ގއ. ދެއްވަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ދެއްވަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް އިރު، އޭނާއާ ބަޔަކު ބައްދަލުވެފައިވާ ކަމަށް ބެލެވޭތީ ކޮންޓެކްޓް ޓްރޭސިންގެ ހެދުމަށް ކަމަށެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ވެސް ދެއްވަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެއީ ވެސް އެރަށު ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ކުޑަކުއްޖަކާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވްވެގެންނެވެ. އެ ކޭސްތަކާ ގުޅިގެން އެފަހަރު ބޮޑު ކުލަސްޓާއެއް އުފެދުނެވެ.

އަދި އެ ކްލަސްޓާގައި ދެއްވަދޫގެ އިތުރުން އެއަތޮޅު ދާންދުއާއި ވިލިނގިއްޔާއި ލ. ފޮނަދޫގެ އިތުރުން ހުޅުމާލެއިން ޖުމުލަ 85 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ނިންމައި ދެއްވަދޫ އާންމު ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ.