ކޮމިއުނިކޭޝަން އެންޑް ސައިންސް މިިނިސްޓަރު ކަމުން ވަކި ކުރެއްވި މުހައްމަދު މަލީހު ޖަމާލަށް އިތުބާރު އޮތް ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެކަނި ކަން ހާމަވެއްޖެ އެވެ.

މިނިސްޓަރު ކަމުން މަލީހު ވަކި ކުރެއްވުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 59 މެންބަރަކު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައި ނުވާއިރު އޭނާ ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި މަޖިލީހުގެ ވޯޓު ސްކްރީނުން ފެންނަ ގޮތުން އެއީ މަލީހު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ.

ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ އިތުރު ދެ މެންބަރެއް ވެސް މަޖިލީހުގައި އެ ވަގުތު ހާޒިރުވެ ތިއްބެވި އެވެ. އެއީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެވެ. އަލީ ހަމީދު ވޯޓު ދެއްވީ މަލީހު ވަކިކުރަން ފެންނަ ކަމަށެވެ. އަލީ ހުސެއިން ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި އަބްދުﷲ ރިޔާޒު ވަނީ މަލީހު ވަކި ކުރެއްވުމާ ދެކޮޅަށް ވާހަކަވެސް ދައްކަވާފަ އެވެ. އަދި މަލީހަކީ ތައުލީމީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

"މަލީހް އަކީ ތެދުވެރި އެ މަގާމަށް ގާބިލު ބޭފުޅެއް. ޖުމްހޫރީ ޕާޓީއަށް ލިބިފައި އޮތް ސްލޮޓަކަށް ޖޭޕީގެ ލީޑަރު ގާސިމް ހުށަހެޅުއްވި ނަންފުޅެއް އެއީ،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވައިގެން މަލީހާ ގުޅޭ ގޮތުން މިހާތަނަށް އެޕާޓީއާ ހަމައަށް އެއްވެސް ޝަކުވާއެއް ވެސް އައިސްފައި ނުވާ ކަމަށެވެ.