ދައުލަތުގެ ވަޒީރެއްގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ނަމަ އޭނާއަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅުއްވަން ވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ މިނިސްޓަރު އަމީން އެހެން ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، އެ މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށެވެ.

އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އިސް މަގާމެއްގައި ހުރި ބޭފުޅަކު މަގާމުން ވަކިކުރައްވާ ނަމަ ވަކިކުރައްވަން ވާނީ މަގުބޫލު ސަބަބެއް ދައްކަވާފައި ކަމަށެވެ.

"ވަޒީރެއްގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ނަމަ ވަޒީރަށް ފުރަތަމަ ފިޔަވަޅު އަޅުއްވަން ވާނީ ރައީސް،" އަމީން ވިދާޅުވި އެވެ.

ވަޒީރުގެ މަސްއޫލިއްޔަތު ނުއުފުއްލަވައިގެން ރައީސް ނުވަތަ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވަނީސް މަޖިލީހުން ވަޒީރާ ދެކޮޅަށް ފިޔަވަޅު އަޅުއްވާ ނަމަ އެ ފިޔަވަޅު އެޅުއްވެނީ ސަރުކާރާ ދެކޮޅަށް ކަމަށް އަމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޒާތީ ގޮތުން ދައުލަތުގެ މަގާމުތަކާ ކުޅުއްވާ ނަމަ އެކަމަކީ އެކަންކުރާ ބަޔަކަށް މާދަމާ އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ނުވެ ހިނގައިދާނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.