ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެ،ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އޭނަގެ މައްޗަށް، އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވިޓެއްގައި މަލީހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެ ކަމަށެވެ. އަދި ގާނޫނުއަސާސީ ތަރިކަ މުދަލަށް ހަދައިފި ކަމަށާއި، އަސާސެއްނެތް ކަމެއްގައި ދޮގު އިލްޒާމެއް އަޅުވައި ބޭއިންސާފުން އޭނާއަށް ދޭންއުޅޭ އަދަބު ބޭޒާރުވާނެ ކަމަށެވެ. އަދި "ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ ބާރަކޭ ފާޑެއްގެ އެއްޗެއް،" ކަމަށްވެސް ވިދާޅުވިއެވެ.

މަލީހު މިނިސްތަރު ކަމުގެ މަގާމުގައި ހުންނެވީ، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، 14 މެންބަރުންގެ ސޮޔާއެކު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި ވަނީ، މި ފެބްރުއަރީ މަހުގެ 10 ގައެވެ.

އެ މައްސަލައިަގައި މަޖިލީހުގެ ތަޅުމުގަިއ ޖަވާބުދާރީވާން މަލީހަށް 30 މިނިޓްގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިމަހު 16 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލިސް ގަވާއިދުގައިބުނާ ނޯޓިސް މިނިސްޓަރު މަލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ބައެއް މެންބަރުންނާއި އާންމުންވެސް ގޮވާލާފައިވަނިކޮށެވެ.