ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާކަމަށް ދޭހާވާ ގޮތަށް ވާހަކަ ދައްކަނީ ލިބެމުން އަންނަ ކުރިއެރުމަށް ހަސަދަވެރިވާ ފަރާތްތަކުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން އެހެން ބުނެފައިވަނީ އެ ކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ހިންގާކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުން ދާތީ އެކަން ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނެއްގަ އެވެ.
"މި ކުންފުނިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރާކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުން އަންނަ ކުރިއެރުންތަކާއި ފަހުރުވެރި ރީތި ނަމާއި ކާމިޔާބީތަކާމެދު ހަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި އަމަލުތަކުގެތެރެއިން ކަމެއް ކަމުގައި ދަންނަވަމެވެ،" ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފެނަކައިގެ މިހާރުގެ މެނޭޖުމެންޓުން 2018 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ކުންފުންޏާ ހަވާލުވުމަށްފަހު، ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ނަޒާހަތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ އެ ބަޔާނުގައި ބުނެފަ އެވެ.
"އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި އެފަދަކަންކަމަށް ފާރަވެރިވެ ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ގާއިމްކޮށް އަމަލުކުރަމުންދާކަމުގައި ވެސް ދަންނަވަމެވެ،" ފެނަކައިގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮަރަޕްޝަނަށް މަގުފަހިވާ ފަދަ ގަވާއިދެއް ނުވަތަ އުސޫލެއްވިޔަސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާއިރު، މާޒީގައި އެކުލަވާލެވިފައިވި އެފަދަ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ އަމަލުތަކެއްގެ ސަބަބުން މިއަދުގެ މެނޭޖްމަންޓަށާއި ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި މެނޭޖްމަންޓުން އެކަމާ ހިތާމަ ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ ކުންފުންޏަކާ ގުޅޭ ގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއް ނެތް އެންމެހައި ކަންކަން ހަރުދަނާކަމާއެކު ތަފްސީލީ ގޮތެއްގައި ބަލަން ޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކުރައްވައިގެން، ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭ ފަދަ ގޮތަކަށް މައުލޫމާތު އާންމު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ފެނަކައިން ވަނީ ގޮވާލާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު