ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ފިލާފައިވާ ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާއަށް އޭނާ އިއުތިރާފު ވެ ވީހާ ވެސް ކުޑަ ހުކުމެއް އިއްވުމަށް އެދިއްޖެ އެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން ފުރުސަތު ދިން ނަމަވެސް މިއަދުގެ އަޑުއެހުމުގައި އޭނާ ބުނީ، މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ ނުލައި އެކަނި ކަމަށެވެ.
ކްރިމިނަލް ކޯޓަށް ލުތުފީ ހާޒިރު ކޮށް އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ އެންމެ ފުރަތަމަ ބުނީ، ދައުވާގައި އެވާ 'މީހުން ބަންދުކުރާ މަރުކަޒަކުން ފިލި؛ ކަމަށް ބުނާތީ އެބަޔަށް އެއްބަސް ނުވެވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ލުތުފީ ބުނެފައިވަނީ އޭނާ ބޭސްފަރުވާއަށް ދިޔައީ ހުއްދަ ލިބިގެން ކަމަށާއި އެހެން ކަމުން މީހުން ބަންދު ކުރާ މަރުކަޒަކުން ފިލިކަމަށް ނުބުނެވޭނެ ކަމަށެވެ.
އެހެން ނަމަވެސް ފަހުން ލުތުފީ ވަނީ ދައުވާއަށް އެއްބަސްވެފަ އެވެ. އެއީ ދައުވާއަށް އިންކާރު ކޮށްފި ނަމަ އޭނާގެ މައްޗަށް އަންނާނެ ހުކުމް ބޮޑުވެ މައްސަލަ ލަސްވެގެން ހިނގައިދާނެތީ ކަމަށް ވަނީ ބުނެފަ އެވެ.
ދައުވާއަށް އެއްބަސްވި ނަމަވެސް ލުތުފީ ވަނީ އެކަމުގައި އޭނާގެ ކުށެއް ނެތް ކަން ދެއްކުމަށް ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. އެގޮތުން ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ، ރާއްޖެއަށް ގެންގޮސް ހުކުމުގައި ބައިކީ އޮތް ބައި ފުރިހަމަ ކުރުމަށް ބޭނުންވާތީ ކަމަށް ވެސް ބުންޏެވެ.
"އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނެތި އަޅުގަނޑަށް ހުރިހާ އެއްޗެއް ސާފުވީމަ އަޅުގަނޑު ބޭނުންވަނީ މީތި ދަންމާކަށް ނޫން. އެހެންވީމަ އިއްޒަތްތެރި ގާޒީގެ އަރިހުން ވެސް މި އެދެނީ އަޅުގަނޑަށް ވީހާ ވެސް ލުއި ހުކުމެއް ކޮށްދެއްވުމަށް. އެހެންވުމާ އެކީ މިއަށްވުރެ ރަނގަޅު ފަރާތަކަށް ބުރަވާން ބޭނުންވާތީ އަޅުގަނޑު މިގޮތަށް މި ނިންމާލީ،" ލުތުފީ ބުންޏެވެ.
ލުތުފީ ދައުވާއަށް އިއުތިރާފު ވުމުން ގާޒީ ވިދާޅުވީ، ދެން މައްސަލަ ކުރިއަށް ގެން ދާނީ އަވަސް ނިޔާ އިއްވާ މަޖިލީހުގެ ގޮތުގައި ކަމަށާއި އަދި ފަސް ދުވަހުގެ ތެރޭގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު