަހަރެން ވާހަކަދެއްކީމެވެ. މާމަ އައިސް އަހަރެން ކައިރީގައި އިށީނެވެ. އަހަރެންގެ އަތުގައި ހިފާލާފައި ފިތާލިއެވެ.
"ދަރިފުޅާ، އާނ. ވީނާއަކީ މާމަގެ ދަރިއެއް. އެއީ ވިއާންގެ ހަޔާތުގައި ޖެހުނު ބޮޑު ލައްގަނޑެއް. އެވާހަކަތައް ހަނދާންކުރަން ވިއާނު ބޭނުމެއްނުވޭ" މާމަ ބުނެލިއެވެ.
"އެކަމަކު ކީއްވެތަ މާމާ" ކެތްމަދުވެފައިވާ ރާގެއްގައި އަހަރެން އެހީމެވެ.
"ވީނާ ދުނިޔޭގައި އެބަހުއްޓޭ ވިއާނު އެބުނާ ސަބަބެއް މާމައަށް ނޭނގޭ. މީގެ އަހަރުތަކެއް ކުރިން ވީނާ މަރުވެއްޖެ. އެކުއްޖާ މިހާރު ދުނިޔޭގައި ނެތް" މާމަ ބުނެލިއެވެ. މާމަގެ އަޑު ކުރެހިއްޖެއެވެ.
"މަރުވެއްޖޭ" އަހަރެންނަށް ބުނެވުނެވެ.
"އާނ. ވީނާ ދުނިޔޭގައި ނެތް. އެކަމަކު...." މާމަ އެހިސާބަށް ބުނެފައި ހުއްޓައިލިއެވެ. މާމަ އެއްޗެއް ބުނޭތޯ އަހަރެން މަޑުކުރީމެވެ. މާމަ އިތުރަށް ވާހަކަ ނުދެއްކިއެވެ.
"މާމަ ބުނީމެއްނު މާމަ ލައްވާ ވިއާނު ވައުދުކުރުވިއޭ. މާމަގެ ފަރާތުން މަލްއަށް ވިއާނުގެ ކަމެއް އިނގުނިއްޔާ އެހިސާބުން މާމަ ވައުދާހިލާފުވާ މީހުންގެ ލިސްޓާށް އަރާނެ" މާމަ ބުނެލިއެވެ. އަހަރެން އެއްޗެއް ނުބުނަމެވެ.
"ދަރިފުޅު މަސައްކަތްކުރޭ. ގިނައިގިނައިން ވިއާނު އާ ވާހަކަދައްކާ. އޭނަ އަނގައިން އޭނާގެ މާޒީގެ ވާހަކަތައް ބޭރުކުރުވާ. މިހާރުވެސް ވިއާނު މަލް އާ ވަރަށް ގާތްވެއްޖެ" މާމަ ބުނެލިއެވެ.
އިޝާނަމާދު ފޭބިއިރި މީހުންގެ މޫނު ވަކިނުވާ މިންވަރަށް އަހަރެންގެ ބޮލުގެ ރިހުން ގަދަވެއްޖެއެވެ. ހުރިހާކަމެއް ގުޅުފައިވަނީ ވިއާނާއެވެ. ވިއާން އަދި ހުއްޓާލާނީ އަހަރެން މޮޔަކޮށްފައެވެ. އެނދަށް އެރުނުއިރި ބޮލުން ނަމާދު ބުރުގާ ވަކިނުވެއެވެ. މަޑުމަޑުން ދެލޯ މެރެމުން ގޮސް އަހަރެންނަށް ނިދިއްޖެއެވެ. ސިކުނޑިއަށް އަރާމެއް އިހުސާސް ވީ އެހިސާބުންނެވެ.
އަހަރެންނަށް ހޭލެވުނީ އަހަރެންގެ ނިތްމަތިން މީހެއްގެ ބީހުން އިހުސާސްވާހެން ހީވުމުންނެވެ. އެސްފިޔަތައް ހުޅުވާލިއިރު އެނދު ކައިރީގައި މުށިތަކުގެ މަތީގައި ދެކަކޫ ވިއްދައިގެން ވިއާން އިނެވެ. ކޮޓަރި ތެރެއިން އާތްވެއްގެ ވަސް ދުވަމުން ދިޔައެވެ. ބާމޫ ކަހަލަ އެއްޗެއްގެ ވަހެވެ. ވިއާން އަހަރެންގެ ނިތުގައި ބާމޫ ހާކަނީކަން އަހަރެންނަށް އިނގުނެވެ. ތެދުވަން އުޅުނު ވަގުތު ވިއާން އެހީވެދިނެވެ. ހެޑްބޯޑުގައި ލެގިލުމާއެކު އަނެއްކާވެސް ވިއާނާ ގުޅިގެން އަހަރެންގެ ހިތާ ސިކުނޑި ކަމުންދިޔަ ކަންތައްގަނޑު ހިލިގަނެއްޖެއެވެ. ސަލާމަތެއް ނެތެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ކަންފަތުގެ ދެފަރާތުގައި އަތް އެޅުނީ އެކަންތަކާ ދުރުވެލަން ބޭނުންވެފައި ހުރި ވަރުންނެވެ.
"ވިއާން ދޭ މިތަނުން" އަހަރެންނަށް ބުނެވުނެވެ.
"ވިއާން ދޭ" އަހަރެންނަށް ދެ ކަކުލުގައި ބޯ އެޅުނެވެ. ހަގީގަތުގައިވެސް އަހަރެން ބޭނުންވަނީ ވިއާން ފޮނުވާލާށެވެ. އަހަރެންނަށް އަޅަމުންދިޔަ ވޭންތަކަށް ލުޔެކެވެ. ވިއާން ފެންނަން ހުންނަންޏާ އަހަރެންގެ ބޮލަށް ލުޔެއް ނުލިބޭނެއެވެ.
އަހަރެން ބޯހިއްލާލީ ހިނދުކޮޅެއް ފާއިތުވެގެން ދިޔަފަހުންނެވެ. އެހެންކަމުން އަހަރެން ހީކުރީ އަހަރެން އެދުނު ފަދައިން ވިއާން ދިޔައީ ކަމަށެވެ. އެހެންނަމަވެސް ކުރިމައްޗަށް އަމާޒުކޮށްލި ފުރަތަނަ ނަޒަރާއެކު އަހަރެންގެ ކަޅި އަމާޒުވީ ކުރިން އިންގޮތަށް އިން ވިއާނާއެވެ. އެނަޒަރު ބަދަލުކުރަން އަހަރެންނަށް އުނދަގުވިއެވެ. ވިއާންގެ ދެލޮލުގެ ތެރެއަށް އަހަރެން ގެއްލެން ނެގީ ދެ ނޭވާ ދެމެދުގައިވާ ހިނދުކޮޅެކެވެ. އެފުން ދެލޮލުގެ ކަނޑަށް އަހަރެން ގެނބިގެންވިޔަސް ހަގީގަތަކާ ހަމައަށް ވާސިލުވާން ބޭނުންވިއެވެ.
"މިހާރު ކިހިނެއް؟" ވިއާން އެހިއެވެ. އެ އަޑެއް އަހަރެންނަށް ނީވެއެވެ.
"މަލް،" ވިއާންގެ ފިނިފިނި އަތްތިލަ އަހަރެންގެ އަތުގައި ޖެހުމާއެކު އަހަރެންނަށް ތެޅިގަނެވުނެވެ.
"އަދިވެސް ވަރަށް ރިއްސާތަ؟" މަޑުމައިތިރިކަމާއެކު ވިއާން އެހިއެވެ. އެ އަޑުގައިވަނީ އޯގާތެރިކަމެވެ.
"ރިހުން ފިލާނެތަ؟ މަލް ކައިރީގަ މާމަ ބުނީމޭ އެހާ ވަރަށް ކަންތައްތަކާ ނުވިސްނަން. މެންދުރު ކުޑަ ނޫޑްލްސްކޮޅެއް ކެއިގޮތަށް އެ އޮތީ. ވައިން ވެސް ތަންތަނުގަ ރިއްސާނެއްނު" މާމަގެ އަޑު އިވުނީ އަހަރެންނާ ދާދި ގާތުންނެވެ. ކައިރީގައި މާމަ އޮތްކަން އިނގުނީވެސް އެހިސާބުންނެވެ.
"ތެދުވޭ" ވިއާން ބުނެލިއެވެ. އަހަރެން ހަމަ އެއްވެސް އެއްޗެއް ނުބުނެ އިނީމެވެ.
"މަލް، އަހަރެން ބުނީމަ ތެދުުވެބަލަ. ކުޑަކުއްޖެއްނޫނޭ ތިއީ އެއްފަހަރު ބުނީމަ އަޑު ނީވެން" ވިއާން ބުނެލިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ވިއާނަށް އަހަރެން އެދޭ ސުވާލުތަކުގެ ޖަވާބުތައް ނުދެވޭއިރު ވިއާން އެންމެ ފަހަރަކު ބުނާ އެއްޗެއް އަހަރެންނަށް އަޑުއިވެންވީ ކީއްވެގެން ހެއްޔެވެ؟
"އަހަރެން ކީއްވެ ތެދުވާންވީ؟ ވިއާން އަޅާނުލާބަލަ. ދޭބަލަ ވިއާންގެ ސިއްރުތަކުން ފުރިފައިވާ ކިއްލާއަށް. ގޮސް އޮވޭ އެތަނުގަ. އަހަރެން މިތާ އޮވެދާނަން" އަހަރެން ބުނީމެވެ. އެކަކުވެސް އެއްޗެއް ނުބުނުމުން އަހަރެން ސިއްރުން ވިއާނަށް ނަޒަރެއް ދިނީމެވެ. އޭރު ވިއާން ހީލައިގެން އަހަރެންނަށް ބަލަން އިނެވެ. ހިތްހަމަނުޖެހިފައި އިނެއް ކަމަކު މަޑުމަޑުން އަހަރެންގެ ދެތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. ވިއާން ބަލަން އިންގޮތުން އަހަރެންނަށް ހެވިއްޖެއެވެ. އެކަން ވިއާނަށް ސިއްރުކުރަން ވެގެން އަނެއްކާވެސް ދެކަކުލުގައި ބޯއަޅައިފީމެވެ.
"މާމާ، އަޅުގަނޑު ދުވަހަކުވެސް އަންހެންކުއްޖަކު ނޫރަން. އެކަމަކު މިއަދު މިއުޅެނީ ކުއްޖަކު އުރާލެވޭތޯ" ވިއާން ބުނެލި އަޑު އިވުނެވެ. އަހަރެން ބޯ އުފުއްލާލާފައި ކުއްލިއަކަށް ވިއާނަށް ބަލައިލެވިއްޖެއެވެ. ފުރިހަމަ އިސްކޮޅަށް ކޮޅަށް ތެދުވެފައި ވިއާން ލައިގެން ހުރި ޓީޝާޓަށް ދަމައިލި ތަން ފެނިމުން އަހަރެން ފުންމައިގެން ތެދުވެ ވިއާނާ އެއްހަމައެއްގައި ހުއްޓުނީމެވެ.
"ބަސް އަހައިގެން އަހަރެން ބުނާ ތަނަކަށް ދާނީތަ؟ ނޫނީ އަހަރެންގެ ކޮނޑުމަތިން ތަ ދާން ބޭނުންވަނީ" ވިއާން ބުނެލިއެވެ.
"އާނ. ވިއާންގެ ކޮނޑުމަތިން. ތި ހިތާ ވީހާވެސް ގާތުން. ވިންދުގެ އަޑު އިވޭ ހިސާބުން. ވިއާނަށް ކެރޭނެތަ؟" އެބަސްތައް ވީ އަހަރެންގެ ހިތުގައެވެ. ދުލާ ހަމައަށް ނައެވެ.
"ބުނެބަލަ" އަނެއްކާވެސް ވިއާން ބުނެލިއެވެ.
"އަހަރެން ކޮންތާކަށްތަ ދާންވީ" އަހަރެން ބުނީމެވެ.
"އާދޭ" ހީލާފައި ވިއާން ބުނެލިއެވެ. އޭނާ ހިނގައިގަތުމުން އަހަރެން އެނބުރި މާމައަށް ބަލައިލީމެވެ.
"އެއްވެސް އިންސާފެއް ނޫން މާމާ. ވިއާން...."
"ދެންވެސް ދޭ. އޭރުން ވިއާނާ ވާހަކަދައްކައިގެން އިތުރުކަމެއް އިނގޭނީ" ސިއްރުން މާމަ ބުނެލިއެވެ.
އަހަރެން މޭޒުކައިރީގައި ބަންދާފައި ވިއާން އުނދުން ކައިރީގައި އުޅުނެވެ. ނޭފަތުގައި ހިތްފުރޭ ކަހަލަ މީރު ވަހެއް ޖެހިއްޖެއެވެ. އެތަނުގައި ހުރެގެން ވިއާން ކުރާކަމެއް ނޭނގެއެވެ. އައިސްއަލަމާރިން މިރުހަކާ ލިނބޮއެއް ނެގިތަން ފެނުނެވެ. މާގިނަ އިރެއް ނުވަނީސް އަހަރެން ކުރިމަތީގައި ތައްޓެއް ބެހެއްޓިއެވެ. އޭގައި ހުރީ ޓޯސްޓެވެ. ދެވަނަ ތަށީގައި ގެނެސް ބެހެއްޓީ ހޮޓް ޗޮކްލެޓެވެ.
"އަހަރެން އެކައްޗެއްވެސް ކާން ބޭނުމެއްނޫން" އަހަރެން ބުނީމެވެ. ވިއާން އައިސް އަހަރެންނާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. މޭޒުމަތީގައި އޮތް އަހަރެންގެ އަތް މަތީގައި އަތް ބާއްވައިލިއެވެ. އަހަރެން އެ އަތަށް ބަލައިލާފައިވެސް އެހެން ދިމާލަކަށް ބަލައިލީމެވެ.
"ސިއްރެއް ބުނަންތަ؟" ވިއާން ބުނެލިއެވެ. އަހަރެން ހަމަ އަޅައެއްވެސް ނުލަމެވެ.
"މަލް، ކުޑަކުޖެއްހެން ތިގޮތަށް ބޮޑާހާކާތީ އަހަރެންނަށް ވަރަށް ކަމުދޭ. ތީ އަބަދުވެސް ހުންނަ ސިފައެއްތަ؟" ވިއާން ބުނެލިއެވެ. ވިއާން އެހެން ބުނީ އަހަރެންގެ ކަންފަތާ އޭނާގެ އަނގަ ކައިރި ކޮށްލާފައެވެ. ވިއާންގެ ހޫނު ނޭވާގެ އިހުސާސް ކޮންމެވެސް ވަރަކަށް އަހަރެންގެ ކަންފަތަށް ކުރިއެވެ. އެހިނދު މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ.
"މަލްގެ ތި ސިފަ"
"ދެންހެވޭ. އަހަރެން ކައިފާނަން" އަހަރެން ބުނީމެވެ.
އަހަރެން އަމިއްލައަށް ޓޯސްޓް ނަގަން އުޅެނިކޮށް ވިއާން މަނާކުރިއެވެ. އޭނާ އަހަރެންނަށް އަމިއްލަ އަތުން ކާންދިނެވެ. ޗޮކްލެޓްތަށި ދިނެވެ. ފެން ދިނެވެ.
"ނިމުނީނު. އަހަރެން ދަނީ" އަހަރެން ބުނީމެވެ.
"މަޑުކޮށްބަލަ" ވިއާން ބުނެލިއެވެ.
"އަހަރެން މަޑުކުރަންވީ ސަބަބެއް ނޭނގޭ" އަހަރެން ބުނީމެވެ.
"މަލް، ކޮންކަމެއްތަ އިނގެން ބޭނުންވަނީ" ވިއާން ބުނެލިއެވެ. އެހިނދު އަހަރެންނަށް ވިއާނަށް ބަލައިލެވިއްޖެއެވެ. އަލުން އައިސް ވިއާން ކައިރީގައި އިށީނދެވިއްޖެއެވެ.
"އަހަރެން ބޮލުގަ ރިހުން ނުކެނޑޭ. ވިއާނާ މެދު ވިސްނެނީ. އަހަރެންނަށް އިނގެން ނުޖެހޭ ކަންތައްތަކެއްތަ؟ ވިއާން! ވިއާނަށް ފާފައެއް ކުރެވުނީތަ؟ ވީނާއަކީ ވިއާންގެ ދަރިއެއްކަން އަހަރެންނަށް އިނގިއްޖެ" އަހަރެން ބުނީމެވެ.
"ހެހެހެ... ވީނާއެއް މަލްއަށް ހާމަ މުހިންމުވެއްޖޭ ދޯ. އަހަރެން ކޮންކަމެއް ކޮށްދިނީމަ ވީނާ މަތިން ހަނދާންނެތޭނީ" ވިއާން ބުނެލިއެވެ.
"އަހަރެން ކުރާ ސުވާލަކަށް ޖަވާބުދެވިދާނެތަ؟ އެއްވެސް ދޮގެއްނަހަދާ" އަހަރެން އެހީމެވެ. ވިއާން ބޯޖަހައިލިއެވެ. އަހަރެން ވިއާން އަތުގައި ހިފައިގެން ގޮސް މަޑުކޮށްލީ ސިޓިންރޫމުން ބޭރަށް ނިކުމެވެން ހުންނަ ބެލްކަނީގައެވެ. އަރާމުަ ވަރަށް ވައި ޖެހެމުން ދިޔައެވެ. އުޑުމަތި ސާފު ދުވަހެއްކަމުން އުޑުމަތީން ހަނދާ ތަރިތަކާ ސާފުކޮށް ފެންނަން ހުއްޓެވެ.
"ވީނާ ދުނިޔޭގައި ނެތް. އެކުއްޖާ މަރުވެއްޖެ. މަރުވިތާ ކިތަންމެ ދުވަހެއް. ވިއާން ކީއްވެތަ ބުނީ ވީނާ ދުނިޔޭގައި އެބަހުއްޓޭ" އަހަރެން އެހީމެވެ.
ފުރަތަމަ ވިއާން އެއަށް ޖަވާބެއް ނުދިނެވެ. އެހެންކަމުން އަހަރެން ވިއާންގެ އަތުގައި ހިފައި ތަޅުވައިލީމެވެ. ވިއާން ބަލައިލުމާއެކު އަތުން އިޝާރާތެއް ކޮށްލާފައި ޖަވާބުދޭން ބުނީމެވެ.
"ވީނާ ދުނިޔޭގައި ނެތް" ވިއާން ބުނެލީ އެވަރަށެވެ.
"މަލް، އެވާހަކަތަކަކީ އަހަރެން ދައްކާހިތްވާ ވާހަކަތަކެއް ނޫން. އެދުވަސްތައް އެއީ އަހަރެންގެ ކުރިމަތިލާފައި ހުރި ދުވަސްތަކެއް ވިޔަސް އަހަރެންނަށްޓަކައި އެއީ ބޮޑު އަނިޔާއެއް. ވޭނެއް. އެކަމުގެ ސަބަބުން އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު އެތައް މަލާމާތެއްކުރި. އެވާހަކަތައް މަލް ދައްކައިގެން އަނެއްކާ މަސައްކަތް ތިކުރަނީ އަހަރެންގެ މާޒީ އަހަރެންގެ ލޯ ކުރިމަތީގައި ހުޅުވާލަން" ވިއާން ވާހަކަދެއްކިއެވެ.
"ކޮންމެ އިންސާނަކީވެސް ދިރިއުޅުމުގައި ހިތްދަތި އެތައް ކަމެއް ތަހައްމަލްކުރާނެ މީހެއް. އެގޮތުން އަހަރެންގެ ހަޔާތުގައިވެސް ހިތްދަތި ދުވަސްތަކެއް ދިޔައީ" ވިއާން ބުނެލިއެވެ.
"ކުޑައިރުވެސް އަހަރެންނަށް އުފަން މަންމަގެ ފަރާތުން ލޯތްބެއް ނުލިބުނު. ދުވަހަކުވެސް އުފަން ބައްޕަ ނުދެކެން. ބައްޕައެއްގެ ސިފައިގައި އަހަރެންނަށް ފެނުނީ ދޮންބައްޕައެއް. އަހަރެން ދުވަހަކުވެސް އެކަހަލަ ނުލަފާ ފިރިހެނެއް ނުދެކެން. މަލްއަށް އިނގޭތަ އަހަރެންނަށް ޖިސްނީ ގޯނާކުރަން އޭނަ މަސައްކަތްކުރި. އެކަން އޭނާއަށް ކާމިޔާބެއްނުވި. އޭނަ އަހަރެން އެހާ ކުޑައިރު ބަދުނާމުކުރީ. އަހަރެންނަށް އެތައް ހާލެއް ޖެއްސުވި. އަހަރެން ސަލާމަތްކުރަން މަންމައަށް އެއްވެސް ކަމެއް ނުކުރެވުނު. މަންމަ އަހަރެންނަށް އެއްވެސް ހިމާޔަތެއް ނުދިން. މާމަ އަހަރެން ގެންދިޔަކަން އެއީ ނަސީބެއް. އަހަރެންގެ ދިރިއުޅުން ބަދަލުކޮށްދިން މީހަކީ މާމަ. އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަމެއް ގެނެސްދިން މީހަކީ މާމަ. މާޒީ އާ ނުލާ ދިރިއުޅުން ކުރިއަށްގެންދަން ދަސްކޮށްދިނީ މާމަ. އަހަރެންނަށް ދިހަ އަހަރުގައި ކުރިމަތިލާންޖެހުނީ ވަރަށް ނުރައްކާތެރި ބައްޔަކާ. އަލްހަމްދުލިﷲ. އަހަރެން ސަލާމަތްވި. އެކަމަކު އެހަނދާންތަކާ ދުރަކަށް ނުދެވުނު" ވިއާން ވާހަކަދެއްކިއެވެ. ކުރިމަތީގައި ހުރެ ވިއާން ރޮމުންދާ މަންޒަރު ފެނި އަހަރެންގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. ފެންކަޅިވެފައިވާ ހާލު އަހަރެންނަށް ހުރެވުނީ ވިއާނަށް ބަލަހައްޓައިގެންނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ