''ކޮބާ ނާލާގެ ޚަބަރެއް ނުވޭތަ؟...'' ވިވިއަން ސުވާލުކޮށްލިއެވެ. ''މިހާރު ދެން ފަރުވާ ނުލިބުނިއްޔާ ވާނެ ކަމެއް ނޯންނާނެ، ޕޫއާރ ސޯލް... ދެން މަރުވާނީ ކަން ނޭނގެ...'' އެއްވެސް އަސަރެއް ނެތް ގޮތެއްގައި ވިވިއަން ވާހަކަދެއްކިއެވެ.

''ނާލާއާ މެދު ތިހާ ވަރަށް ނުވިސްނާ އަމިއްލަ ދިރިއުޅުމާ މެދު ވިސްނަބަލަ...'' ޝައިހާ ރުޅިގަވެއްޖެއެވެ. ''އަދި ބުނަން ތިފާޑަށް ވާހަކަ ދައްކަނިކޮށް އެފަދަ ދެރަ ގޮތެއް ތިމާއަށް ކުރިމަތިނުވާނެކަމެއް އެނގެނީ ކިހިނެއް؟...''

''ހޫނ... ފެށީއޭ ދޯ... މީހަކަށް ހެޔޮއެދިގެން އެއްޗެއް ބުނެވޭކަށް ވެސް ނޯންނާނެ...'' ވިވިއަން ތުންއަނބުރާލިއެވެ. ''އިނގޭތަ؟... ކުރީ ދުވަހު ރުހައިމް އޭނަގެ ވަގު ބިޓު ގޮވައިގެން އިމަޖެންސީ ރޫމަށް އައި ކަމަށްވޭ، އަހަރެންގެ ރައްޓެއްސެއް އުޅޭނެ އީ.އާރްގަ... އޭނަ ބުނީ... މިހާރު ފަސް މަސް ވެއްޖެޔޯ އެމަންޖެގެ ބަނޑަށް ވެސް... ދެމީހުން މެރީކޮށްގެން ކަން ނޭނގެ އުޅެނީ، ބަޓް އެކައިވެނި ސައްހައެއް ނުވާނެތާދޯ؟... ދުނިޔޭގެ ލަދުން ސަލާމަތްވާންކޮށްގެން އުޅޭ ކަމެއްހެން ހީވަނީ...''

''ރުހައިމްއަށް ނާލާ ކެންސަރު ޖެހިގެން އުޅޭކަން އެނގޭތަ؟...'' ޝައިހާއަށް ބަލައިލަމުން ވިވިއަން ބުމަ އަރުވާލިއެވެ.

''ރުހައިމްގެ ޕީ.އޭތަ އަހަންނަކީ؟...'' ޝައިހާ ގާތަށް ރުޅި އައެވެ.

''ހެވެއް އެދިގެން އެއްޗެއް ބުނެވޭކަމަކަށް ވެސް ނޯވެޔޭ... އަހަރެން ހަމަ ކިއުރިއަސް ވެގެންނޭ މިސުވާލުކުރީ، އޭނައަށް ނާލާގެ ހާލަތު އެނގޭނަމަ ވާނީ ކިހިނެއްތަ؟... ނާލާ ހޯދަން އޭނަ އުޅެފާނެތަ؟... އެކަމަކު މިވީހާ ދުވަހު ހާލު އޮޅުންފިލުވަން ނޫޅުނީ ވެސް ފޫހިވީމަތާ، ވެދާނެއެއްނު އޭނަ ލޯބިވަނީ މިހާރު އެއަންހެންކުއްޖާ ދެކެ ކަމަށް ވެސް... ޕުއާރ ނާލާ... ދުވަހަކު އެމަންޖެއްއަށް ހަމަޖެހުމެއް ލިބުމެއް ނެތީބާ؟... ކެންސަރުން ރަނގަޅުވެގެން އަންނަތަނުން ރުހައިމްގެ ދެމަފިރިންނާއި ދަރިފުޅާ ދިމާވެއްޖެއްޔާ ވާނީ ކިހިނެއް؟، ނާލާ އެހާ ބޭނުންވި ދިރިއުޅުން ލިބުނީ އެހެން މީހަކަށް... ނާލާއަށް ޖެހިފައިވަނީ އެކަނިމާއެކަނި ކެންސަރުގެ ވޭނާއި ކުރިމަތިލާން، ދިރިހުންނާނެ ކަމުގެ އުއްމީދެއް ވެސް ނެތް... ވަޓް އެ ޕިޓީ...'' ވިވިއަން ދެފަރާތަށް ބޯހޫރާލަމުން ވާހަކަދެއްކިއެވެ. ނާލާއާ މެދު ހަމްދަރުދީއެއް އެހިތުގައި ނުވެއެވެ. ވާހަކަތައް ބޮޑުކޮށްލަން ބޭނުންވީއެވެ.

ރުޅިގަދަވެގެން ޝައިހާ ދިޔައީ ދުރަށެވެ. މަންޒަރު ބަލަން ހުރެފައި ނުލަފާ ގޮތަކަށް ވިވިއަން ހީލިއެވެ. އެކަނިމާއެކަނި ވިސްނަން އިނދެފައި ވިވިއަންއަށް ނިކަން މޮޅު ޚިޔާލެއް އައެވެ. އެކަން ވާން އޮތީ ރުހައިމްއާ ބައްދަލުވެގެންނެވެ. ބައްދަލުވި ދުވަހަކުން އެވާހަކަދައްކަން ހިތުގައި އޭނަ އަޒުމު ކަނޑައެޅިއެވެ.

*****

ނިދަން ތައްޔާރުވަމުން ދިޔަ ނަދީމާ އިނީ ޚިޔާލަކަށް ގެއްލިފައެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް އޭނަ ބަލައިލިއެވެ. އަތުގައި ލަސްލަހުން ލޯޝަން އުނގުޅަމުން ދިޔަ އިރުގައި ވިސްނެމުން ދިޔައީ ޑޮކްޓަރު ދެއްކި ވާހަކަތަކާ މެދުގައެވެ. އެވާހަކަތަކުން ނަދީމާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ޖެހިލުންވުން އުފެދިފައިވަނީ ހަޤީޤަތް ނާލާއަށް އެނގިދާނެތީއެވެ. އޭރުން އިތުރު ހިތާމައަކާއި ނާލާ ކުރިމަތިލާންޖެހިދާނެއެވެ. އުއްމީދު ގެއްލި މާޔޫސްކަމުގެ ތެރެއަށް ގެނބިދާނެއެވެ.

''ނަދީމާ...'' ބިލާލްގެ އަޑަށް ނަދީމާ ދިޔައީ ސިހިގެންނެވެ. ފަސްއެނބުރި ބަލައިލެވުނީ އެނދާއި ދިމާއަށެވެ. އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިން ބިލާލްގެ ނަޒަރު އަމާޒުވެފައިވަނީ ނަދީމާ އަށެވެ. ބިލާލް ދައްކަން ބޭނުންވަނީ ކޮން ވާހަކައެއްކަން ނަދީމާއަށް ވަގުތުން ނަގައިގަނެވިއްޖެއެވެ.

''އަހަންނަށް ފެންނަނީ ނާލާއާއި ހުރިހާކަމެއް ހިއްސާކުރަން...'' ބިލާލް ބުންޏެވެ. ''ފަހުން އެނގިއްޖެޔާ ބޮޑު މައްސަލަގަނޑެއް ހިލިގެން ހިނގައިދާނެ...''

''މިވަގަތުކަ ނޫން... ނާލާއަށް މިއަދު އައިސްފައި އެހުރި ބަދަލުތައް ވެސް އައީ ހާދަ ދުވަހަކުންނޭ... ފަރުވާއާ މެދު މާބޮޑު އުއްމީދެއް ނެތް ވާހަކަދައްކަން ވެއްޖެނަމަ އެކުއްޖާ އަހަރުމެންނަށް ގެއްލިގެން ހިނދައިދާނެކަމުގެ ބިރުވެރިކަން ހިތުގައިވޭ... ނާލާއަށް ދެރަގޮތެއް ވާކަށް އަހަރެންގެ ހިތެއް ނޭދޭ...'' ނަދީމާގެ އަޑު ކުރެހެން ފެށިއެވެ. ބިރުވެރިކަމުގެ ރާޅުބާނީތައް ހިތުގައި އުފެދުނެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލީ ނުބައި ވަހުމުތަކާއި ދުރުވެލުމަށެވެ. އެހެންނޫންނަމަ ބޮލުގައި ރިއްސަން ފަށާފާނެއެވެ.

''ނަދީމާގެ ވާހަކަތައް ދޮގު ކުރާކަށް އަހަރެން ނެތީން، އެކަމަކު އެފަދަ ބޮޑު ކަމަކަށް ތައްޔާރުވާއިރުގައި ނާލާއަށް ވެސް އެނގެން ޖެހޭނެއެއްނު... އޭނަގެ ރުހުން ވެސް އަހަރުމެން ހޯދަން ޖެހޭނެއެއްނު...'' ބިލާލް ކަންބޮޑުވުނން ފާޅުކުރިއެވެ. އެނދުން ތެދުވެގެން އައިސް ނަދީމާގެ ފުރަގަހަށް ހުއްޓުނެވެ.

''ނާލާއަށް ޑޯނަރެއް ލިބެންދެން އިހަށް އެވާހަކަ ނުދައްކާނީ... ޑޯނަރެއް ލިބުމުން އިތުރު އުއްމީދެއް ވެސް ލިބޭނެއެއްނު... މާދަން އަހަރުމެން ޖެހޭނެ ޓެސްޓް ހަދަން، އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ހުރިހާކަމެއް ރަނގަޅުވެގެން ދާނެ...'' ރީތިވާ މޭޒުގެ ގޮނޑިން ތެދުވަލަމުން، ބިލާލްއާއި ނަދީމާ ކުރިމަތިލިއެވެ. ''އަހަރުމެންގެ ދަރިފުޅަށް އަވަސް ޝިފާއެއް ލިބޭނެ... ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް އުއްމީދު ކަނޑައެއް ނުލާނަން... ނާލާގެ ގާތުގައި ތިބި ބަޔަކީ އަހަރުމެން، އަހަރުމެން ދެއްކި ހިތްވަރަކުން މިވޭނާއި ކުރިމަތިލުމުގެ ހިތްވަރު ނާލާއަށް ލިބޭނީ... އަހަރެން ކުރި ދިގު އިންތިޒާރަށް ވެސް ނިމުން އައިސްފި، ނާލާ އެވަނީ އެހިތް އަހަރުމެންނަށް ހުޅުވާލާފައި، އަދިވެސް އެދަރިފުޅުގެ ލޮލުން އަހަންނަށް ޖެހިލުންވުން ފެނޭ، އެކަމަކު އަހަރުމެން ނާލާއާއެކު ސާބިތުކަމުގައި ތިބޭނަމަ ހުރިހާ ކަމަކާ ކުރިމަތިލާން ނާލާއަށް ފަސޭހަވާނެ... މިވަގުތަށް ފަރުވާގެ ވާހަކަ ނުދައްކާ މަޑުޖައްސާލަން އަހަރެން ބޭނުންވަނީ އެހހެންވެ... އުއްމީދެއް ނުލިބި ވަނިކޮށް ނުބައި ޚަބަރެއް ދީފިއްޔާ ހިތްމަރުވެދާނެ، އޭރުން ހާލަތު ދާނީ އިތުރަށް ގޯސްވަމުން...''

''ނަދީމާ...'' ބިލާލްއަށް އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވިއެވެ. އޭނަގެ ހިތް ބުނަމުން ދަނީ ސިއްރުކުރުމެއް ނެތި ހުރިހާ ކަމެއް ނާލާއަށް ކިޔައިދިނުމަށެވެ. ކުރިން ވެސް ހަޤީޤަތް ސިއްރުކުރަން ހަދައިގެން ހާލަތުވީ ގޯހެވެ. އެފަދަ ކަމެއް ތަކުރާރުވާން އޭނަ ބޭނުމެއް ނުވިއެވެ.

''ބިލާލް، އަހަންނަށް އިތުބާރު ކުރޭ... ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ނާލާ ގާތު ބުނާނީ...'' ބިލާލްގެ މޭގައި ފިރުމާލަމުން ނަދީމާ ބުންޏެވެ. ''ވަރަށް ނިދި އައިސްފި...''

ނަދީމާ ބޭނުންވީ އެހިސާބުން އެވާހަކަތައް އޮއްބާލާށެވެ. ބިލާލްގެ ހިތުގައި އޮތް ހާސްކަން އެހިތަށް ވެސް ގޯނާކުރަމުން ދިޔަ އެވެ. ނަމަވެސް އޭނަ ބޭނުންވީ އެކަމާ ކުރިމަތި ނުލާށެވެ. ބަހަނާތައް ދައްކާށެވެ. މަސްރަހު ބަދަލލުވުމަށް ހިތް އެދޭތީއެވެ. އެނޫން ދުވަހަކަށް އޭނަ އުއްމީދެއް ވެސް ނުކުރެއެވެ.

*****

އަރައިގެން އައި އިރުގެ ދޯދިތަކުން ފަތިހުގެ އަރާމު ފިނިކަމަށް ނިމުން ގެނެސްދިއެވެ. ފަޒާގައި ބޯވެފައި އޮތް ދުންފިނީގެ ދޫލަތައް ވެސް ހިނދިގެން ހިނގައްޖެއެވެ. ދުވަހުގެ ސަލާންބަދަލުކުރަމުން ޖައްވުގެ ތެރެއަށް އުދުއްސައިގަތް ދޫނިތަކުގެ އަޑު އަހަން ބެލްކަނީގެ ދޮރު ކައިރީގައި ނާލާ ހުއްޓެވެ. ކޮންމެވެސް ވަރަކަށް ހަށިގަނޑުގައި ހަކަތަ ހުރި ދުވަހެކެވެ. ފިނިކަން ހަރުލާފައި ހުރި ބިއްލޫރި ދޮރުގައި އޭނައަށް އަތް ހާކާލެވުނެވެ. އެއާއެކު ފިނިކަން ފިލައި ބބޭރުގެމާހައުލު ފެންނަ ވަރު ވިއެވެ. އިރުގެ ދަޅަތައް އޭރު ދުނިޔެމައްޗަށް ފާޅުވެއްޖެއެވެ. ލޯކުރިމަތިން ކުއްލިޔަކަށް ސިފަވި މަންޒަރަކުން މޮޅިވެރިކަމުގެ ރިހުން އެކުލެވިގެންވި ހިނިތުންވުމެއް ނާލާގެ ތުންފަތަށް ވެރިވިއެވެ. އޭނައަށް ތަސްވީރރު ކުރެވުނީ ހެނދުހެނދުނާ ރުހައިމް ހޭލައްވަން ޖަހާ ސަކަރާތެވެ. ބަދަލުކުރެވޭ ލޯބީގެ ސަމާސާތަކެވެ. އެއާއެކު ދެލޯ ފުރެން ފެށިކަމުގެ އިހުސާސް ކުރެވުނެވެ. ވަށައިގެންވާ ހުރިހާ ކަމަކުން ފެންނަނީ މާޒީއެވެ.

''އަހަނަންނަށް ކުރީގެ ދިރިއުޅުން އަނބުރާ ލިބޭނެތަ؟... އަހަންނަށް އުފާވެރިކަން އިހުސާސްކުރުމުގެ ފުރުސަތު ލިބޭނެތަ؟... ރުހައިމް!... ރުހައިމް އަހަރެން މަތިން ހަނދާން ހުންނާނެތަ؟... ނޫން... ނޫން... އެހެން އަހަރެން ވިސްނައިގެން ނުވާނެ... ކީއްވެތަ ރުހައިމްގެ ހަނދާންތައް އާލާވަނީ؟... އެޚިޔާލުތައް ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ގޯނާކުރޭ... ރުހައިމް މިހާރު އަހަރެން މަތިން ހަނދާންނައްތާލާނެ... އަހަންނާއި ނުލާ އުފަލުގައި އުޅޭނެކަން ޔަޤީން... އަހަރެންގެ ދިރިއުޅުން ބަރުބާދުވެދިޔައީ ވެސް ރުހައިމްގެ ސަބަބުން!، އެކަމަކު އަހަރެންގެ ބަސްނާހާ ހިތަށް އެކަމެއް ވިސްނައެއް ނުދެވޭ... ކީއްވެތަ އަމިއްލަ ހިތުގެ މައްޗަށް އަހަރެންގެ ބޯރު ނުފޯރަނީ؟......'' ނާލާއަށް އޭނަގެ ހިތާއި ސުވާލުކުރެވުނެވެ. ހިތުގެ ޒަހަމްތަކަށް އަދިވެސް ޝިފާއެއް ނުލިބެއެވެ. ހިތުގައި ވަނީ ރޯފާރުތަކެވެ. ރުހައިމްގެ ހަނދާންތައް އާލާނުވެޔޭ ބުނާނަމަ ކަނޑައެޅިގެން އަމިއްލަ ނަފުސަށް އޮޅުވާލެވުނީއެވެ.

''މޯނިންގް...'' ލުޔޫންގެ އަޑު ނާލާއަށް އިވުނެވެ. އަވަސްއަވަހަށް ކަރުނަ ފޮހެލަމުން ކޮޓަރީގެ ދޮރާއި ދިމާއަށް އޭނަ ބަލައިލިއެވެ.

''ކުޑާ...'' ކޮޅަށް ހުރި ނާލާ ފެނި ލުޔޫން ކަންބޮޑުވެއްޖެއެވެ. ނިކަން ހަލުވި ފިޔަވަޅުތަކެއްގައއި ގޮސް ނާލާގެ ގާތަށް ހުއްޓުނެވެ. އަދި އަތުގައި ގިފައިގެން ގޮސް ކައިރީގައި ހުރި ސޯފާގައި ބޭންދިއެވެ.

''ތިހެން އެކަނި ތަންތަނަށް ދާން ހަދައިގެން ވެއްޓިދާނެ، ކުޑާ ހަނދާން ނެތުނީތަ އެންމެފަހުން މަސްދުވަސް ވަންދެން ހޮސްޕިޓަލުގަ ބާއްވަން ޖެހުނު ދުވަސްތައް؟...'' ހިތްހަމަނުޖެހުން ފާޅުކުރަމުން ލުޔޫން ބުންޏެވެ.

''މިހާރު އަހަރެން މިވަނީ ލޫލޫގެ ކޮއްކޮއަށްދޯ؟...'' ނާލާ ބުންޏެވެ.

''ހޫމްމްމް، އަހަރެން ބުނާ ގޮތަށް ހަދަން ޖެހޭނީ ދެން...'' ހަށަން ބަނދެލަމުން ލުޔޫން ވާހަކަދެއްކިއެވެ.

''ލޫލޫ ބުނީމެއްނު އަހަރެން ބޭނުންތަނަކަށް ގެންގޮސްދޭނަމޭ...'' ލުޔޫންގެ މޫނަށް ނާލާ ބަލައިލިއެވެ.

''ޔެސް... ކޮންތަނަކަށް ދާންތަ ކުޑާ ބޭނުންވަނީ؟...'' ނާލާއާއި ޖެހިގެން ސޯފާގައި އިށީންނަމުން ލުޔޫން ވާހަކަދެއްކިއެވެ. އޭނަގެ އަޑުގައި ޖޯޝެއް ވެއެވެ. އިސްވެ އެމައުޟޫޢުއަށް ނާލާ ވާހަކަދައްކަން ފެށުމުން ލުޔޫން ނިކަން އއުފާވިއެވެ.

''ގޭ ކައިރީ އޮތްނަ ލޭކްއަށް...'' ފުންނޭވާއެއް ދޫކޮށްލަމުން ނާލާ ބުނެލިއެވެ.

''އެކަމަކު...'' ލުޔޫންއަށް ލިބުނީ ހައިރާންކަމެވެ. އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން ހިމޭންކަން އިހްތިޔާރުކުރެވުނެވެ. ނާލާގެ މޫނަށް ފުން ނަޒަރެއް ވެސް ދިނެވެ.

''އަހަރެން ބޭނުމީ ހުރިހާކަމެއް ހަނދާން ނައްތާލަން... އައު ފެށުމަކުން ފަށަން، ޓު ޑޫ ދެޓް އައި ހޭވް ޓު ލެޓް ގޯ އޮފް ދި މެމޮރީސް، ވަރަށް ދުވަހު އެހަނދާންތަކުގައި އުޅެވިއްޖެ، އެކަމުން ލިބެނީ ހިތްދަތިކަން، އެކަނިވެރިކަން... ލޫލޫ ބުނިހެން ޕާސްޓްގަ ހިފަހައްޓާނަމަ މީހާ އިތުރަށް ބަލިކަށިވާނީ... މިހާރު ވެސް ފިޒިކަލީ އަދި މެންޓަލީ އަހަރެން މިހިރީ ބަލިކަށިވެފައި، ނުބައިކޮށް ދުނިޔެއާ މެދު ދެކެވެނީ އެހެންވެ... އަހަރެން ބޭނުން ހުރިހާކަމެއް ބަދަލުކުރަން... ހާލަތު ބަދަލުކުރަން މަސައްކަތްކުރަން ޖެހޭނީ ވެސް އަހަރެން...'' ނާލާގެ އަޑުގައި މޮޅިވެރިކަން ވިއެވެ. ހިތުގެ ހާލު ފުރަތަމަ ފަހަރަށް ލުޔޫންއަށް ނާލާ ބަޔާންކޮށްދިނެވެ. އެއީ އެތައް ދުވަހެއްގެ ކެކުޅުންތަކެކެވެ. ހިތުގެ ވޭނީ އާހް ތަކެކެވެ. ހިތަށް ލުޔެއް ލިބެން އޮތީ ވޭނީ ފަލްސަފާ ހިއްސާކޮށްގެންނެވެ.

''ކުޑާ...'' ލުޔޫންގެ ލޮލުން ކަރުނަ ހިލުނެވެ. ނާލާގެ ގައިގައި ބާރަށް ބައްދައިގަނެވިއްޖެއެވެ.

''ނޭވާ ނުލެވެޔޭ...'' ލުޔޫންގެ ބުރަކަށީގައި ނާލާ ޖަހާލިއެވެ.

''މިއަދު އަހަރެން ވަރަށް އުފާވެއްޖެ...'' ފެންކަޅިވެފައިވި ދެލޮލުން ނާލާގެ މޫނަށް ލުޔޫން ބަލައިލިއެވެ.

''މަންމަ ބުނީ ހެދި ޓެސްޓްތަކުގެ ނަތީޖާ ވެސް ރަނގަޅޭ... ކީމޯގެ އަސަރު އެބަކުރެޔޭ... އެހެންވީމަ އެވެސް ލިބުނު ވަރަށް ބޮޑު އުއްމީދެއް، ކުޑާ ބަލައްޗޭ، ﷲގެ އިރާދަފުޅާއެކު މި ބިރުވެރި ހުވަފެނުން ވަރަށް އަވަހަށް ހޭލެވޭނެ...'' ލުޔޫންގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެއްޖެއެވެ.

''އަދި ކުޑާ ބަލައްޗޭ... އޭނައަށް ވުރެން ރަނގަޅު ބައިވެރިޔަކު ކުޑާއަށް ލިބޭނެ، އެކަހަލަ މީހަކަށް ދެން ކުޑާ ކަރުނަ އޮއްސައިގެން ނުވާނެ... ހީ މަސްޓް ރިމެއިން އެ ކްލޯސްޑް ޗެޕްޓާރ...'' ނާލާގެ ގައިގައި އަނެއްކާ ވެސް ބައްދާލަމުން ލުޔޫން ވާހަކަދެއްކިއެވެ.

''މިހާ ހެދުނާ ކޮންވާހަކައެއްތަ ތިދައްކަނީ؟...'' އިވިގެން ދިޔައީ ނަދީމާގެ އަޑެވެ. ނާލާގެ ކޮޓަރިއަށް އޭނަ އައީ ނާލާގެ ހާލު ބަލައިލާށެވެ. ހައިރާންކަން ލިބުނީ މާޔޫސްކަން ފިލާފައިވި ނާލާގެ މޫނު ފެނުމުންނެވެ. ވަރުބަލިކަން ވިޔަސް އުއްމީދުގެ އޮއެވަރު އެދެލޮލުގައި ވިއެވެ.

''މިއަދު ދާނެ ތަނަކާ މެދު މި ވާހަކަދައްކަނީ...'' ލުޔޫން ބުނެދިނެވެ.

''އެހެންތަ؟...'' ކޮޓަރީގެ ދޮރުލައްޕާލަމުން ނަދީމާ ބުނެލިއެވެ. ނާލާއަށް ދޮގު ހަދަން ޖެހުމުން ކުރިން އެހިތުގައި އޮތީ ހައިޖާންގަނޑެއް އުފެދިފައެވެ. ކުރެވުނީ ރަނގަޅުކަމެއް ބާވައޭ ހިތުގައި ސުވާލު ވެސް އުފެދުނެވެ. އެހެނަސް މިހާރު ފެންނަމުން އެދާ މަންޒަރުތަކުން އެޅުނީ އެންމެ އެކަށީގެންވާ ފިޔަވަޅުކަމުގައި ނިންމުނެވެ. އޭނަގެ ވާހހަކަތައް ނާލާ ޤަބޫލުނުކޮށްފާނެތީ ބިރުވެރިކަން ވެސް ހިތުގައި ވިންދު ޖެހިއެވެ. ނަމަވެސް އުއްމީދުގެ ރޯޝަނީކަމަށް ނނާލާ ހުރީ ނުހަނު ބޭނުންވެފައެވެ. ސުވާލުއުފެއްދުމެއް ނެތި ޤަބޫލުކުރީ ވެސް އެހެންވެއެވެ.

ނަދީމާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ފުޅާ ހިނިތުންވުމެއް ނާލާއަށް ދިނެވެ.

''ދޮގަކުން ވިޔަސް ނާލާއަށް ކުޑަކުޑަ ހަމަޖެހުމެއް ލިބިއްޖެ...'' ނަދީމާ އޭނަގެ ހިތަށް ވިސްނައިދިނެވެ. އެވަގުތު ނަދީމާއަށް ވިސްނާނުލެވުނީ ފަހުން ނިކުމެދާނެ ނަތީޖާއަކާ މެދުގައެވެ. އޭނަގެ ދޮގުތައް ޚިޔާރުކޮށްފާނެ ބިރުވެރި ސިފައެވެ. ބޮޑު ތޫފާނެއްގެ ފުރަތަމަ ރޯޅިކަމެވެ. އިންޒާރުގެ ރަނގަބީލުތަކަށް ބީރުކަންފަތެއް ދެވުނީއެވެ. އަމިއްލަ އެދުން އިސްކުރެވުނެވެ.

*****

މަނާލްއާ ނާލާ ހޮސްޕިޓަލުން ދިމާވެ އެކުވެރިކަން ބަދަހިވަމުން ދިޔަ އެވެ. ދިރިއުޅުމުގެ އެންމެ އަނދިރިދުވަސްތަކުގެ ތެރޭން މަނާލްއާއި ބައްދަލުވެ، މަނާލްގެ ފަރާތުން ލިބެމުން ދިޔަ ނަސޭހަތްތަކުން ދިރިއުޅުން އާރާސްތުކުރަން ނާލާއަށް ފުރުސަތުތަކެއް ލިބުނެވެ. އެކަމާ ހިތް ފުރިގެން އައީ ޝުކުރުވެރިކަމުންނެވެ. މަނާލްގެ ހަޔާތުގެ ވާހަކަތތައް ވެސް ނާލާއާއި ވަނީ ހިއްސާކޮށްފައެވެ. ފުރާވަރުން ފެށިގެން ކެންސަރުގެ ދާއިމީ ބަލިމީހަކަށް ވެފައިވާ ހިތްދަތި ވާހަކކަތައް ހިއްސާކުރިއެވެ. ''ކެންސާރ ފްރީ'' އަހަރުތަކަށްފަހު އަނެއްކާ ވެސް ހަމަ އެވޭނާއި ތަކުލީފާ ކުރިމަތިލާން ޖެހެނީއެވެ. ބިރުވެރިކަން ހިތަށް ވެރިކުރުވަމުންނެވެ. ޢާއިލާގައި ހުރި ހަމައެކަނި އަންހެއްކުއްޖާއަށް ވުމުން ޢާއިލާގެ ލޯބި އިންތިހާއަށް ލިބެމުން ދިޔަ އެވެ. އަނދިރިކަމާއި ހަނގުރާމަކުރަން މަނާލްއަށް ލިބުނު ހިތްވަރަކީ ވެސް އެއީ އެވެ. އަލަތު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ވާހަކަ ވެސް މަނާލް ހާމަކުރިއެވެ.

މަނާލްގެ ވާހަކަތަކުން ނާލާއަށް ދޭހަކުރެވުނީ މުސްތަޤުބަލާ މެދު މަނާލް ކުރާ އުއްމީދުތަކެވެ. ދެކޭ ހުވަފެންތަކެވެ. ކެންސަރުގެ ވޭނުގައިވާ ހާލުގައި ވެސް އަލަތު ކައިވެންޏަށް މަނާލް އެދަނީ ތައްޔާރުވަމުންނެވެ. އެފަދަ ހިތްވަރުގަދަކުއްޖަކަށް މަނާލްވީ ކިހިނެއް ހެއްޔެވެ؟

''އެނގޭތަ؟... ފުރަތަމަ ޑައިގްނޯސްވީ ފަހަރު ހިތަށް އެރީ ކީއްވެގެންހޭ؟... އަހަންނަށް ކެންސަރު ޖެހުނީ ކީއްވެގެންހޭ؟...'' މަނާލް ބުނެލިއެވެ. ނާލާ ބަލައިލީ މަނާލްގެ މޫނަށެވެ. އެއީ އޭނަގެ ހިތުގައި މިއަދާ ހަމައަށް ވެސް ޖަވާބު ނުލިބިފައި އޮތް ސުވާލެކެވެ.

''ދެން ޖަވާބު ލިބުނުތަ؟...'' ނާލާއަށް އަހާލެވުނެވެ.

''ނޫން... އެއީ ކޮށްގެން ނުވާނެ ސުވާލެއްކަން އަހަންނަށް އެނގުނީ ފަހުން... އަހަރުމެން ދުނިޔެއަށް ފޮނުއްވާފައިވަނީ މާތްﷲއަށް ފުރިހަމައަށް ކިޔަމަންވެ އަޅުކަން ކުރުމަށް... އެކަލާނގެ ނިއުމަތާ މެދު ޝުކުރުވެރިވާން، ވަކީލުކުރަން... އެކަލާނގެ އަޅަކަށް ނުފުއްލޭ ވަރުގެ އިމްތިހާނެއް ކުރިމައްޗެއް ނުކުރައްވާނެ... އެކަމާ މެދު އަހަންނަށް ވިސްނާލެވުނީ، ތަޤުދީރުގެ ނިޔާ އަހަރެން ޤަބޫލުކުރީ، އަހަރެންގެ ކިތަންމެ މަސައްކަތްކުރިޔަސް ތަޤުދީރުގައި ލިޔެވިފައިވާ ކަންތައް ބަދަލެއް ނުވާނެ، ދިރިއުޅުމަކީ އެފަދަ އެއްޗެއް، ޔަޤީންކަމެއް ނޯންނަ އެއްޗެއް، މިއަދު ލިބިފައިވާ އުފާވެރިކަން މާދަމާ ގެއްލިގެން ހިނގައިދާނެ، އެހެންވެ މިއަދުގައި އުޅެން ޖެހެނީ، އޭރުން ފަހުން ހިތާމަކުރާކަށް ނުޖެހޭނެއެއްނު... ހެހެހެ... އަހަރެންގެ ހުންނަނީ ބޯދާ ވިސްނުމެއް ދޯ؟....'' ލުއި ހުނުމަކާއެކު މަނާލް ވާހަކަ ނިންމާލިއެވެ.

''ނޫން، ވަރަށް ރަނގަޅު ވިސްނުމެއް، ޔަޤީނުން ވެސް އަހަންނަށް ވުރެން ރަނގަޅު...'' ނާލާ ބުނެލިއެވެ.

''އަހަންނަކީ ކުރިން ހަމަ ދެވަނަ ނާލާ... މިބުނީ ދުނިޔެއާއި މެދު ދެކެމުން އައި ނަޒަރިއްޔާތުގެ ވާހަކަ، އެކަމަކު އަހަރެންގެ ވިސްނުން ބަދަލުވީ ފުރަތަމަ ކީމޯ ނަގަން ފެށި ދުވަސްވަރު، އެތަނުން ދިމާވި ޕޭޝަންޓެއގެ ސަބަބުން، އެކަނި އަބަދު އަންނާނީ، އެހެންވެ ހިތުގައި ސުވާލު އުފެދުނީ، ފަހުން އެނގުނީ އެކްސިޑެންޓެއްގައި އެކުއްޖާގެ މަންމައާއި ބައްޕަ މަރުވިކަން، އެއެކްސިޑެންޓަށް ފަހު ކެންސަރު ހުރިކަން ވެސް އެނގުނީ... ވަރަށް ދެރަވި އެދުވަހު އެކުއްޖާއާ މެދު ވިސްނާލާފައި، އެކަމަކު އެއްކުއްޖާގެ ތުންފަތުގައި އަބަދު ހިނިތުންވުމެއްވޭ، ކޮންމެ މީހަކާ ވެސް ހެޔޮހހިތުން ވާހަކަދެއްކީ... އެދުވަހު އެނގުނީ އަހަރުމެން ވޭނާއި ކުރިމަތިލާ ގޮތް ތަފާތުވުމުން ހުރިހާކަމެއް ބަދަލުވެދާނެކަން... އެވްރީ ވަން އިސް ފައިޓިންގް ދެއާރ އޯން ބެޓްލް... އަހަންނަށް މިހާރު ވަރަށް ގިނަ ފިލާވަޅުތައް ދަސްވެއްޖެ... ދުނިޔޭގެ ހަޔާތަކީ ކުރުއެއްޗެއް... ގިނަގިނައިން އަޅުކަންކުރުމުން ހިތަށް ފިނިކަން ލިބޭނެ... އީމާންތެރިކަން އިތުރުވާނެ، އޭރުން ކޮންމެފަދަ ކަމަކާ ކުރިމަތިލެވޭނެ...'' މަނާލް އޭނަގެ މާޒީގެ ބާބުތައް ނާލާއާ ހިއްސާކޮށްލިއެވެ.

''އަހަންނަށް ނާލާ ފެނުނު ފުރަތަމަ ދުވަހު ފެނުނީ އަހަރެންގެ ކުރީގެ ސެލްފް... އެހެންވެ ވާހަކަދައްކާލާ ހިތްވީ، އެނގުނު މަދަދަށް ބޭނުންވެފައި ހުރި މިންވަރު... އަހަރެން ވެސް ކުރިން އާއިލާގެ ލޯތްބަށް ފުރުސަތެއް ނުދެން، ބިރުގަތީ، އެކަމަކު ފަހުން ވިސްނުނު އެއީ ހެދުނު ގޯހެއްކަން، ގެއްލުނު ދުވަސްތަކާ މެދު ދެރަވެސްވި... އެކަމަކު ފަހުން ލިބުނު ދުވަސްތަކަށް ހަމްދުކުރިން، މިހާރު ވެސް ހަމްދުކުރަން، މި ދޫކުރާ ކޮންމެ ނޭވާއަކީ ބްލެސިންގްއެއް...'' ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން މަނާލް ބުނެލިއެވެ. ''އަހަރެން ވެސް ކުރިން އަމިއްލަ ނަފުސަށް އަނިޔާ ދޭން ވިސްނިން... ކުރެވެން ވެސް ކުރެވުނު... ބޭނުންވީ ވޭނަށް ނިމުމެއް އަންނަން... އެކަމަކު އެއީ ހާދަ ނުބައި ވިސްނުމެކޭ، ﷲގެ އިރާދަފުޅުން މިހާރު އަހަންނަށް ތެދުމަގު ލިބިއްޖެ... ދުޢާއަކީ ނާލާއަށް ވެސް ތެދުމަގު ލިބުން...''

''އަހަރެން ސުވާލެއްކޮށްލަންތަ؟...'' ނާލާއަށް އަހާލެވުނެވެ. މަނާލްގެ ވާހަކަތަކުން އެހިތަށް ފުންއަސަރުތަކެއް ކޮށްފިއެވެ. ދުނިޔެއަށް ލޯހުޅުވާލަން ލިބުނު ފުރުސަތެކެވެ.

''ބިރެއް ނުގަނޭތަ؟...'' ނާލާއަށް ސުވާލުކޮށްލެވުނެވެ.

''ކޮންކަމަކަށްތަ؟...'' ނާލާގެ މޫނަށް މަނާލް ބަލައިލިއެވެ.

''މިބުނީ... ބުނަން މިއުޅެނީ...'' ނާލާއަށް އޭނަގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ދުލާހަމައަށް ލަފުޒުތައް ގެންނަން އުނދަގޫވީއެވެ. މަނާލްގެ ޒާތީ ދިރިއުޅުމާ ގުޅުވައިގެން ސުވާލު ކުރަން ވެސް ނުކެރުނީއެވެ.

''ކައިވެންޏަށް ތައްޔާރުވާތީތަ؟...'' ނާލާގެ މޫނުގެ ކުލަވަރުތައް މަނާލް ދެނެގަތެވެ. ހުޅުވާލާފައިވާ ފޮތެއްގެ އުސޫލުންނެވެ.

''އަސްލު ބިރުގަނޭ... އެކަމަކު އަހަރެން އުއްމީދު ކަނޑައެއްނުލަން، އެވްރީ ވަން ވިލް ގެޓް ދެއާރ ހެޕީ އެންޑިންގް، އިން ދިސް ވޯލްޑް އޯރ ދި އަދާރ... މާޒީގައި އަހަރުމެންނަށް ނުހިފެހެއްޓޭނެ، ބަދަލެއް ވެސް ނުކުރެވޭނެ، އަކަމަކު މުސްތަޤުބަލު ބަށްޓަން ކުރެވިދާނެ... އުއްމީދަކީ ހުރިހާކަމަކަށް ދިރުން ގެނެސްދޭ ކަންތައް...'' މަނާލް ލުއި ހިނިތުންވުމެއް ދިނެވެ.

''ނާލާގެ ވާހަކަތަކުން އިނގޭ ކޮންމެވެސް މީހެއްގެ ފަރާތުން ހިތްދަތިކަން ލިބިފައިވާކަން، އެކަމުގެ ސަބަބުން ދިރިއުޅުން ހަލާކުވިޔަ ނުދީ... ކެތްތެރިވޭ... ކެތްތެރިކަމުގެ މޭވާ އަބަދުވެސް ފޮނިވާނެ... ކުރީގެ ދިރިއުޅުމަށް ވވުރެން އުފާވެރި އަދި ކާމިޔާބު ދިރިއުޅުމެއް ނަސީބުގައި ވާނެކަން ޔަޤީން... ﷲ އިސް ކޭޕަބްލް އޮފް އެނީތިންގް، ޕްރޭޔާ އިސް އަވާރ ސްޓްރޯންގެސްޓް ވެޕަން...'' މަނާލްގެ ވާހަކަތަކުން ނާލާއަށް ހަމަޖެހިލެވުނެވެ.

*****

''މިއަދު ހަޤީޤާތުގައި ވެސް ބަނޑުގައި ރިއްސާތީއޭ އުޅުނީ... އެހެންވެ ރުހައިމްއަށް ގުޅަން ޖެހުނީ...'' އެމެޖެންސީ ރޫމުން ނިކުންނަން ދަމުން ރުހައިމްއާ ޔަޝްފީ ވާހަކަދެއްކިއެވެ. އޭނަ ހުރީ ހިސާބަކަށް ރުހައިމް ދެކެ ހިތްހަމަނުޖެހިފައެވެ. މީހުންގެ ލޮލުގައި އަނދުން އަޅުވަން ކުރެވުނު ކައިވެންޏެކެވެ. އަންބަކަށް ލިބެންޖެހޭ އަޅާލުމައި ލޯބި ރުހައިމްގެ ފަރާތުން އޭނައަކަށް ނުލިބެއެވެ. ކައިވެންޏަށް ފަހު ވެސް ރުހައިމް އުޅެނި ވަކިން ތަނެއްގައެވެ. އެކަމާ ހުރެ ވެސް ޔަޝްފީ ހުންނަނީ ރުޅިގަދަވެފައެވެ. ރުހައިމްގެ ދަރިއަކަށް އޭނަ ބަލިވެ އިންއިރުގައި އަޅާލުމާއި ލޯބި ދޭންޖެހޭނެ ނޫން ހެއްޔެވެ؟ ނަމަވެސް ރުހައިމް ފެންނަނީ މާޔޫސްކަމަކަށް ގެނބިފައި ހުންނަ ތަނެވެ. އެކަމާ މެދު ވިސްނާވިސްނާ ވެސް ޔަޝްފީ ރުޅިގަދަވެއެވެ.

''އަހަރެން ގެންނަން ދައްކާ ބަހަނާތަކެއްތަ؟...'' ރުހައިމް ނުރުހުނެވެ. އަބަދު ބަނޑެއްގައި ރިއްސާ ވާހަކަދައްކައިގެން ޔަޝްފީ އޭނައަށް ގުޅުން އާންމު ކަމަކަށް ހަދައިފިއެވެ.

''ރުހައިމް!... ކީއްވެ ތިހެން އަހަންނާ ވާހަކަދައްކަނީ؟... އަހަރެން މިހިރީ ރުހައިމްގެ ދަރިއަކަށް ބަލިވެ، އަހަރެން މީ ރުހައިމްގެ އަނބިމީހާ...'' ޔަޝްފީ ދެރަވެލާފައި ބުނެލިއެވެ. ރުހައިމްގެ ހިތަށް ވާސިލުވާން އޭނަ ބޭނުން ވިއެވެ. ތަފާތު އުކުޅުތައް ބޭނުންކުރަނީ އޭނަގެ ހިތުގައި އޮތް ނަފުރަތުގެ އަލިފާންގަނޑު ނިވިފައިވާކަން ރުހައިމްއަށް ހާމަކޮށްދޭށެވެ. ދަރިފުޅަށްޓަކައި ރުހައިމްއަށް ފުރުސަތު ދޭން ނިންމިކަން ހާމަކޮށްދޭށެވެ. އެކަމުގައި އަލިމަގެއް ނުފެނުމުން ރުންކުރުވާން ވެސް ފެށިއެވެ.

''ރުހައިމް!... އިސް ދެޓް ޔޫ؟...'' ރުހައިމްއަށް ހުއްޓެވުނީ ދެނެފަރިތަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. ފަސްއެނބުރި ބަލައިލެވުނެވެ. އޭރު ވިވިއަން އެދިމާއަށް އަންނަތަން ފެނެއެވެ.

ރުހައިމްގެ މޫޑު އިތުރަށް ޚަރާބު ވިއެވެ. ވަގުތުން އެތަނުން ދާން އަވަސްވަގެވެ. ވިވިއަންއާ ކުރިމަތިލާން އޭނަ ބޭނުމެއް ނުވިއެވެ. ކުރިމަތިވެދާނެ މުސީބާތެއް ވެސް އެނގެނީކީ ނޫނެވެ.

ވިވިއަންއާއި ދިމާއަށް ޔަޝްފީ ބަލައިލިއެވެ. ނުރުހުންތެރިކަން އޭނަގެ ލޮލުގައި ވިއެވެ. ރީތި އަންހެއްކުއްޖަކު ރުހައިމްއަށް ގޮވާލުމުން ރުޅިގަދަވީއެވެ. ރުހައިމްއަކީ އޭނަގެ ހައްޤެކޭ ބުނެ ވިވިއަންގެ މޫނު މައްޗަށް އެތިފަހަރެއް ވީއްލަން ވެސް ބޭނުން ވިއެވެ.

''ހާދަ ދުވަހަކަށް ފަހުގައޭ މި ދިމާވީ...'' ފިޔަވަޅުތައް އަވަސްކޮށްލަމުން އައިސް ރުހައިމްގެ ކުރިމައްޗަށް ވިވިއަން ހުއްޓުނެވެ. އަދި ނުލަފާ ހިނިތުންވުމަކާއެކު ރުހައިމްގެ މޫނަށް ބަލައިލިއެވެ. ޔަޝްފީއަށް ވެސް އަވަސް ނަޒަރެއް ދިނެވެ.

''ވައިފްތަ؟...'' ޔަޝްފީއަށް އިޝާރަތްކޮށްލަމުން ވިވިއަން ސުވާލުކޮށްލިއެވެ.

''ހިނގާ ދާން...'' ޔަޝްފީގެ އަތުގައި ރުހައިމް ހިފިއެވެ. އަދި ފިޔަވަޅުތައް އަވަސްކޮށްލަން އުޅުނެވެ. ވިވިއަންގެ ބޭނުމަކީ ކޮބައިކަން އޭނައަށް ދޭހަކުރަން އުނދަގޫވީއެވެ.

''އިންޓްރޮޑިއުސް ވެސް ނުކޮށްދޭނަންތަ؟...'' މަލާމާތުގެ ހިނިތުންވުމަކާއެކު ވިވިއަން އަހާލިއެވެ.

ރުހައިމް ހިނގައިގަތީ ކުރިއަށެވެ. އޭރު އަލިފާނުގެ ބެލުމަކުން ވިވިއަންގެ މޫނަށް ބަލަން ޔަޝްފީ ހުއްޓެވެ. އެހާ ގާތްކަމާއެކު ރުހައިމްއާ ވާހަކަދެއްކުމުގެ ހައްގެއް އެއްވެސް އަންހެނަކަށް ލިބިފައި ނުވާތީއެވެ.

''އަހަންނާ ވާހަކަދައްކަން ވެސް ބޭނުމެއް ނޫންދޯ؟... ނާލާގެ އެކުވެރިޔަކަށް ވީމަތަ؟... ނާލާއާ މެދު ކަންތައް ކުރި ގޮތުން ލަދުގަންނަނީ ދޯ؟... ރުހައިމްއަށް އެނގޭތަ ރުހައިމްގެ ސަބަބުން ނާލާއަށް ލިބުނު ހިތްދަތިކަން!، މިހާރު އުޅެމުންދާ ހާލު؟... އެފަކީރު ކިރިޔާ ދުނިޔޭގައި ހުރިކަން، ނޭނގޭ މާދަމާ ނޫންކަމެއް މަރުވާނީކީއެއް...'' ކުރިއަށްއަޅަމުން ދިޔަ ރުހައިމްގެ ފިޔަވަޅުތައް ހުއްޓުނީ ވިވިއަންގެ ޖުމްލައިންނެވެ. ނާލާގެ އަޑު ކަންފަތުގައި ޖެހުމާއެކު ޔަޝްފީގެ އަތުން ރުހައިމްއަށް ދޫކޮށްލެވިއްޖެއެވެ. އަދި އަވަސްއަވަހަށް ފަސްއެނބުރި ބަލައިލެވުނެވެ.

ރުހައިމްގެ މޫނުގައިވި ކުލަވަރުތަކުން އެއްވެސްކަމެއްގެ ހިލަން ރުހައިމްއަށް ނުވާކަން ވިވިއަން ދެނެގަތެވެ. ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔަ އެވެ.

(ނުނިމޭ)