އައްޑޫ ސިޓީގެ ގަމުގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ)ގެ މެނޭޖްމަންޓުން އެތަނުގެ ދަރިވަރަކަށް ކޮށްފައިވާ މަރުގެ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް އޭއޭއޭ ދަރިވަރުންގެ ޔޫނިއަނުން ބުނެފިއެވެ.

އޭއޭއޭ އިން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ ސްކޫލްގެ ދަރިވަރަކަށް ފޮނުވި މެއިލްއެއްގައި އެ ދަރިވަރަކީ ގަސްދުގައި މީހަކު މަރާލާފައިވާ ދަރިވަރެއް ކަމަށާއި އެ ސްކޫލަށް ފިލައިގެން އުޅޭކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އެކަމާ ގުޅިގެން އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސިނިއާ މުވައްޒަފުންނަށް ކޮޕީކޮށް އޭއޭއޭގެ ދަރިވަރަކަށް ފޮނުވި އީ-މެއިލްއެއްގައި އެ ދަރިވަރަކީ ގަސްތުގައި މީހަކު މަރާލައިފައިވާ ދަރިވަރެއް ކަމުގައި ތުހުމަތުކޮށްފައިވާ ކަމަށާއި މި ތުހުމަތަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ވެސް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫން ކަމަށެވެ.

އޭއޭއޭގެ އެ އަމަލީ އެ ޔޫނިއަނުން ދަރިވަރުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތުގައި އެ ދަރިވަރު ބައިވެރިވަމުން އަންނާތީ ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީގައި އެ ދަރިވަރުގެ ނަން ކިލަނބުކޮށް، އެ ދަރިވަރުގެ ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެއް ކަމަށް ވެސް ބުންޏެވެ.

"މި ޔޫނިއަން އިން ގަބޫލުކުރާ ގޮތުގައި މި އަމަލީ އޭއޭއޭގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިން ނުރައްކާތެރި ހަމަލާއެކެވެ. އޭއޭއޭގެ މި އަމަލު މި ޔޫނިއަން އިން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އޭއޭއޭ ދަރިވަރުންގެ ޔޫނިއަނުން ބުންޏެވެ.

އެ ޔޫނިއަނުން ބުނީ، މީގެ ކުރިން ވެސް އޭއޭއޭގެ ފަރާތުން ތަކުރާރުކޮށް ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެކަމުގެ ޝަކުވާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހު ދަރިވަރަށް ފޮނުވި މެއިލްއަކީ އޭއޭއޭ އިން ދަރިވަރުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ގޯނާއަށް އިތުރުވި ބޮޅެއް ކަމަށް ވެސް ބުންޏެވެ.

"މި އަމަލަކީ ދަރިވަރުން، އެ ދަރިވަރުންގެ ހައްގު ހޯދުމަށް ވަކާލާތު ކުރަމުން އަންނަ އައުމަށް ހުރަސް އަޅައި އެ ދަރިވަރުން ނަފްސާނީ ގޮތުން ބަލިކަށި ކުރުމަށް ގަސްދުގައި ކޮށްފައިވާ އަމަލެކެވެ. އޭއޭއޭގެ މިގޯނާގެ އަމަލު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް މި ޔޫނިއަނުން ގޮވާލަމެވެ،" ދަރިވަރުންގެ ބަޔާނުގައިވެ އެވެ.

އޭއޭއޭގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނާމެދު އެތަނުން ވަރަށް ބޮޑަށް ތަފާތުކޮށް ބައެއް ކުދިން ވަކިކޮށްފައިވާއިރު ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބެމުން އަންނަ ކަމުގެ ޝަކުވާ އެ ދަރިވަރުން ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި ކޯސް ދިގުލައިގެންދާކަމުގެ ޝަކުވާ ވެސް އެ ދަރިވަރުން އަންނަނީ ކުރަމުންނެވެ.