އަށްވަނަ ބައި
"އެއީ އަހަރެންގެ އެންމެ ބޮޑު ހަގީގަތް" ވިއާން ބުނެލިއެވެ. އަހަރެންނަށް ކޮޅަށް ތެދުވެވުނީ ވިއާން އެބުނި އެއްޗެއް ނުވިސްނުމުންނެވެ.
"ނުވިސްނުނު" އަހަރެން ބުނީމެވެ.
"އަދި އިނގޭނެ. ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވޭ. މަލް އަދި ކެތްކޮށްލާ" އެވަރަށް ބުނެލާފައި ވިއާން ހިތްހަމަޖައްސައިލިއެވެ. އެޖަވާބު ޖަވާބަކަށް ނުފުުދުނީ އަހަރެންނަށެވެ. އެއަށް ވުރެ ބޮޑަށް ވިއާންގެ ކަންތައް އަހަރެން އިނގެން ބޭނުންވާކަން ވިއާނަށް އިނގޭނެއެވެ. އެހެންވިޔަސް ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ. އެބައެއްގެ ކަމެއް އިނގޭނީ އެބަޔަކު ކިޔާދިން ވަރަކަށެވެ. ކެތްކޮށްގެން ހުރުން ނޫން ގޮތެއް ނެތެވެ.
މާޒީގެ ސަފްހާތަކާ ދުވަސް އެކުވަމުން ގޮސް ހަ މަސްދުވަސް ފާއިތުވެގެން ދިޔައީ އަހަރެންނަށް ނުވެސް އިނގި ހުއްޓައެވެ. ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރު އަހަރެންގެ ދިިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އަހަރެންގެ ހުވަފެންތައް ވިއާން ހަގީގަތަކަށް ހަދައިދީފިއެވެ. ސައިކަލް ދުއްވަން ދަސްކޮށްދީ އަހަރެން ރުހޭ ކަހަލަ ސައިކަލެއްވެސް ހޯދައި ދީފިއެވެ. ހިތްހަމަޖެހިގެން އަހަރެންނަށް ކިޔަވަން ފެށިއްޖެއެވެ. އަމިއްލަ ސައިކަލުގައި މަގުމަތީގައި ދުއްވާފައި ކޮލެޖަށް ދަނީ އަހަރެން އެކަންޏެވެ. މިހާރު ކޮންމެވެސް ވަރަކަށް ބިރު ކެނޑިއްޖެއެވެ. އެކަމަކު ބާރު ދުވެލީގައި ސައިކަލެއް ނުވަތަ ޕިކަޕެއް ނުވަތަ ކާރެއް އަންނަތަން ފެނިއްޖެނަމަ ސައިކަލް މަޑުކޮށްލައިގެން އިނދެވެއެވެ. ފާއިތުވެ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ ވިއާނާ މެދު އަހަރެންގެ ހިތުގައިވާ އިހުސާސްތަކަށް އަހަރެން ލޯބީގެ ނަން ދިނުމެވެ. އެގޮތަށް އަހަރެންގެ ހިތާ ސިކުނޑި ނިންމައިފިއެވެ. ވިއާނަށްޓަކައި އަހަރެންގެ ހިތުގައިވި އެ ހާއްސަ އިހުސާސް އަހަރެން ހިތުގެ އެންމެ އަޑީގައި ފޮރުވައިގެން ހުރީ އެ އިހުސާސް ފާޅުކުރަންވީ ވަގުތު ނުޖެހޭތީއެވެ.
އެސައިމަންޓްތަކެއް ހަދަން އިނދެފައި އަހަރެން ކޮޓަރިން ނިކުމެލީ މޭޒު ކައިރީގައި އިނދެ އިނދެ ކަނދުރާގައި ރިއްސަން ފެށުމުންނެވެ. ވަގުތަކީ އަސުރުފަހުގެ ވަގުތެކެވެ. ކޮޓަރިން ނިކުތްތަނާ އެރުނީ މާމަގެ ކުރިމައްޗަށެވެ.
"ނިމުނީތަ؟" މާމަ އެހިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ.
"ވިއާން އެބައިން ސައިބޯން. ދޭބަލަ އެތަނުން ހެދިކާއެއް ކާލަން" އަހަރެން ހުރީ މާމަ އެހެން ނުބުނެގެންނެވެ. މާމަގެ އަނގައިގައި އެއްބައި އޮށްވާ ބަދިގެ އާ ދިމާލަށް ހިނގައިގަނެވިއްޖެއެވެ.
ސައިބޯން އިން ވިއާން އަހަރެން ފެނުމާއެކު ހީލައިފިއެވެ. ޖެހިގެން ހުރި ގޮނޑީގައި އަތުން ޖަހާލާފައި އިށީންނަން އިޝާރާތް ކުރިއެވެ.
"މަލްއަށް ގޮވަންދާން އުޅެނިކޮށް މާމަ ބުނެފި ވަރަށް ބިޒީކޮށޭ އުޅެނީ" ވިއާން ބުނެލިއެވެ.
"ކީއްކުރަން އަހަރެންނަށް ގޮވަނީ" އަހަރެން އެހީމެވެ. ފަހަކަށް އައިސް ވިއާންގެ ފަރާތުން ތަފާތެއް އަހަރެންނަށް ފާހަގަވާން ފަށައިފިއެވެ. އަހަރެންނަށް ނޭނގި އަހަރެންނަށް ބަލާކަން ފާހަގަވެއްޖެއެވެ. އަހަރެން ހަމަ ބަލައިލުމާއެކު ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލާނެއެވެ. ސައިކަލުގައި އަހަރެން ކޮލެޖަށް ދާއިރު ބައެއް ދުވަސްދުވަހު ފަހަތުން އާދެއެވެ. ވިއާން ދަނީ އަހަރެންނަށް ކޮލެޖަށް ވަނީމައެވެ. މިކަންކަމަކީ ވިއާން ހިތުން އަހަރެންނަށް ނޭނގޭ ކަންކަމެވެ. އެހެންނަމަވެސް އަހަރެންނަށް އެއްވެސް ކަމެއް އިނގޭ ކަމަކަށް ނަހަދަމެވެ. ދުރުދުރުން ވިއާން ކުރާ ކަންތައް ބަލައި ދެނެގަންނަން އަހަރެން މިދަނީ މަސައްކަތް ކުރަމުންނެވެ.
ކޮލެޖަށް ވަނުމާއެކު އެކުވެރިން އަހަރެން ވަށާލައިފިއެވެ. އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. އާ ކުއްޖަކާ ބަލާފައި ކުލާހުން އަހަރެންނަށް އެކުވެރިން ލިބުނީ ވަރަށް އަވަހަށެވެ. އަހަރެންގެ ހިތްހެޔޮކަމާ މަޑުމައިތިރިކަން ހުރިހާ ކުދިން ބަލައިގަތެވެ. އަހަރެންގެ ބަސްމަދުކަމާ ރަނގަޅު އަހްލާގު ފުރަތަމަ ދުވަހުވެސް ޓީޗަރުން ފާހަގަކުރިއެވެ.
"މިއަދު ކިހިނެއްވީ؟ ދެތިން އަންހެން އެކުވެރިންނާއެކު ހިނގާލާފައި ގޮސް އަހަރެން މަޑުކޮށްލީ ކޮލެޖު އެއްފަރާތުގައި ހުރި ބެންޗްތައް ކައިރީގައެވެ. ފުރަތަމަ ކުލާސް ފެށޭނީ ތިރީހަކަށް މިނިޓް ފަހުންކަން ލެކްޗަރާ އަންގައިފިއެވެ. އެހެންކަމުން އެކުވެރިން އަހަރެން ގާތުގައި ދައްކަން އުޅޭ ވާހަކައަށް ފުރުސަތުދޭން އަހަރެން ބޭނުންވިއެވެ.
"ލިވާޒް ބެޓުކޮށްފިއެއްނު" ހައިފާ ބުނެލިއެވެ.
"ކޮންކަމަކަށް" އަހަރެން ހައިރާންވިއެވެ. ލިވާޒް ބެޓުކުރަންވީ ކޮންކަމަކަށް ހެއްޔެވެ؟ ލިވާޒަކީ އަހަރެން ކޮލެޖަށް އައި ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ ފަސްފަހަތުން އުޅޭ ޒުވާނެކެވެ. ބަލައިބެލުމަށް އުމުރުން ދޮށިހެން ހީވެއެވެ. އިސްކޮޅުން ދިގުވެފައި ބިޔައެވެ. އަޑު ބަރުވެފައި ހަތަރެސްކަން މޫނެއްގެ ވެރިއެކެވެ.
"ބުނީ މިއަދު މަލް ކައިރީގަ އަހާނަމޯ" މަރީ ބުންޏެވެ.
"އަހަރެންނަށް އޭރުވެސް އިނގުނު އެކަހަލަ ނުބައި ވިސްނުމެއް އޭނަގެ ހުރިކަން. އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް" އަހަރެން ބުނީމެވެ.
"ދެން އިނގިދާނެތާ މިއަދު ވާއެއްޗެއް. ކުލާސް ނިމޭ ގަޑީގަ ހުރިހާ ކުދިން މެދުގައި މަލްއަށް ޕްރޮޕޯސްކުރާނަމޭ ބުނި" ހައިފާގެ ޖުމްލަ އާއެކު އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ލިވާޒަށް ހަމަ ހިލާ އެފުރުސަތެއް ނުދޭނަމޭ ހިތަށް އެރިއެވެ.
ނަސީބު ކަން ދިމާކުރި ގޮތުން ލިވާޒަށް ވުރެ ކުރިން އަހަރެން ނިމިއްޖެއެވެ. ހައިފާއާ މަރީ ފަހަތުން ގޮވަމުން އައެވެ. އެހެންނަމަވެސް އަހަރެން ބެލީ ލިވާޒްގެ ހަބަރެއް ވުމުގެ ކުރިން ކޮލެޖުގެ ގޯތި ތެރެއިންވެސް ނިކުމެވޭތޯއެވެ. މިފަހަރު އަހަރެންނަށް ކާމިޔާބެއް ނުލިބުނެވެ. އަހަރެންނަށް މަގުމައްޗަށް ނިކުމެވުމާއެކު އެރުނީ ލިވާޒްގެ ކުރިމައްޗަށެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ނަޒަރު ހުއްޓުނީ ލިވާޒްގެ އަތުގައި އޮތް ރަތް ފިނިފެންމަލަށެވެ. އަމިއްލައަށް ގަދަވެލާފައި ލިވާޒަށް ބަވާލަން ހިތަށް އަރާފައިވެސް ފަހު ވަގުތު އަހަރެން ދޫ ބަންދުވިއެވެ. އެއްވެސް އެއްޗެއް ނުބުނެވުނެވެ. މަގުގެ ދެފަރާތަށް ބަލައިލެވުނީ މީހުން ގިނަތޯއެވެ. ނަސީބަކުން އެވަގުތު އެސަރަހައްދުގައި މާގިނަ މީހުނެއް ނެތެވެ. ފަހަތުން ބުރަކަށީގައި މީހަކު ކޮށްޓާލިހެން ހީވެގެން ބަލައިލިއިރު ކައިރީގައި މަރީ އާ ހައިފާ ވިއްދާފައި ތިއްބެވެ. ލިވާޒް އަހަރެންނާ ގާތަށް ފިޔަވަޅު އަޅަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ލަދުވެސްގަތެވެ. މަގުމަތީގައި އެގޮތަށް ފިރިހެނަކު އަހަރެންގެ ލޯތްބަށް އެދުމަކީ އަހަރެން ބޭނުންވާކަމެއް ނޫނެވެ.
"މަލް، އަހަރެން" ލިވާޒަށް ރަނގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަހަރެންނަށް ދިމާކުރިމަތިން ސައިކަލުގައި އައި ވިއާން ފެނިއްޖެއެވެ. ބަލާކަށް ނުހުރެ އަހަރެން ދުވެފައި ގޮސް ހުއްޓުނީ ވިއާން ކުރިމަތީގައެވެ. ވިއާނަށް ސުވާލުކުރާނެ ފުރުސަތެއް ނުދީ އަހަރެން ސައިކަލް ފަހަތަށް އެރުމާއެކު ވިއާން ސައިކަލް ދުއްވައިލިއެވެ.
ގެއަށް ވަދެވުމާއެކު ވިއާން އަހަރެން ކައިރީގައި މަޑުކޮށްލަން ބުނެލިއެވެ. އޭރު މަޣްރިބަށް ގޮވަން އަދި ވަގުތުކޮޅެއް ހުއްޓެވެ. ދަބަސް ހިފައިގެން އަހަރެން ސޯފާގައި އިށީނީމެވެ.
"ނަސީބެއް ވިއާން އައިކަން" ވިއާން އަހަރެން ކައިރީގައި އަހާނީ އެވާހަކަ ކަން އިނގޭތީ އަހަރެން ބުނީމެވެ.
"އަހަރެން ވިއާނަށް ސިއްރުކުރާނެ އެއްވެސް ކަމެއް ނެތް" އަހަރެން ބުނީމެވެ. ދެބުމަ ގޮށްޖަހައިގެން ވިއާން އަހަރެންނަށް ބަލަހައްޓައިގެން އިނެވެ.
"އަހަރެން ނިކުތް ގަޑިއަށް ލިވާޒް ދިމާކުރީ. އޭނަ އަހަރެންނަށް ޕްރޮޕޯޒްކުރަން އުޅޭކަން މާކުރިން އަހަރެންނަށް އިނގިފަ އޮތީ" އަހަރެން ބުނީމެވެ.
އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުންވެސް ވިއާނަށް ބަދަލެއް ނައެވެ. އެވާހަކަތަކާ އޭނާ މާބޮޑަށް ޝައްގުވެރިވީހެނެއް ހިއެއް ނުވެއެވެ. އެކަމާ ގުޅުވައިގެން އިތުރު ސުވާލެއްވެސް ނުކުރެއެވެ. އަހަރެން ހީކުރީ އަހަރެންނެކޭ އެއްފަދައިން ވިއާންގެ ހިތުގައިވެސް އަހަރެންގެ މައްޗަށް ކޮންމެސް ކަހަލަ އިހުސާސްތަކެއް އޮތް ކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. ވިއާނަކީ އަނެއްކާ ފިރިހެނެއްބާއެވެ؟ ހިތަށް އެރި އެއްޗަކުން އަހަރެން ކައިރިއަށް ހިނިވެސް އައެވެ.
ރޭގަނޑުގެ ސުފުރާ މަތީގައި ހުރިހާ މީހުން ހަމައަށް ތިއްބެވެ. އެހެންފަހަރުތަކާ ހިލާފަށް ވިއާންގެ ތައްޓަށް ބަތް އަޅައިދިނީ އަހަރެންނެވެ. ވިއާން އެކަމަށް ދެކޮޅެއް ނަހަދައެވެ.
"ޝާހިދު ދިޔައިމަ ހާދާ ފޫއްސޭ. މަޖާކޮށްލާނެ މީހަކު މިހާރަކު މިގެއަކު ނެތް" އަހަރެން ބުނީމެވެ. މާމަވެސް އަހަރެންގެ ވާހަކަ އާ އެއްބައިވިއެވެ.
"ދެން މިގޭގަ އިނީ މަންމަނެއް. އަހަރެން ހިތަށް އަރާ މާމައަށް ކެތްވޭބާއޭ" އަހަރެން ބުނީމެވެ. އަހަރެންގެ މޫނަށް ބަލައިލާފައި ވިއާން ހީލިއެވެ. އިތުރު ވާހަކައެއް ނުދައްކައެވެ.
"ދަރިފުޅުގެ މަންމަ ގުޅި. މާމަ ކައިރިން އެދުނު ވިއާންގެ ނަންބަރު ދޭން" އިރުކޮޅެއްގެ ހިމޭންކަމަށްފަހު މާމަ ވާހަކަދެއްކިއެވެ. އަހަރެން ހިމޭނުން އިނީ އަހަރެންނާ ގުޅޭ ވާހަކައެއް ނުދައްކާތީއެވެ.
"ދެން މާމަ ދިނިންތަ؟" ވިއާން އެހިއެވެ.
"ނުދެން. ދަރިފުޅު ނުރުހޭ ކަމެއް މާމަ ނުކުރާނަން" މާމަ ބުނެލިއެވެ.
"އެމީހާ ނުޖެހޭނެ އަހަރެންގެ ހާލު ބަލަން ގުޅަން. މާމަ އަޅުގަނޑުގެ އެއްވެސް ވާހަކައެއް އެމީހާ ކައިރީގައި ނުދައްކާތި. އަޅުގަނޑާމެދު ހިތުގައި އެއްވެސް އެއްޗެއް އޮވެގެނެއްނޫން މާމައަށް ގުޅާފައި އަޅުގަނޑުގެ ވާހަކަދައްކާނީ" ވިއާންގެ އަޑުގައި ރިހުމެއް ވިއެވެ. އިހްތިޔާރަކާނުލާ އަހަރެންނަށް ވިއާންގެ މޫނަށް ބަލައިލެވިއްޖެއެވެ. އޭނާގެ ދެލޮލުން ވޭނެއް އަހަރެންނަށް ފެނިއްޖެއެވެ. އަހަރެން އިންތިހާއަށް ދެރަވިއެވެ. ދުުނިޔޭގެ އެއްވެސް ހިތާމައެއް ވިއާނަށް ލިބެން އަހަރެން ނޭދެއެވެ. އެހުރިހާ ހިތާމަތަކެއް ވިއާންގެ ބަދަލުގައި އަހަރެން ބަރުދާސްތު ކުރަން މިހުރީ ތައްޔާރަށެވެ.
މާމަ ނިދުމުން ގޭތެރޭގައި އަހަރެން އެކަނިވިއެވެ. ޖެހިގެން އޮތީ ހަފްތާ ބަންދަށް ވުމާއެކު އެހާ އަވަހަށް ނިދަން އަހަރެން ބޭނުމެއްނުވެއެވެ. އެހެންކަމުން ކޮޓަރި ދޮރު ހުޅުވާލި ގޮތަށް އަހަރެން މިސްރާބު ޖެހީ ވިއާންގެ ކޮޓަރިއަށެވެ. ގަޑިތަކުން އަދިި އެހާ ލަހެއްވެސް ނުވެއެވެ. ދިހައެއް ޖެހިކަމެއްވެސް ނޭނގެއެވެ. ވިއާންގެ ކޮޓަރި ދޮރުމައްޗަށް އަހަރެން އެރި ވަގުތު އެއީ ވިއާން ނިކުތް ވަގުތެވެ. އަހަރެން ފެނުމާއެކު ނިކަން ބޮޑަށް ހިނިތުންވެލައިފިއެވެ.
"ހިނގާބަލަ ވާހަކަދައްކާލަން" އަހަރެން އައި ސީދާ ބޭނުން އަހަރެން ވިއާނަށް އިއްވާލީމެވެ.
"އާދެ މަ ސާހިބާ" ވިއާން ބުނެލިއެވެ. އަހަރެންނާއެކު ވިއާން ގޮސް މަޑުކޮށްލީ ސިޓިންރޫމުގައެވެ.
ތަނަށް ވެރިިވެފައިވާ ހަމަހިމޭންކަން އަހަރެން އުނދަގޫކުރަން ފެށުމުން ރިމޯޓު ނަގާފައި ޓީވީ ހުޅުވީމެވެ. އެހިނދު މުޅި ތަނަށް އަލިވެގެން ދިޔައެވެ.
"މަލް ކޮންވާހަކައެއް ދައްކަން. އަހަރެންނަށް އިހުސާސްވަނީ މިހާރު އަހަރެންނަކީ ކުއްވެރިއެކޭ" ވިއާން ބުނެލިއެވެ. ކުޝަން އުނގު މައްޗަށް ލާފައި އަހަރެންގެ ހުރިިހާ ސަމާލުކަމެއް ވިއާނަށް ހުސްކުރީމެވެ.
"އާނ. ތިއީ ކުއްވެރިއެއް. ވިއާން އަހަރެން ދެކެނީ ކިހިނެއް؟ އެންމެ ފުރަތަމަ އަހަރެން މިއަށް ޖަވާބެއް ބޭނުން" އަހަރެން ވާހަކަދެއްކީމެވެ. އެހެންފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ވިއާންގެ ތުންފަތްމަތިން އަހަރެންނަށް ފެނުނީ ހިނިތުންވުމެކެވެ.
"އަހަރެން ވަރަށް ސީރިޔަސްކޮށް މިއެހީ. ކޮބާތަ ވިއާންގެ ހަގީގަތަކީ" އަހަރެން އެހީމެވެ.
"އަހަރެން ބުނީމެއްނު" ވިއާން ބުނެލިއެވެ.
"ބުރަކަށީގައި ހުރި ދުވަސްވީ ލަކުނެއް ދައްކާފައި އެއީ ތިމަންނަގެ އެންމެ ބޮޑު ހަގީގަތޭ ބުނީމަ ވިސްނާނެ އެއްޗެއް އަހަރެންނަކަށް ނޭނގުނު. ޕްލީޒް ވިއާން. ބުނެބަލަ. އަހަރެންނަށް ވަރަށް އުނދަގުވޭ" އަހަރެންގެ އަޑުގައިވި ސަމާސާ ގޮތްގަނޑު ކަނޑުވާލާފައި ވާހަކަދެއްކީމެވެ. މިފަހަރު ވިއާން އިސްއުފުލާ ބަލައިނުލިއެވެ.
"އަހަރެން ވިއާނާ މެދު ވިސްނާ ވިސްނާ މޮޔަވާން ކައިރިވެއްޖެ. އަހަރެންނަށް އިނގޭ އަހަރެންނަށް ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް ވިއާންގެ ދިރިއުޅުމުގައި ހިނގާފައި ހުރިކަން" އަހަރެން ބުނީމެވެ.
"ވިއާން ދެކެނީ އަހަރެންނަކީ ގާތް އެކުވެރިއެއް ގޮތުގައެއް ނޫންތަ؟ ދެން ކީއްވެ އަހަރެންނަށް ކަންތައްތައް ހިއްސާ ނުކުރަނީ" އަހަރެން ބުނީމެވެ.
"ވި އާ ން" ވިއާން ބަހެއް ނުކިޔާ އިސްއޮބާލައިގެން އިންނަން ފެށުމުން އަހަރެން އުކުރުތަކާ ފިލިތަކަށް ދަމާލާފައި ވިއާނަށް ގޮވައިލީމެވެ.
"ގުޑްނައިޓް" އެންމެފަހުން އަހަރެން އެތަނުން ތެދުވީމެވެ. ވިއާންގެ ފަރާތުން އެއްވެސް ކަމެއް އިނގުމަކީ ނުވާނެ ކަމެއްކަން އަހަރެންގެ ހަވަނަ ހިއްސު އަހަރެންނަށް ބުނެދީފިިއެވެ. ބޭކާރު ވާހަކަތަކެއް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ވަގުތުތަކެއް ބޭކާރު ނުކޮށް ވިއާން ފޮނުވާލިއްޔާ މާ ރަނގަޅުވާނެއެވެ.
އަހަރެން ތެދުވެގެން ހިނގައިގަތްއިރުވެސް ވިއާން އެއްޗެއް ނުބުނެއެވެ. އަޖައިބެކެވެ. އަހަރެންނަށް ދެއްކުނީ ވިއާންގެ ދުލުގައި ކަސްތޮޅު އެޅުވޭ ކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ ނުވަތަ އަހަރެންނަށް މާބޮަޑަށް ވިއާންގެ ހިތުގައި ޖެއްސުުނީ ހެއްޔެވެ؟ ކޮޓަރި އާ ހަމައަށް ގޮސްފައި ފަހަތް ބަލައިލިއިރު ވިއާން ހަމަ އިންގޮތަށް އިނެވެ. އެގޮތަށް ވިއާން ދޫކޮށްލާފައި ދާން އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ. ލަސްލަހުން ފިޔަވަޅު އަޅަމުން ގޮސް އަހަރެން ވިއާންގެ ފުރަގަހުން ހުއްޓުނީމެވެ. ވިއާންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލީ އަހަރެން ބަލަހައްޓައިގެން ހުއްޓައެވެ. އަހަރެންނަށް ހީވީ އަހަރެންގެ ހިތުގައި މީހަކު ހިފާ ފިތާލި ހެންނެވެ. ދުވަހަކުވެސް ވިއާން ރޮނިކޮށް އަހަރެން ނުދެކެމެވެ. ވީއިރި މިވަގުތު ވިއާން އެރޮނީ އަހަރެންގެ ސަބަބުންކަން ޔަގީނެވެ. ހާދަހާ ދެރައެވެ. ވިއާން ހިތުގައިޖެހޭ އަހަރެންނަށް ބުނެވުނީ އެވަރުގެ ކޮންއެއްޗެއް ހެއްޔެވެ؟
ފަތިިސް ނަމާދަށްފަހު މާމަ ކޮޓަރިން ނިކުތުމުގެ ކުރިން އަހަރެން މާމައަށް ގޮވައި ގެނެސް އެނދުގައި ބޭންދީމެވެ. ވިއާނާ އަހަރެންނާ މެދު ވީ ކަންތައްތައް މާމައަށް އަހަރެން ކިޔައިދިނީމެވެ. ފުރަތަމަ ބުނާނެ އެއްޗެއް މާމައަށްވެސް ނޭނގުނީ ކަންނޭނގެއެވެ. އިސްއޮބާލައިގެން އިނދެފައި ހަތަރުކަޅި ހަމަކޮށް އަހަރެންނަށް ބަލައިލިއެވެ.
"ވިއާން މާމައަށް ވައުދު ކުރުވި. އޭނަގެ އެއްވެސް ވާހަކައެއް މަލްއަށް އިނގެން ބޭނުންނުވާ ކަމުގަ ބުނި" މާމަ ބުނެލިއެވެ.
އަހަރެން ހައިރާންވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެންނަށް އެނގުނަ ނުދޭންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އިނގުނިއްޔާ އުޑު ބޮލަށް ވެއްޓެނީ ހެއްޔެވެ؟ ނޫނީ ވިއާން ފާފަވެރި ވަނީ ހެއްޔެވެ؟ ނޫނީ ވިއާން ބޮޑު ލަދެއްގަ ބެދެނީ ހެއްޔެވެ؟
"ހިތްވަރުދެރަ ނުކުރޭ. އަދިވެސް މާމަ މިބުނަނީ ވިއާންގެ އަނގަ ހުޅުވޭނީ ހަމައެކަނި މަލްއަށް" އަހަރެންގެ އަތުގައި ފިރުމާލާފައި މާމަ ބުނެލިއެވެ. ދެން ތެދުވެގެން ހިނގައްޖެއެވެ. އަހަރެންނަށް އިނދެވުނީ ހިތުގައި ސުވާލު އުފެދިފައެވެ. މާމަ ބުންޏަސް އަހަރެން ވިއާންގެ އަނގަ ހުޅުވާނީ ކިހިނެއް ހެއްޔެވެ؟ އެކީގައި ބައި އަހަރު ހޭދަކުރެވުނަސް ވިއާންގެ ފަރާތުން އަހަރެންނަށް އެއްވެސް ކަމެއް ނޭނގުނެވެ.
މާގިނައިން ދޮރުގައި ބެލް އަޅާތީ އަހަރެން ނިކުތީ ކޮޓަރީގައި އޮވެފައެވެ. މާމަ ފާހާނައިގައި ފެން ވަރާ އުޅުނެވެ. ކޮޓަރިން ނިކުމެވުނީ އަހަރެންނާ ވިއާނާ އެއްކޮށެވެ.
"ކާކުބާ؟" އަހަރެން ވިއާނަށް އެހީމެވެ. ވިއާން ދެކޮނޑު އަރުވާލިއެވެ.
ދޮރު ހުޅުވިގެން ދިޔުމާއެކު އަހަރެންނަށް ހީވީ މޫނުމަތީގައި މީހަކު ތަފާއްޔެއް އަޅުވާލި ހެންނެވެ. ހުވަފެނެއް ކަމަށް ހީކޮށް އެއް އަތުން އަނެއް އަތުގައި ވިކައިވެސް ލެވުނެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. މެހެމާނުން އެތެރެއަށް ވަންނަން ބުނަން ހަނދާންނެތިފައި ދޮރުމަތީގައި އަހަރެން ހުއްޓާ ވިއާން އައިސް ކައިރީގައި ހުއްޓިއްޖެއެވެ.
ވިއާން ކުރިއަށް ޖެހިލާފައި މެހްމާނުން ވަންނަން ތަން ދައްކައިފިއެވެ. އަހަރެން އެތެރެއަށް ވަދެގެން ގޮސް މަޑުކޮށްލި ބަދިގޭގައެވެ. އަހަރެންގެ ފަހަތުން ލިވާޒް ގެއާ ހަމައަށްވެސް އައީވެވެ. ލިވާޒް މިގެއަށް އައުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ލިވާޒް ކައިރީގައި އެހުރީ އޭނާގެ ބައްޕަ ހެއްޔެވެ؟ އާއެނކެވެ. އެމީހާ އާ ލިވާޒާ ވައްތަރުގޮތެއް ހުއްޓެވެ. އެއި ލިވާޒްގެ ބައްޕައެވެ. އަނެއްކާ މިގެއަށް އެ އައީ އަހަރެންނާ ބައްދަލުކުރަން ހެއްޔެވެ؟ ވިސްނުންތަކަށް ގެއްލިފައި ހުއްޓާ ވިއާން ގޮވައިލި އަޑު އިވިއްޖެއެވެ. ބަދިގެއިން ނިކުތްތަނާ ކޮޓަރި ދޮރުމަތީގައި ހުރި މާމަ އިޝާރާތުން އެއްޗެއް އަންގައިދީފިއެވެ. މެހެމާނުންނަށް ބުއިމެއް ގެންދަން ހަނދާންވީ ދެނެވެ. އަލުން ބަދިގެއަށް ވަދެފައި ނިކުތީ ތަބަކަށް ދެ ކޯކްތަށި ލައިގެންނެވެ.
"މިއީ އަހަރެންގެ ދަރިފުޅު ލިވާޒް. އުމުރުން ތިރީސް އަހަރު ވެއްޖެ. އަހަރެންގެ ދަރިފުޅު ބޭނުންވޭ މިގޭ މަންޖެ އާ ކައިވެނިކުރަން" ލިވާޒްގެ ބައްޕަގެ ވާހަކަތަކާއެކު އަހަރެންގެ ދެ ކަކުލުން ވާގި ނުދިޔައީ ކިރިޔާއެވެ. މާމަ ކައިރީގައި ނެތް ނަމަ ވެއްޓޭނެކަން ކަށަވަރެވެ. ތަނަށް ވެރިވެގެން ދިޔަ ހިމޭންކަމުގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ލިވާޒްގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ހުރިއިރު ވިއާންގެ ނަޒަރުވެސް ހުރީ އަހަރެންނަށް ހުއްޓިފައެވެ. މާމަވެސް އަހަރެންނަށް ބަލައިލިއެވެ. ހީވާ ގޮތުން ހުރިހާ މީހުން އިންތިޒާރު އެކުރަނީ އަހަރެންގެ ޖަވާބަކަށް ކަންނޭނގެއެވެ.
"އަޅު....އަޅުގަނޑު"
"އެންމެ ރަނގަޅުތޯ އަޅުގަނޑުމެން ފަހުން ޖަވާބެއް ދެއްވިޔަސް" އަހަރެންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ވިއާން ބުނެލައިފިއެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ފަހުން މާމަ އަހަރެންނާ ސުވާލު ކުރިއެވެ. އެކަން ހިނގީ އަހަރެންނަށް އިނގިގެންތޯ ސުވާލު ކުރިއެވެ. ލިވާޒްގެ ހުރިހާ ވާހަކައެއް އަހަރެން މާމައަށް ކިޔައިދިނީމެވެ. އެހުރިހާ ވާހަކަތަކެއް އިވޭ ހިސާބުގައި ވިއާންވެސް ހުއްޓެވެ.
"ދެން ކޮބާ ޖަވާބަކީ؟ މަލް ބޭނުންތަ ކައިވެނިކުރަން" ވިއާން އެހިއެވެ. އަހަރެން އެއްޗެއް ނުބުނެ އިރުކޮޅަކު ހުރީމެވެ. ކައިވެންޏޭ ބުނީމަވެސް އަހަރެންގެ ހިތުގައި ބިރުވެރިކަމެއް ދައުރުވެލިއެވެ.
"އުނހު. ބޭނުމެއްނޫން. އަހަރެންނަކީ އެއްވެސް އިރެއްގައި މީހުން ދެރަވާ ގޮތްގޮތަށް ޖަވާބުދޭން އިނގޭ މީހެއް ނޫން. ލިވާޒް ބައްޕަ ކައިރީގައި ވިއާން ބުނެދީ އަހަރެން ކައިވެންޏެއް ކުރަން އަދި ނުވިސްނާ ވާހަކަ" އަހަރެން ބުނީމެވެ.
ކޮޓަރިއަށް ވަންނަން ހިނގައިގަތް ވަގުތު ވިއާން ތުންފަތަށް ހިނިތުންވުމެއް ވެރިވިހެން އަހަރެންނަށް ހީވިއެވެ. އަހަރެން ހުއްޓިފައި ފަހަތް ބަލައިލިއިރު ވިއާން ހުރީ އަނެއްފަރާތަށް އެނބުރިގެންނެވެ. އަނެއްކާވެސް އަހަރެން ހިނގައިގަތީމެވެ. އަހަރެންގެ ޖަވާބުން ހަގީގަތުގައިވެސް ވިއާނަށް ހިތްހަމަޖެހުމެއް ލިބުނީ ހެއްޔެވެ؟ ނޫނީ އެއީ އަހަރެންނަށް ހީވި ގޮތް ހެއްޔެވެ؟
ޖެހިގެން އައި ދުވަހެވެ. ވިއާނަށް ކޮޓަރިއަށް އައިސް ވަދެވުނީ އަހަރެން އެކޮޓަރި ސާފުކުރަން ހުއްޓައެވެ. އަހަރެންގެ ކުރިމަތީގައި ވިއާން އައިސް ހުއްޓުނީ ހިނިތުންވެލައިގެންނެވެ.
"މަލްއަށް އުފާވެރި ހަބަރެއް" ވިއާން ބުނެލިއެވެ.
"އިހަށް ބުނެބަލަ މިއީ ކާކު؟" ވިއާންގެ ކުރިމައްޗަށް އަހަރެން ހުރަސްކޮށްލީ ޓީވީ ރެކް މަތީގައި އޮތް ފޮޓޯ ފްރޭމެވެ. ވިއާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަގޮތް އަހަރެންނަށް ސާފުކޮށް ފެނުނެވެ.
"ދަރިފުޅުތަ؟" އަހަރެން އެހީމެވެ.
"މިއީ ވިއާންގެ ދަރިފުޅުހެން އަހަރެންނަށް ހީވަނީ. މިކުއްޖާ ކޮބާ؟ ކީއްވެ ވިއާނާ އެކު ނޫޅެނީ؟" އަހަރެން އެހީމެވެ.
"ވިއާން ކީއްވެ ޖަވާބެއް ނުދެނީ. މިކުއްޖާ ދުނިޔޭގައި ނެތީތަ؟ މިކުއްޖާއަށް ކިޔަނީ ކޮން ނަމެއްތަ؟" އަހަރެން ހުރިހާ ސުވާލެއް ވިއާނަށް ހުށަހެޅީމެވެ. އަހަރެންގެ ހިތުގައި އެއްވެސް ކަމެއް ފޮރުވާފައި ބާއްވަން ބޭނުންނުވިއެވެ.
"ތިއީ ވީނާ. މަލްއަށް ދުވަހަކުވެސް ތި ފޮޓޯގައި ތިވާ ކުއްޖާ ނުފެންނާނެ. ބައްދަލެއްވެސް ނުވާނެ" ހިމޭންކަމާއެކު ހުރެފައި ވިއާން ބުނެލިއެވެ.
"ދުނިޔޭގައި ނެތީތަ؟" އަހަރެން އެހީމެވެ.
"އެބުހުރި. މަލް ރަނގަޅަށް ހޯދަބަލަ. އޭރުުން ފެންނާނެ" ވިއާން އަހަރެންނަށް ފުރަގަސްދީފައި ހިނގައިގަތެވެ. އަހަރެން ފޮޓޯއަށް ބަލައިލާފައި ދެން ބަލައިލީ ވިއާނަށެވެ.
(ނުނިމޭ)
ލޯބިން ބުނާހިތްވެޔޭ