ގިނަ ކުދިންތަކެއް ރޯގާ ޖެހިގެން އުޅޭތީވެ، ރ. އަލިފުށީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

އެރަށު ކައުންސިލުގެ ރައީސް އަބްދުﷲ ރާޒީ "ވަން" އަށް މިރޭ ވިދާޅުވީ އަލިފުށީގައި ހަލުވިކަމާއެކު އަރިދަފުސް ރޯގާ ފެތުރި، ރަށުގެ ގިނަ ސްކޫލު ކުދިންނަށް ރޯގާ ޖެހި، ސްކޫލަށް ހާޒިރު ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އާއި މިއަދު ވެސް ރޯގާ ޖެހިގެން 111 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަށް ހާޒިރުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާޒީ ވިދާޅުވީ ގިނަ އަދަދެއްގެ ކުދިން ރޯގާ ޖެހިގެން އުޅޭތީވެ، އަދި ހާއްސަކޮށް މި ދުވަސްވަރަކީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން އަންނަ ދުވަސްވަރަކަށް ވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮވިޑު ސާމްޕަލްތަކެއް ނުގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އުނގޫފާރު ހޮސްޕިޓަލާ ގުޅިގެން ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް ނަގަނީ ކިހާ އަދަދެއްގެ ސާމްޕަލެއް ކަމެއް އަދި ނޭނގެ އެވެ.