''ޕިކްނިކް ނުދަންޏާ ކުޑާ ދާން ބޭނުންވަނީ ކޮންތާކަށްތަ؟...'' ފުރޮޅުލީ ގޮނޑީގައި އިށީންނަން ނާލާއަށް އެހީވަމުން ލުޔޫން ވާހަކަދެއްކިއެވެ. އެވަގުތު ނަރުސް ކުއްޖަކު އައެވެ. ނާލާގެ މެޑިކަލް ފައިލް ހިފައިގެންނެވެ. ލުޔޫންގެ އަތަށް ނަރުސް ކުއްޖާ ފައިލް ދިއްކޮށްލިއެވެ. އަދި އަންނަ ހަފްތާގައި ޑޮކްޓަރާއެކު ފަރުވާގެ އިތުރު މަރުހަލާގެ މަޝްވަރާތައް ކުރެވޭނެ ވާހަކަ ވެސް ބުންޏެވެ.

ނާލާ އެއްވެސް ކަމަކަށް ޝައުޤުވެރިކަމެއް ނުދިނެވެ. ފާޑެއްގެ ފޫއްސެއްވެފައި އިނީއެވެ. އެބުނާ މަޝްވަރާތަކުން ހިތަކަށް އުއްމީދެއް ނުލިބެއެވެ. ލިބުނަސް ލިބެނީ ދިލަކަމެވެ. އުއްމީދު ހިތުން ގެއްލިއްޖެތާ ކޮން ދުވަހެއް ހެއްޔެވެ؟ ހަޔާތުގެ ސަމުގާ ވަނީ ފުނޑިފައެވެ. ދާނެ ވަކި މިސްރާބެއް ނެތެވެ. ދިރިއުޅުން އޮޔާލާން ދޫކޮށްލެވުނީ އެހެންވެއެވެ. ކުރިމަގެއް ލިބުމެއް ނެތް ބައްޔަކުން ހިތަށް އުއްމީދެއް ލިބޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ކުރާ ފަރުވާއަކުން އެއްވެސް ކަހަލަ އަލިމަގެއް ނުފެނުނުތަނުގައި ދުވަހަށް ދުވަހަކަށް މީހާ ވަނީ ބަލިކަށްޓެވެ. ނިކަމެއްޗެވެ. އެވޭނުގައި އޭނާ ވާތަން އާއިލާ މީހަކަށް ފެންނާކަށް ބޭނުމެއް ނުވެއެވެ. މަންމަ އާއި ކުރިމަތިލާން ވެސް ނާލާ ބޭނުންނުވަނީ އެހެންވެއެވެ. އެމަންމަގެ ލޮލުން އޮހޮރޭ ވޭނީ ކަރުނަތައް އޭނައަށް ސިއްރު ކުރަން އުޅުނަސް ހިތަށް އިލްހާމަތައް ވެގެން ދެއެވެ. އެއާއެކު އިތުރު ހިތްދަތިކަމެއް ނާލާއަށް ލިބެއެވެ.

މިނޫން ދުވަހެއް އޭނާގެ ނަސީބުގައި ހަމަ ނެތީ ހެއްޔެވެ؟ ހަޔާތް އޮޔާލާ ދިޔައީ ކީއްވެގެން ހެއްޔެވެ؟ އޭނަ ހަމަ ބަދުނަސީބީ ހެއްޔެވެ؟ އޭނަ ވަށައިގެން ވާހާ މީހުންނަށް ވަގުތު ހިނގައެވެ. އުއްމީދީ ބަދަލުތައް ވެސް އާދެއެވެ. އެހެނަސް އޭނައަށް ވަގުތު ހުއްޓިފައިވަނީ ކީއްވެގެން ހެއްޔެވެ؟ ދުރުދުރަށްދާންދެން ހަނަފަސްކަން ފެންނަނީ ކީއްވެގެން ހެއްޔެވެ؟

ތަޤުދީރާމެދު ނާލާގެ ހިތް ޝަކުވާތަކުން ފުރުނެވެ. އެފަދަ ކޮންމެ ވަގުތަކު ނަފުސުގެ މައްޗަށް އަތްގަދަ ކުރަނީ ރުޅިވެރިކަމެވެ. ރުންކުރުކަމާއެކުގައި މެނުވީ މީހަކާ މުހާތަބު ނުކުރެވެއެވެ. ފަހުން ސިނގުރުޅިގަނޑު ފިނިވެ ސިކުނޑިއަށް ލުޔެއް ލިބުމުން މާޔޫސްކަން އައިސް މީހާ ހާސްކޮށްލައެވެ. ރޮވެން ފަށައެވެ. ނާއުއްމީދުގެ ތޫނި މިޔައިން ހިތުގައި ޅިޔައެޅިގެން ދެއެވެ. ކިތަންމެ ވަރަކަށް ރުޔަސް ހިތުގެ ދިލަ ކަމަށް ކުޑަމީސް ފިނިކަމެއް ނުލިބެއެވެ.

''ޖަވާބެއް ދީބަލަ...'' ނަރުސް ކުއްޖާ ދިއުމުން ލުޔޫން އަނެއްކާ ވެސް އޭނަގެ ވާހަކަ ފެށިއެވެ.

ނާލާއަށް މިހާރަކަށް އައިސް މާބޮޑަށް ފިނިވާތީ ވޯޑުން ނުކުންނަން ދިއުމުގެ ކުރިން، ނާލާގެ ކޮނޑުގައި އަޅުވާލަދިން ޝޯލްއިން މޭމައްޗާއެކު ނިވާކޮށްލަ ދިނެވެ. އެއަށްފަހު ނާލާގެ ބޮލުގައި ''ކީމޯ ކެޕް''އެއް ވެސް އަޅުވާލަ ދިނެވެ. މީހުންގެ ތޫނު ނަޒަރުތަކުން ހިމާޔަތްކޮށްދިނުމަށެވެ.

މީހުންގެ ތެރެއަށް ނުކުމެ އުޅެން ނާލާ ޖެހިލުންވެ ލަދުގަންނާތީ އެކަމާ ވެސް ލުޔޫން ހުންނަނީ ފިކުރުބޮޑުވެފައެވެ. އެންމެ ބިރުގަންނަނީ ނާލާ އެކަނިވާ ވަގުތުގައި އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅެފާނެތީއެވެ. ނާލާގެ ވާހަކަތައް ވެސް ހުންނަނީ އެފަދަ ގޮތަކަށެވެ. މަންމަ އާއި އެ ވާހަކަތައް ލުޔޫން ހިއްސާ ނުކުރަނީ މަންމަ ބިރުގެންފާނެތީއެވެ. އެހެންވެ ނާލާގެ ކޮންމެ ހަރަކާތަކަށް ލުޔޫން ހުންނަން ޖެހެނީ ލޯހުޅުވާލައިގެންނެވެ.

''ގެއާ ކައިރީގައި އޮތްނަ ލޭކަށް ދިއުން ކިހިނެއް ވާނެތަ؟...'' ލުޔޫން ހުށަހެޅިއެވެ. ކޮންމެވެސް ވަރެއްގެ ޝައުޤުވެރިކަމެއް ނާލާގެ ދެލޮލުން ފާޅުވިއެވެ. ނަމަވެސް ދޫކޮށްލި އުދާސީ ނޭވާއަށްފަހު ކުލަވަރުތައް ބަދަލުވެއްޖެއެވެ. ފޮރުޅުލީގޮނޑިއެއްގައި އިން މައްޔިތަކަށް އޮތީ ކޮން އުފަލެއް ހެއްޔެވެ؟ މަރާ ބައްދަލުކުރަން ވަގުތު ގުނުން ނޫން ކަމެއް ނެތެވެ. ޤުދުރަތީ މަންޒަރުތަކުން ހިތްހަމަޖައްސާލުން އެއީ އެހެން ބަޔެއްގެ ހައްޤެކެވެ. އޭނައަށް އޮތީ މަރު ތަންމައްޗެވެ. ހަޔާތުގެ މަދު ދުވަސްތައް ގުނަންޖެހޭ ތަނަކީ އެއީ އެވެ.

''ކުޑާ ބޭނުންދޯ ދާން... އަހަރެން ގެންގޮސްދޭނަމޭ، ކުރިން އަބަދު ކުޑާ ދަމެއްނު އެތަނަށް...'' ލުޔޫން ހުށަހެޅިއެވެ. ނާލާ އޭނަ އާއި ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައި ލުޔޫން ހުއްޓެވެ.

އެއްބަސްވާކަށް ނާލާ ބޭނުމެއް ނުވިއެވެ. މެލޭޝިޔާއަށް އައީއްސުރެން ގެއާއި ކައިރީގައި އޮތްނަ ވާދީއަށް ގޮސްލަން ނާލާ ހުރީ ބޭނުންވެފައެވެ. ހަޤީޤަތުގައި އެހިތުގައި ސަބަބެއް ފޮރުވިފައި އޮތީމައެވެ. އެ މެހެފިލްގައި ރުހައިމްއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވިފައިވާތީއެވެ. ހާއްސަކަމެއް ހިތުގައި ދެވިފައިވާތީއެވެ. އެމާހައުލުން އެހަނދާންތައް އާލާވެގެން ދާނެކަން ގައިމެވެ. ނާލާގެ ހިތް ޖަޒުބާތުގެ ތެރެއަށް ދީލައިލިއެވެ. އޭނަގެ ހިތުގެ މޮޔަކަމާ ހުރެ އަމިއްލަ އިހުސާސްތައް ދެކެ ވެސް ނާލާ ރުޅިއަތުވެއްޖެއެވެ. ޒަހަމްވެފައިވާ ހާލުގައި ވެސް ހިތި ހަނދާންތަކާ ދުރުވާކަށް ބޭނުމެއް ނުވެއެވެ. އަދިވެސް މާޒީގެ އަނދިރިކަމުން ނިކުންނާކަށް ބޭނުމެއް ނުވެއެވެ.

ނާލާއަށް މޮޅިވެރިކަން ލިބުނެވެ. ބަސްނާހާ ހިތަށް އޭނަ ވިސްނައިދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ ރުހައިމް އޭނަގެ މާޒީއަށް ވެދިޔަތާ ކޮން ދުވަހެއް ހެއްޔެވެ؟ މިހާރު ރުހައިމް އޭނަގެ މަތިން ހަނދާން ވެސް ނައްތާލަފާނެއެވެ. ހަޤީޤީ ލޯބި ވެވުނީ ހަމައެކަނި އޭނަ އަށެވެ. ރުހައިމް އޭނަގެ ހަޔާތަށް އައީ އަވާމެންދުރެއްގެ ސިފައިފައެވެ. އެ އަވާމެންދުރުގެ ފަހަތުން ދާންހަދައިގެން އޭނަ ރޯނާ ވެއްޖެއެވެ.

''ކުޑާ...'' ނާލާގެ ހިމޭންކަން ލުޔޫންއަށް ދޭހަކުރެވިއްޖެއެވެ. ވަގުތުން އަމިއްލަ ނަފުސަށް އަޑުލައިގަނެވުނެވެ. އޭނަގެ މޮޔަކަމާއެވެ. ކުރިން ވިސްނާނުލެވުނީ ކީއްވެ ހެއްޔެވެ؟

''ސޮރީ...'' ލުޔޫންއަށް މައާފަށް އެދެވުނެވެ.

ނާލާ ދެފަރާތަށް ބޯހޫރާލިއެވެ. ލުޔޫންގެ ކުށެއްނެތްކަން އަންގާލަމުންނެވެ.

''ވަރަށް ވަރުބަލި...'' ނާލާ ބުނެލިއެވެ.

މާޔޫސްކަން ވެރިވެފައިވި ނާލާގެ މޫނަށް ލުޔޫން ބަލައިލިއެވެ. އޭނަ ބޭނުންވީ ކޮޓަރީގެ ހަތަރުފާރު ތެރެއިން ނާލާ ބޭރުކުރާށެވެ. ވަށައިގެން އޮތް ދުނިޔެއަށް ލޯހުޅުވާލަދޭށެވެ. ނަމަވެސް، ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ.

ހަށިފުރާދޫކޮށްލި ނޭވާއަށް ފަހު ލުޔޫން ފުރޮޅުލީ ގޮނޑި ދުއްވާލިއެވެ.

''ޝީ ކްލިއާލީ ލަވްސް ހިމް... ބަޓް ވައި؟... އިޓްސް ބީން އެ ލޯންގް ޓައިމް... ކުޑާގެ ހިތް ހަލާކުކޮށްލީމަ ވެސް ކީއްވެތަ އޭނަގެ ހަނދާންތަކާ ދުރުނުވެވިގެން އުޅެނީ؟...'' ލުޔޫންގެ ހިތުގައި ސުވާލު އުފެދުނެވެ. ލޯތްބަކީ ލުޔޫންއަށް މުޅިން ތަފާތު މައުޟޫއު އެކެވެ. ހަޔާތުގައި އޭނަ އަދި އެއްވެސް މިހަކާ ރައްޓެހިވެފައި ނުވެއެވެ. ހިތާހިތުގެ ގުޅުމުގެ ސާފުކަން އޭނައަށް ދޭހަ ނުކުރެވުނީ އެހެންވެއެވެ. ހަމައެއާއެކު އެތައް އަހަރެއް ވަންދެން ނާލާގެ ހިތުގެ ހިމަނާރުތަކާ ގުޅިފައިވި ތެދުވެރި ލޯބީގެ ފުންމިން ވިސްނައެއް ވެސް ނުގަނެވުނެވެ.

ދުލުން ބުނެލަން ފަސޭހަ ވާނެއެވެ. ނަމަވެސް ބަހާއި އަމަލުން އެކަން ދައްކަން އެއީ މުސްތަހީލު ކަމަކަށް ވެދާނެއެވެ. ނާލާއަށް ވެސް ވަނީ އެފަދަ ގޮތަކެވެ. ރުހައިމްގެ ހަނދާންތަކާ ދުރުވުން ސަޒާއަކަށް ވަނީ އެހެންވެއެވެ. ހަޔާތުގެ ކޮންމެ ބާބަކާ ގުޅިލާމެހިފައި އޮތީ ރުހައިމްއާއެވެ. ހިތުގެ ލޯތްބާއި ވަކިވުމުގެ ވޭނާއިހޫނުގައި ވަނިކޮށް ކުރިމަތިލާން ޖެހުނީ ކެންސަރުގެ ތަދާއެވެ. މީހާ ހަފުސްވަމުން ދިޔައީ އެހެންވެއެވެ.

''އޯ ނޯ!، އެނދުމަތީ ފައިލް ބާއްވާފަ މިއާދެވުނީ!... މި އަންނަނީ އިނގޭ!...'' ވަކި ހިސާބަކަށް ދެވުނުތަނާ ލުޔޫން ބުނެލިއެވެ. އެއަށްފަހު އޭނަ ދުއްވައިގަތީ ވޯޑާ ދިމާއަށެވެ. ނާލާ މަޑުކޮށްލައިގެން އިނެވެ. ކުރިއަށް ދެވެން އޮތް ސަރައްކާލި އޮތީ ހުހަށެވެ. ސަރައްކާލީގެ ދެފަރާތުން ޖަހާފައި ހުރި ބިއްލޫރި ފާރުތަކުން ވަށައިގެން އޮތް މާހައުލު ފެނެއެވެ. ނާލާ ބޭރު ބަލައިލިއެވެ. އޭނަގެ ކަނާއަތް ފަރާތުން ފެންނަން އޮތީ ހޮސްޕިޓަލުގެ ޕާކެވެ. އެއީ ބަލި މީހުން ހިތްހަމަޖައްސާލަދޭން ހަދާފައި އޮތް މަންޒިލެކެވެ. ނަމަވެސް އެތަނަށް ދާހިތެއް ނާލާ ނުވެއެވެ. ލޮލަށް ފެންނަ ހިނިތުންވުންތަކުންނެވެ. ވޭނާއި ހަނގުރާމަ ކުރާއިރުގައި ވެސް ހިނިތުންވާން މީހުން ދަސްކުރަނީ ކިހިނެއް ހެއްޔެވެ؟

''ހާއި...'' އިވިގެން ދިޔަ އަޑުން ނާލާ ސިހުނެވެ. ފަސްއެނބުރި ބަލައިލެވުނެވެ. އޭރު އިސްކޮޅުން ދިގު އަންހެން ކުއްޖަކު އައިސް ހުއްޓެނީއެވެ. ނާލާއަށް އެ މޫނުމަތިން ދަންނަ ވައްތަރު ޖެހިއެވެ. ވިސްނާލުމުން ހަނދާން ވިއެވެ. ދެ ފަހަރެއްގެ މަތިން ކީމޯ ސެޝަންތަކުން ދިމާވެފައި ހުރި ކުއްޖެކެވެ. ހަމައެކަނި ބަދަލުކުރެވެނީ ނަޒަރެވެ. ވާހަކަދެކެވުނު އެއީ ފުރަތަމަ ފަހަރެވެ.

ނާލާ ރައްދެއް ނުދިނެވެ. އެކުއްޖާ ފުޅާ ހިނިތުންވުމެއް ދެމުން އައިސް ނާލާގެ ކައިރީގައި ހުއްޓުނެވެ.

''ދިވެއްސެއްދޯ؟...'' އެކުއްޖާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. ހިތްހެޔޮކަން އެއަޑުގައި ވިއެވެ.

''މަނާލް...'' އޭނާ ތައާރަފްވެލިއެވެ. މަނާލްގެ ނަޒަރު ހުއްޓިފައިވަނީ ބޭރުން ފެންނަން އޮތް ޕާކަށެވެ. ލުއި ހިނިތުންވުމެއް ކުރަކިވެފައިވި ތުންފަތާ ކުޅެލަމުން ދިޔަ އެވެ. ނާލާ އާއި މަނާލްއާ ދެމެދު މާބޮޑު ތަފާތެއް ނެތެވެ. ކެންސަރުގެ ސަބަބުން ހަށިގަނޑުވަނީ ބަލިކަށިވެފައެވެ. ނިކަމެމެތި ކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިތައް ވެސް ވަނީ ފައިބާފައެވެ. ބޮލުން ފެންނަން ހުރި ނިޝާންތަކުން ސިކުނޑީގެ އޮޕަރޭޝަނެއް ކޮއްފައިވާކަން ހާމައަށް ފެންނަން ހުއްޓެވެ. އެދެމުގައި އޮތް ހަމައެކަނި ތަފާތަކީ މިޒާޖެވެ. ވޭނާއި ރިހުމުގެ ތެރެއިން ވެސް މަނާލް މަސައްކަތް ކުރީ ހިނިތުންވާށެވެ. އެހެނަސް ނާލާ ދަސްކުރީ މާޔޫސްކަން އިހުތިޔާރުކުރާށެވެ.

''އިނގޭތަ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރާ ދޫންޏަޔަކަށް ވެވޭނެ ނަމައޭ، އޭރުން ޖައްވުގައި އުދުހިލާ ބޭނުންތަނަކަށް ގޮސްލެވޭނެއެއްނު...'' ޕާކުކައި ހުރި ބިޔަ ނިކަ ގަހުގައި ހޭލަމޭލަވަމުން ދިޔަ ދޫނިތަކަށް ބަލަމުން މަނާލް ވާހަކަދެއްކިއެވެ.

ނާލާ ވެސް ގަހާ ދިމާއަށް ބަލައިލިއެވެ. ނަމަވެސް ޝައުޤުވެރިކަމެއް ހިތުގައި ނުފެދުނެވެ. ވެރިވީ ފޫހިކަމެވެ. ކުރިން ޤުދުރަތުން އުފާ ހާސިލުކުރަން މަސައްކަތްކުރި ނާލާ މުޅިން ބަދަލުވެއްޖެއެވެ. ސިކުނޑި ކިލަނބުވެފައި ވަނީ އިދިކޮޅު ޚިޔާލުތަކުންނެވެ. މީހާ ބަލިކަށިވާން ދިމާވި މައިގަނޑު ސަބަބަކީ އެއީއެވެ. ނަފުސާނީ ގޮތުން ބަލިކަށިވެ ކަޅު އަނދިރިކަމެއްގެ ތެރެއަށް ނަފުސު ހަމަހިމޭންވެއްޖެއެވެ.

''ހެހެހެ... އަހަރެންގެ މޮޔަކަން ދޯ؟...'' މަނާލް ލުއި ގޮތަކަށް ހީލިއެވެ.

އަޖައިބުވެފައި ނާލާ ބަލައިލިއެވެ. އެފަދަ މޮޅިވެރި މާހައުލެއްގައި ހިނިތުންވާނީ ކާކު ހެއްޔެވެ؟ މަނާލްއަށް ބަލައިލުމުން ވެސް ވޭނުގައި އުޅޭކަމަށް ހެކިދެއެވެ. ދެން ދުނިޔެއާ މެދު އެ ގެންގުޅެނީ ކޮން ކަހަލަ ނަޒަރިއްޔާތެއް ހެއްޔެވެ؟

''ވީ ޝުޑް ބީ ތޭންކްފުލް ފޯ އެވްރީ ބްލެސިންގް... ކޮންމެ އިންސާނަކަށް ވެސް ލިބިފައި އޮތްނަނީ މިއަދު... މާދަމާއަކީ ޔަޤީން އެއްޗެއް ނޫން... ބައްޔެއް ނެތް ދުޅަހެޔޮ މީހެއްގެ އަޖަލު ވެސް ކުއްލިޔަކަށް އައިސް ޖެހިދާނެ... އެކްސިޑެންޓެއް ވެދާނެ... މަރަކީ ވަކި ބައްޔެއް ކަނޑައެޅިފައި އޮތްނަ އެއްޗެއް ވެސް ނޫން... އުމުރެއް ވެސް ކަނޑައެޅިފައި އޮތްނަ އެއްޗެއް ނޫން... އަހަރުމެންނަށް މިއަދު ލިބިފައިވީތީ ވެސް ޝުކުރުވެރިވާން ޖެހޭނެ، އެއީ ލޯބިވާ ފަރާތްކާއެކު ހޭދަކޮށްލަން ލިބޭ ދުވަހެއް، ކޮންމެ ސިކުންތެއް ވެސް ހިތުގައި ރައްކާކުރަންވާނެ... ލޯބިވާ ފަރާތްކުގެ އަޅާލުމަށް ހިތް ހުޅުވާލަން ވެސް ވާނެ، އެހެންނޫންމަ ވަގުތު ފާއިތުވެދާނެ، ވަގުތަކީ އެއްވެސް މީހަކަށް މަޑުކުރާނެ އެއްޗެއް ނޫން... ހެހެހެ... އަހަރެން ކޮންކަހަލަ ވާހަކައެއްތަ މިފެށީ؟... ސޮރީ އިނގޭ... އަހަރެން އަނގަ ގަދަކަމުން ބޮލަށް އުނދަގޫ ވެއްޖެދޯ... އަސްލު މިތަނުން ދިވެއްސަކާ ބައްދަލުވީމަ ވާހަކަދައްކާލާ ހިތްވީ... ކުރީ ދުވަހު އެހީތެރިޔާއާ ވާހަކަދެއްކި އަޑު އިވުނީ، އެހެންވެ ސަލާން ބަދަލުކޮށްލަން ބޭނުންވީ...'' މަނާލް ކުއްލިއަކަށް އޭނަގެ ވާހަކަތައް މެދުކަނޑާލިއެވެ. އޭނަގެ ސަބަބުން ނާލާއަށް އުނދަގޫ ވެއްޖެ ކަމަށް ހީކޮށް ލުއި ހިނިތުންވުމެއް ދެމުން އެތަނުން ދާން ހިނގައިގަތެވެ.

''ނާލާ...'' ފަސްދީ ހިނގައިގައިގަތް މަނާލްއަށް ނާލާ ބުނެލިއެވެ. ދޫ ހަރަކާތް ކުރީ ކިހިނެއް ކަމެއް ނާލާއަކަށް ނޭނގެއެވެ. ނަމަވެސް މަނާލްގެ ވާހަކަތަކުން އޭނަގެ ސިކުނޑި ގުޑުވާލިއެވެ. އެވާހަކަތަކާ މެދު ވިސްނާލަން މަޖުބޫރު ވެއްޖެއެވެ.

މަނާލް ދިނީ ލުއި ހިނިތުންވުމެކެވެ. އެހިނިތުންވުމުގައި ފިނިކަމެއް ވިއެވެ. ދެލޮލުގައި ވަރުބަލިކަން ވިޔަސް ރޫހާނީ ވިދުމެއްގެ އަސަރު ވިއެވެ.

ނާލާއަށް ލިބުނީ ހައިރާންކަމެވެ.

''ދަރިފުޅާ...'' އިވިގެން ދިޔައީ މެދު އުމުރުގެ އަންހެނެއްގެ އަޑެވެ. އެމީހާ އައިސް މަނާލްގެ ގާތަށް ހުއްޓެނީ އެވެ. ''ޑްރައިވަރު އައިއްސި... އަވަހަށް ދަމާ...''

''މަންމާ...'' މަނާލް ގޮވާލިއެވެ. އަދި މަންމަގެ އަތުގައި ހިފާލަމުން ކުރިއަށް ދާން ހިނގައިގަތެވެ. ދިއުމުގެ ކުރިން ނާލާއަށް ގޮވާލިއެވެ.

''ނާލާ... ފަހުން ދުވަހަކުން ބައްދަލުވެދާނެ ކަމަށް ހީކުރަން...'' ދަމުންދަމުން މަނާލް ބުނެލިއެވެ.

''ދަންނަ ކުއްޖެއްތަ؟...'' މަނާލްގެ މަންމަ ބުނެލި އަޑު އިވުނެވެ. ނާލާއަށް ބަލައިލަމުން ލުއި ހިނިތުންވުމެއް ވެސް ދިނެވެ. ރައްދުގައި ތުންފަތް ހަރަކާތްކޮށްލަން ވެސް ނޭނގިފައި ނާލާ އިނީއެވެ. މަނާލް ކުރިއަށް ދިޔަ މަންޒަރު ބަލަންށެވެ. ވަރުބަލި ފިޔަވަޅުތައް އަޅަމުން ދިޔަ މަނާލްއަށް ހިތްވަރުދީ މަދަދުގާރަކަށް ހުރި މަނާލްގެ މަންމައަށް ބަލަން ނާލާ އިނެވެ.

''އެއީ ކޮން ބަޔެއްތަ؟...'' ނާލާ ސިހުނީ ލުޔޫންގެ އަޑަށެވެ. ނާލާ ބަލައިލިއެވެ. އޭރު ޝައުޤުވެރިކަން އެކުލެވިގެންވި ލުޔޫންގެ ދެލޯ ނާލާއަށް ހުއްޓިފައިވިއެވެ. ލިފްޓަށް އެރި މަނާލްއަށް ވެސް އޭނަ ބަލައިފިއެވެ.

''ނޭނގޭ...'' ނާލާ ބުނެލިއެވެ. ސިކުނޑީގައި ތަކުރާރުވަމުން ދިޔައީ މަނާލްގެ ވާހަކަތަކެވެ. ބީރައްޓެއްސަކާއި އެފަދަ ވާހަކައެއް މަނާލް ހިއްސާކުރީ ކީއްވެގެން ހެއްޔެވެ؟ މަނާލްގެ މަޤުސަދަކީ ކޮބާ ހެއްޔެވެ؟

*****

ކަޅާއި ހުދުކުލައިން ފަރުމާ ކުރެވިފައިވާ ގޭޓުން ކާރު ވަދެގެން ދިއުމާއެކު ހަވޭލީއެއް ފަދަ ރީތި ގޭގެ ހައިބަތު ހާމަވެގެން ދިޔަ އެވެ. ތަފާތު ކުލަކުލައިގެ މާގަސްތަކުން ބަގީޗާއަށް ދިރުން ގެނެސްދެއެވެ. އެންމެ ބޮޑަށް އަޅައިގަންނަނީ ގޭޓު މައްޗަށް އަރުވާފައި އޮތް ބޯގަންވިލާ ގަހެވެ. ހުދާއި، ފިޔާތޮށި އަދި ރަތުގެ އިތުރުން އޮރެންޖެކުލައިގެ މާތައް މަސްހުނިވެފައިވާ މަންޒަރު ނިކަން ޗާލެވެ. މާތަކުން ގަސްތައް ވަނީ ބަރާވެފައެވެ. މެދު ގޯއްޗަށް ވާހެން ހުރި ޖަންބުގަހުގެ މާލުގެ ނަރުތައް، ދޫލައެއްހެން ފެތުރިއިފައި އޮތް ވިނަގަނޑު މައްޗަށް ފައިބާފައި އޮތް އިރު ބަލައިލަން ނިކަން ހިތްގައިމެވެ. ހަވީރުގެ ވަގުތު ކަމުން މާތަކުން ފޮނިބޯން ކޮކާތައް ވެސް އުދުހިލާ މަންޒަރު ފެނެއެވެ. ޖެހިލާ ލުއިލުއި ރޯޅިތަކުގައި ވަނީ ހުވަދުގެ މީރު ވަހެވެ.

ގޭގެ ރީތި ބަގީޗާއިން އުފާ ލިބިގަންނަން ބޭނުން ނުވަނީ ހަމައެކަނި ނާލާ އެވެ. އޭނަގެ މަންޒިލަކީ ކޮޓަރީގެ ހަތަރު ފާރެވެ. އެ ހަތަރުފާރުގެ ވަށައިގެން ދުނިޔެއެއް އޮތްނަ ކަމަކަށް ނާލާ ނުދެކެއެވެ. އާދައިގެ މަތިން ނާލާ ކޮޓަރިއަށް ގެންގޮސް ދިނީ ލުޔޫން އެވެ. އެދިޔަ މަގުމަތީގައި ހަވީރުގެ ސައި ތައްޔާރު ކުރަން އުޅުނު ނަދީމާ ގޮވާލިއެވެ. ނަދީމާގެ އަޑަށް އިޖާބަ ދިނީ ލުޔޫން އެވެ. އެކަމާ ވެސް ނާލާ ހިތްހަމަނުޖެހުނެވެ. މަންމައަށް އޭނަގެ ހާލަތު ފެންނަން ނާލާ ބޭނުމެއް ނުވެއެވެ.

''ސައިބޯނަންތަ؟...'' ނަދީމާ ސުވާލު އަމާޒުވީ ނާލާ އަށެވެ. ވަގުތުން ނާލާ ބޯހޫރާލިއެވެ. އަދި ލުޔޫންގެ ގާތުން އެދުނީ ކޮޓަރިއަށް ގެންގޮސްދިނުމަށެވެ.

''ނަދީމާ...'' ހަލީމާގެ އަޑު އިވުނެވެ. އޭރު ލުޔޫންއާއެކު ނާލާ ގޮސް އޮބާލަނީއެވެ. ''އަދި ރަނގަޅު ވާނެ...''

''މިހެން އަދި ކިތައް ދުވަސް ދާނެ؟، ނާލާ ހުންނަނީ އަހަންނަށް ފިލަން ބޭނުންވެފަ، ބިލާލްއާ ވެސް ވާހަކަ ނުދައްކާ، ކިރިޔާ ވެސް އަނގައިން ބުނަނީ ލުޔޫންއާ، އެވެސް އެދެމެދުގައި އޮތް ގުޅުމުގެ ސަބަބުން...'' ނަދީމާގެ އަޑު ކުރެހުނެވެ. ދެލޮލުގައި ކަރުނަ ވިދާލިއެވެ.

''ނާލާ ބަލިކޮށް އުޅޭ މަންޒަރު ފެންނަން ބޭނުން ނުވާތީ އެހެން އުޅެނީ...'' ހަލީމާ ބުންޏެވެ. ''އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ... ގިނަގިނައިން ﷲއަށް ދުޢާކުރަންވީ...''

ދީނީ ކަންކަމަކަށް ކުރިއަށް ވުރެން ބޮޑަށް ނަދީމާ އަހުލުވެރިވެއްޖެއެވެ. މާޒީގައި ދީނީ ކަންކަމާ ދުރަށް ދެވިފައިވުމުން އެކަމުގެ މޮޅިވެރިކަން ވެސް ހިތުގައި އޮތެވެ. ފައިތިލަ ސާބިތުކުރަން ނަދީމާ އަޒުމު ކަނޑައެޅިއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ވެސް ދަރިފުޅަށް ޝިފާ ދެއްވުމަށް އެދި ނަދީމާ ދުޢާ ކުރަން ފެށިއެވެ. ނަމާދުކޮށް، ޤުރުއާން ކިޔަވައި ޒިކުރުތައް ކުރަން ފެށުމުން ހިތަށް ފިނިކަން ލިބެން ފެށިއެވެ. ހިތުގެ ބިރުވެރިކަމާ ހަނގުރާމަކުރަން ހިތްވަރު ވެސް ލިބުނެވެ. މާޔޫސްވެ އުއްމީދު ގެއްލުވާލުމުގެ ނުބައި ސިފައާ ދުރަށް ދެވުނެވެ. ﷲގެ ރަހުމަތަށް ފުރިހަމައަށް އިތުބާރު ކުރަން ފެށިއެވެ. އެއާއެކު ދިރިއުޅުމާ ކުރިމަތިލުމުގައި ނަދީމާއަށް މުޅިންހެން ފަސޭހަ ވިއެވެ. ޖަޒުބާތުތައް ވެސް އިހުތިޔާރުގެ ދަށަށް ގެނެވުނެވެ. ރޫހާނީ ގޮތުން މީހާ ވަރުގަދަ ވެއްޖެއެވެ.

*****

ކޮޓަރީގައި އޮތްނައިރު ނާލާގެ ފިކުރުތައް ގިނަ ވެއެވެ. އެކެނިވެރިކަމުގެ ތުނޑުތޫނު ކަށިތައް ހިތަށް ހެރިގެން ދެއެވެ. އެފަދަ ވަގުތުތަކުގައި ސިކުނޑި ފުރިގެންދަނީ ޝައިތާނީ ވަސްވާސްތަކުންނެވެ. ހިތާއި ޖިސްމުގެ ވޭނަށް ނިމުން ގެންނާނެ ގޮތްތަކާމެދު ފިކުރު ހިންގެން ފަށައެވެ. އެހާވެސް ނާޒުކު ހާލަތަކަށް ނާލާ ގޮސްފިއެވެ. ކަރުނައަޅައި ރޮމުން ރޮމުން ގޮސް ލޮލުން ކަރުނަ ހިކިއްޖެއެވެ. ލޯހުންނަނީ ދުޅަވެ ރަތް އަރާފައެވެ. ލޯމަރާލިޔަސް ރިއްސައެވެ. ނުވީތާކަށް ކީމޯގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ބަޔާނެއް ވެސް ނުކުރެވޭނެއެވެ. ކަށިތައް ތޮރުފާލާފަދަ ގަދަ ރިހުންތަކުން ބުރާންތިވާހާ ވެއެވެ. އިރުއިރުކޮޅާ އަރައިގަންނަ ތަދުތަކުން ބާރަށް ދަތްޕިލަ ޖައްސާލިޔަސް، ދަތްޕިލައިގައި ރިއްސައިގަންނަ ގޮތުން މަރުވެދާނެހެން ހީވެއެވެ. ވޭނީ އާހްތައް ދުލާ ވަކި ނުވެއެވެ.

ކާމޭޒު ދޮށަކަށް ވެސް ނާލާ ނުދެއެވެ. ކާހިތެއް އޭނަގެ ނުހުރެއެވެ. އެއްޗެސްގައި ރަހައެއް ނުލާއިރު ކާނީ ކިހިނެއް ހެއްޔެވެ؟ ފެން ފޮދެއް ދިރުވާލިޔަސް ލަގޮނޑިން ދިލަ ނަގައެވެ. ފެން ބޯން ޖެހެނީ ވެސް ލަސްލަހުން އެތި ފޮދުފޮދަށް ބަހައިގެންނެވެ. އެހެންނޫންނަމަ ކަރުގައި އަޅައިގަންނަ ގޮތް ވެއެވެ. ދެން އެޖެހުނީ ކަންތަކާއެވެ. ނޭވާ ހާސްވެ ހޮސްޕިޓަލަށް ގެންދެން ޖެހޭވަރު ވެއެވެ.

ފިނިވާވަރުން ''ވިންޓާ'' ހެދުމެއް ލައިގެން ނާލާ މަޑުކޮށްލައިގެން އިނީ ބެލްކަނީގައެވެ. ހަވީރުގެ ވަގުތުކަމުން ދުނިޔެއަށް ޢަލްވަދާއު ކިޔަން ތައްޔާރުވަމުން އައި އިރުގެ ކުލަތަކުން ޖައްވު ގިރިޓީވަމުން ދިޔަ އެވެ. އެމަންޒަރު ބަލަން އޮތް ނާލާގެ ލޮލުގައި އުދުހިފައި ދިޔަ ދޫންޏެއް އަޅައިގަތެވެ. ކުއްލިޔަކަށް މަނާލްގެ ވާހަކަތައް މަތިން އޭނަ ހަނދާންވާން ފެށިއެވެ. ހޮސްޕިޓަލުން ނިކުމެވެހާ އިރަށް އޭނަ ހުރީ އެވާހަކަތައް ހަދާން ނެތިފައެވެ. ކުއްލިޔަކަށް ހަނދާނުގެ ލޯގަނޑަށް މަންޒަރު ސިފަވެގެން ދިޔައީ ލޮލުގައި އަޅައިގަތް ދޫނީގެ ސަބަބުންނެވެ.

ނާލާގެ ކަންފަތުގައި ދެން ޖެހުނީ މަންމަގެ އަޑެވެ. އަޑު އަންނަނީ ގޭގެ ބަގީޗާއިންނެވެ. ނާލާގެ ކޮޓަރި ހުންނަނީ ގޭގެ ފުރަތަމަ ފަންގިފިލާގައެވެ. ލިފްޓެއް ހުރުމުން ފޮރުޅިލީގޮނޑީގައި ކޮޓަރިއަށް ދާން އުނދަގުލަކާ ކުރިއްމައްޗެއް ނުވެއެވެ.

ސަރަންފީ ގޮޑިން ކިރިޔަކިރިޔާ ބުޑު ހިއްލާލަމުން، ހިލައިން ރާނާފައިހުރި ބެލްކަނީގެ ރެއިލިންގެ ދެމެދުގައި އޮތް ހުސް ޖާގައިގެ ތެރެއިން ނާލާ ބަގީޗާ ބަލައިލިއެވެ. މަންމަ އޭރު އުޅޭނީ ގަހަށް ފެން ދޭށެވެ. ގާތުގައި ގޭގެ ޚާދިމަކު ހުއްޓެވެ. ވާހަކަދައްކަނީ ޚާދިމު މީހާއާއެވެ.

ނާލާއަށް މޮޅިވެރިކަން ލިބުނެވެ. މަންމައާއެކު އޮތް ގުޅުން ހީނަރުކޮށްލީ ނާލާ އެވެ. ކުރިން އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ މަންމައެވެ. އޭރު ބަލިން ފަސޭހަވާން ނާލާ ބޭނުން ވިއެވެ. ހިތުގައި އުއްމީދު ވެސް އޮތެވެ. ނަމަވެސް ދުވަސްތައް ދިގުލައި މީހާ ބަލިކަށިވާން ފެށުމުން އުއްމީދުގެ ހުޅުކޮޅު ނިވެން ފެށިއެވެ.

ވޭނާއި ކެކުޅުންތަކުގެ ދިގު ސިލްސިލާއިން އުފެދުނު ނާއުއްމީދުގެ ރޯޅިތަކުން ހުޅުކޮޅު އެންމެފަހުން ނިވުނީއެވެ. އެއާއެކު އޭނަ އުޅެމުންދާ ދަތި ހާލު މަންމައަށް ފެންނަން ނާލާ ބޭނުމެއް ނުވިއެވެ. ހޮސްޕިޓަލަށް ދިއުން އިންކާރުކުރީ އެހެންވެއެވެ. މަންމަ ރޯރުއިން ފެނި ހިތަށް ކެތް ނުވީއެވެ. މަރުވެ ދިޔަޔަސް އެއަށްވުރެން ހެވޭ ނާލާގެ ހިތަށް އެރިއެވެ.

ނާލާގެ ހިތުގައި ރިއްސާލިއެވެ. މަންމަގެ އޯގާތެރިކަމަށް ހިތް ވަނީ ބޭނުން ވެފައެވެ. އެދެއަތުން ފިރުމާލަން ވެސް ބޭނުންވިއެވެ. ނަމަވެސް ކަންތައްކުރަންވީ ގޮތެއް ނޭނގުނެވެ. މަނާލްގެ ވާހަކަތައް މަތިން ވަކިން ބޮޑަށް ހަނދާން ވިއެވެ. ވަގުތުގެ މުހިންމު ކަމެވެ. މަދު ދުވަސްކޮޅެއްގެ މެހެމާނަކަށް ވެފައިވާ އިރު ވީހާ ވެސް ގިނައިން ޢާއިލާއާއެކު ވަގުތު ހޭދަކުރަންވީއެވެ. ފަހުނޭވާއަށް އެޅިދާނެ އިރެއް ވެސް އެނގެނީކީ ނޫނެވެ.

(ނުނިމޭ)