ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގައި މިދިޔަ ހޯމަ ދުވަހު އޭނާ މަގާމުން ވަކިކުރި މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަންތައް ކުރެއްވި ގޮތް ވަރަށް ހުތުރު ކަމަށް ކުރީގެ ބަންޑާރާ ނާއިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އެ ގޮތުން ދިޔާނާ ވިދާޅުވީ ވަޒީރަކާ މެދު ނެގޭ ނޯ ކޮންފިޑެންސް ވޯޓަކީ ސަރުކާރާ މެދު ވެސް ނެގޭ ނޯ ކޮންފިޑެންސް ވޯޓެއް ކަމަށެވެ.
މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ބިރުދެއްކެވި ކަމަށް ވިދާޅުވެ މަޖިލިސް ރައީސަށް ފާޑު ވިދާޅުވެ މަލީހު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ވިދާޅުވީ، އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންތައް ކުރެއްވި ގޮތް ހުތުރު، ކަމަށާއި، ވަޒީރު ކަމު ނުދާނަމަ ވަކި ކުރައްވަން ވާނީ ރީތިކޮށް، ކަމަށެވެ. އަދި މަޖިލީހުން ނޮޅަން ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮވެ، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް މެންބަރަކު މަޖިލީހުގެ އޮއިވަރުގައި ތެޅި ފާރުވާން ދޫކޮށްލުމަކީ އުސޫލީ ގޮތުން ދެރަވަރުކަމެއް ކަމަށެވެ.
ރައީސް ނަޝީދުގެ ކެބިނެޓްގައި މަލީހު އިންނެވި ނަމަ އޭނާ ދިފާއު ކުރައްވަން ހުރިހާ ގަލެއް ފުރޮޅުއްވީސްކަން ކަށަވަރު ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ފާޑު ވިދާޅުވެ، މަލީހު އޮއްގާ އުއްކަވަނީ، ނުބައި ރައީސަކަށް ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ސައީދު
ދިޔާނާ ސައީދު