ފޯނު މެދުވެރިކޮށް އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށް މެޑިކަލް ވިސާގެ ކަންކަން ހަމަޖެއްސުމަށް ބުކިން ހެދޭނެ އިންތިޒާމުތައް އެގައުމުގެ ހައި ކޮމިޝަނުން ހަމަޖައްސައިފި އެވެ.

ވިސާ އަށް އެދި ފޯމު ހުށަހެޅުމަށް ދޫކުރާ ނަމްބަރު ސިސްޓަމުގައި މައްސަލައެއް ދިމާވެ، ނަމްބަރު ހޯދުމަށް ކިޔޫގައި އެތައް އިރަކު މަޑުކުރަން ޖެހިފައިވާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން ހައި ކޮމިޝަނުން ވަނީ ޓޯކެން ސިސްޓަމަށް ދިމާވި މައްސަލައިގެ ސަބަބުން ވިސާ އަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ފާހަގަކުރެވިފައިވާތީ، ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ބުނެ އެވެ.

ހައި ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އާއި މެންދުރު 12:30 އާއި ދެމެދު 7563947 އަށް ގުޅައިގެން ބުކިން ހެދޭނެ ކަމަށެވެ. އަދި ފޯނަށް ގުޅައިގެން އެޕޮއިންޓް ހަމަޖެހޭ ގަޑިއަށް ކޮމިޝަނަށްދާއިރު ބޭނުންވާ ހުރިހާ ލިޔެކިޔުނަތެއް ގެނައުމަށް ވަނީ އެދިފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާއިރު މިއަހަރުގެ މިހާތަނަށް 2000 މެޑިކަލް ވިސާ ވަނީ ދޫކޮށްފަ އެވެ.