ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުދުމުހުތާރުކޮށް ކަންތައް ކުރައްވާތީ ހިތާމަކުރައްވާ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ދިން ފަހު ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ބަހުސަށް ކަނޑައަޅާފައިވާ ވަގުތަކީ ދެ ގަޑިއިރު ކަމަށާއި، އޭގެ ތެރެއިން ޖުމްލަ 30 މިނިސްޓު، މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މަލީހަށް ދެއްވާނެ ކަމަށެވެ. އެއީ ބަހުސް ފަށާއިރު 10 މިނިޓް، ބަހުސްގެ މެދު ތެރެއިން 10 މިނިޓް، އަދި ބަހުސް ނިމުމުން ފަހުބަސް ވިދާޅުވާން 10 މިނިޓެވެ.

ދެން އޮތް ވަގުތުގެ ތެރެއިން، އެ މައްސަލައިގައި ބަހުސް ކުރުމަށް އެމްޑީޕީއަށް ޖުމްލަ 54.11 މިނިޓް، ޕީޕީއެމާއި ޖޭޕީން ކޮންމެ ޕާޓީއަކަށް ޖުމްލަ 7.38 މިނިޓް، ޕީއެންސީއަށް 6.5 މިނިޓް، އެމްޑީއޭ އަށް 5.18 މިނިޓް، އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް 1.32 މިނިޓް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެގޮތަށް ބަހުސް ކުރިއަށް ގެންދަމުންގޮސް މަޖިލިސް ގަވާއިދާ އެއްގޮތަށް، 10:30 ގައި ސަޔަށް ޖަލްސާ މެދުކަނޑައިލުމަށްފަހު 11:00 ގައި ޖަލްސާ ފެށިއެވެ. އަދި ބާކީ ތިބި މެންބަރުންނަށް ފުރުސަތުދީ ނިމުމުން، ފަހުބަސް ވިދާޅުވުމަށް މަލީހަށް ފުރުސަތު ދެއްވިއެވެ.

އެފުރުސަތުގައި ވާހަކަ ފައްޓަވަމުން މަލީހު ވިދާޅުވީ، މަޖިލިސްގެ މި ސެޝަން ކުރިއަށް ގެންދަނީ، މަޖިލިސް ގަވާއިދުގެ 207 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އެއީ ހިތާމަކުރައްވާ ކަމެއް ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަތުމަށް މަޖިލިސް ރައީސްގެ ކިބައިން މަލީހު އެދިވަޑައިގެންނެވިއެވެ.

އެކަމާގުޅިގެން މަލީހުގެ ވާހަކަ މެދު ކަނޑުއްވައި ލެއްވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ކުރިއަށް ދަނީ މަޖިލީހުގެ ގަވާއިދާއި އިލްތިޒާމްތަކާ އެއްގޮތަށްތޯ އޮޅުން ފިލުއްވުމަށް މަޖިލީހުގެ އަމީން އާއްމާއި ކައުންސެލްޖެނެރަލްއާ ވަހަކަ ދައްކަވާނެ ކަމަށެވެ.

ކުޑަ ވަގުތުކޮޅަކަށް ފަހު މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ޖަލްސާ، ގަވާއިދާއި އުސޫލުތަކާ ހިލާފަށް ދާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނަމަވެސް މަލީހު ވިދާޅުވީ، އިތުބާރު ނެތްކަމުގެ ބަހުސް ކުރިއަށް ގެންދާނީ ދެގަޑިއިރަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވި ނަމަވެސް ވަގުތު ތިންގަޑިއިރާ ގާތްވެފައިވާއިރު، ޖަވާބުދާރީވުމަށް ވެސް އިތުރު ވަގުތު އޭނާއަށް ލިބެންޖެހޭނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މަލީހުގެ އެ ވާހަކައާ ގުޅިގެން ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި މަޖިލިސް ކުރިއަށް ދާނީ ގަވާއިދާ އެއްގޮތަށް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

އޭގެ ތެރެއިން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ވިދާޅުވީ ކޮންމެ ގޮތެއްވިޔަސް މިއަދު މަޖިލީހުން ވޯޓު ނަގައިގެން މަލީހު ވަޒީރުކަމުން ވަކިކުރާނެ ކަމަށެވެ.

މަޖިލިސް ރައީސް ވެސް އެކަމަށް އެއްބަސްވެ ވަޑައިގެންނެވުމުން، މަލީހު ވިދާޅުވީ މަޖިލިސް ކުރިއަށްދަނީ ހުދުމުހުތާރުކޮށް ކަމަށް ވިދާޅުވަނީ އެފަދަ ކަންކަމާހުގެ ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.