ޚަބަރު

މެޖިސްޓްރޭޓުންނަށް މަހަކު 500 ރުފިޔާގެ ފޯނު އެލަވަންސެއް ދޭން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް މަހަކު 500 ރުފިޔާގެ ފޯނު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން އެގޮތަށް ފާސްކުރީ، ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓުތައް ކަމަށްވާ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000 ރުފިޔާ ދެމުން އަންނައިރު، މެޖިސްޓްރޭޓު ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުން މުހިންމު ކަމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖައާ ކޮށްފައިވާއިރު، މެޖިސްޓްރޭޓު ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ނިންމާފައިނުވާ ކަމަށެވެ.

މެޖިސްޓްރޭޓުންނަކީ އެ މެޖިސްޓްރޭޓަކު އައްޔަން ކޮށްފައިވާ ކޯޓުގެ އިތުރުން އެ އިދާރާގެ އެހެން ކޯޓުތަކާއި ހަވާލުވެ ތިބެންޖެހޭ ބައެއް ކަމުގައި ވުމުންނާއި އެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެއްލެވުމުގެ އިތުރުން އިދާރީ މަސައްކަތް ކުރައްވާ ބައެއްކަން ވެސް ޖޭއެސްސީން ފާހަގަ ކޮށްފައިވެއެވެ. އަދި މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މެޖިސްޓްރޭޓުންގެ ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ލިބިދިނުމަށް ޖޭއެސްސީން ކޮމިޓީއަށް ވަނީ ހުށަަހަޅައިފައެވެ.

ޖޭއެސްސީގެ އެ ހުށަހެޅުމާމެދު ބަހުސް ކުރުމަށްފަހު ޖޭއެސްސީން އެދިފައިވާ ގޮތަށް 500 ރުފިޔާގެ ފޯނު އެލަވަންސް މެޖިސްޓްރޭޓުންނަށް ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެން އެ ނިންމުމަށް އަމަލު ކުރުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ. ކޮމިޓީގެ އެ ނިންމުމަށް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.