ދުނިޔޭގެ މޮޓޯ ޖީޕީ ސައިކަލް ރޭސް ޗެމްޕިއަންކަން ތިން ފަހަރަށް ހޯދާފައިވާ ސްޕެއިނުގެ ޖޯޖް ލޮރެންޒޯ ގަރޭރޯ ރާއްޖެ އަތުވެއްޖެއެވެ.

ރޭސިން ކޮމިއުނިޓީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ލޮރެންޒޯއަށް އެއާޕޯޓުން މަރުހަބާ ދަންނަވާފައެވެ. މަރުހަބާއަށްފަހު ލޮރެންޒޯއާއެކު އެއާޕޯޓްގައި ރޭސިން ކޮމިއުނިޓީން ވަނީ ފޮޓޯ ސެޝަނެއް ބާއްވާފައެވެ.

ކުރިންވެސް ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ ލޮރެންޒޯ މިއަދު ރޭސިން ކޮމިއުނިޓީއަށް އަމާޒުކޮށް ބުނެފައި ވަނީ ރާއްޖޭގައި ރޭސް ޖަހާ ޓީމު އުޅެމުން އަންނަނީ ހިތްގައިމު ގައުމެއްގައި ކަމަށް ބުނަން ބޭނުންވާ ކަމަށާއި، ރާއްޖެ އަކީ ދުނިޔެމަތީގެ އެންމެ ރީތި އެއް ތަން ކަމަށެވެ. އަދި ރާއްޖެ އައުމުގެ ބޭނުމަކީ ސިކުނޑި ހަމަޖައްސާލުން ކަމަށާއި، މިއީ ރާއްޖެއަށް ރަން އަހަރަކަށް ވުމަށް ކަމަށްވެސް ލޮރެންޒޯ ބުނެފައިވެއެވެ.

މޮޓޯ2 މޮޓޯސައިކަލް ވޯލްޑް ޗެމްޕިއަންޝިޕްގެ އެއް ވަނަ 2006 އާއި 2007 ވަނަ އަހަރު ހޯދި އުމުރުން 33 އަހަރުގެ ލޮރެންޒޯ ވަނީ މީގެ ކުރިން 2019 ވަނަ އަހަރުގެ އޮގަސްޓް މަހުވެސް ޗުއްޓީ ދަތުރެއްގައި ރާއްޖެ އައިސްފަ އެވެ.

ވޯލްޑް މޮޓޯޖީޕީ ޗެމްޕިއަންޝިޕް 2010، 2012 އަދި 2015 ވަނަ އަހަރު ކާމިޔާބުކުރި ލޮރެންޒޯ ރާއްޖެ އައުމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި ގޮތަށް ލިބޭ ފުރުސަތުތަކުގެ ތެރެެއިން ވެސް ރޭސިން ފަދަ ކުޅިވަރުތަކަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

"ރާއްޖެ އަކީ ޓޫރިސްޓުންނަށް އަދި ބޭރު ފަރާތްތަކަށް ވަރަށް މަގުބޫލް މަންޒިލަކަށްވާއިރު. މިސާލަކަށް އަޅުގަނޑުމެންގެ ރޭސް ޓްރެކެއް އޮތް ނަމަ މިއީ އަޅުގަނޑުމެންގެ ކުދިންނާ އެކު އޭނަ (ސައިކަލް) ދުއްވާލައި ރާއްޖޭގެ ޓޫރިޒަމް އަށް ވެސް ވަރަށް ބޮޑު އެކްސްޕޯޝާއަކަށްވާނެ ކަމެއް. އަޅުގަނޑު ލޮރެންޒޯ ގާތުގައި ވެސް އެ ވާހަކަ ބުނިން،" މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރޭސިން ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވާހަކަ ދައްކައި ރޭސް ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކޮށްދެވުނު ކަމަށާއި މިހާރު ވިސްނުން ހުރީ ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި ގުޅިފަޅު ތަރައްގީކުރާއިރު ރޭސް ޖަހާނެ ފުރުސަތުތައް ފަހިވެފައި އޮންނާނެ ގޮތަކަށް ތަރައްގީކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.