ރާއްޖޭގައި މިހާތަނަށް އެއް ހަފުތާގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މި ފަހަކަށް އައިސް ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެގޮތުން ފާއިތުވި ފަސް ހަފުތާގައި ވެސް ކޮވިޑުގެ ކޭސްތައް އުޅެނީ 900 އިން މަތީގައި ކަމަށެވެ.

އަދި މާލޭގައި ބަލި ފެތުރުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެއް ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ހަފުތާގައި ކަމަށް ވެސް ވިދާޅުވި އެވެ. އެއީ 1020 ކޭސް އެވެ. ކޮވިޑުގެ ދެވަނަ ރާޅުގައި ވެސް އެއް ހަފުތާއެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަފުތާގައި ޕޮޒިޓިވްވީ 971 މީހުންނެވެ.

"މި އައުޓް ބުރޭކުގައި އެއް ހަފުތާގައި އެންމެ ގިނަ ކޭސް ފެނިފައި މިވަނީ މިދިޔަ ހަފުތާގައި. އަޅުގަނޑުމެން ހަފުތާ މި ގުނަނީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެނުނު ދުވަހުން ފެށިގެން. 15 އޭޕްރީލުން ފެށިގެން ހަފުތާ ގުނާއިރުގައި މިދިޔަ ހަފުތާގައި މިވަނީ 1020 ކޭސް ފެނިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.