ކުޅިވަރު

ބައްޕަގެ ޖަނާޒާއަށް ނުދެވި އެލިސަންއަށް ހިތްދަތިކަން

ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާގެ ބައްޕަ، ޖޯސޭ އަގޮސްޓީނިއޯ ބެކާ، ކޯރަކަށް ގެނބިގެން މަރުވެއްޖެއެވެ.

އުމުރުން 57 އަހަރުގެ އަގޮސްޓީނިއޯ މަރުވެފައިވަނީ ޗުއްޓީ ހޭދަކުރުމަށް އެލިސަންގެ އާއިލާއިން ގޮސް އުޅޭ ލަވަރަސް ޑޫ ސަލްގެ ކައިރީގައި އޮންނަ ކޯރެއްގައި އިމާރާތް ކޮށްފައިވާ ޑޭމްއަކަށް ގެނބިގެންނެވެ. ބައްޕަގެ މަރާއެކު އެތަކެއް ބަޔަކު އެލިސަންއަށް ހިތްވަރުދީ ފޮނުވާފައިވާ މެސެޖުތަކުގެ ސަބަބުން އޭނާ ބުނެފައިވަނީ ބައްޕަގެ މަރާއެކު އެތަކެއް ބަޔަކު ފޮނުވި މެސެޖުތައް ހެޔޮ ހިތުން ބަލައިގަންނާނެ ކަމަށާއި މުޅި އާއިލާގެ ފަރާތުން އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ލިވަޕޫލުން ބުނެފައިވަނީ އެލިސަންގެ ހިތާމައިގައި ކްލަބުން ބައިވެރިވާ ކަމަށާއި މިވަގުތު އެލިސަން އާއި އާއިލާގެ ޒާތީ ކަންކަމަށް އިހުތިރާމް ކުރުމަށް ކްލަބުން އެދޭ ކަމަށެވެ.

ބްރެޒިލްގެ ކްލަބުތަކުން ވެސް އެލިސަން އާއި އާއިލާއަށް ތައުޒިޔާ ފޮނުވާފައިވާއިރު، ހަބަރުތައް ބުނެފައިވާ ގޮތުން، ބައްޕަގެ ޖަނާޒާއަށް ދިޔުމަށް އެލިސަން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެލިސަން ދިރިއުޅެމުންދާ އިނގިރޭސިވިލާތަކީ ކޮވިޑް-19ގެ ހައިރިސް ގައުމެއް ކަމަށްވާއިރު، އިނގިރޭސިވިލާތުން އެއްވެސް މީހަކަށް ބްރެޒިލަކަށް ނޭރެއެވެ.

ކޮވިޑުގެ އާ ވޭރިއަންޓާއެކު އިނގިރޭސިވިލާތުން ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރުކުރުން ހުއްޓުވާފައިވާއިރު، މެޗުތައް ކުޅުމަށް ވެސް އިނގިރޭސި ކްލަބުތަކަށް ދެވެން އޮތީ މަދު ގައުމުތަކަކަށެވެ. ރިޕޯޓްތައް ބުނެފައިވާ ގޮތުން ބައްޕަގެ ޖަނާޒާގައި ބައިވެރިނުވެވުމުން އެލިސަން ވަނީ ވަރަށް ބޮޑަށް އެކަމާ ހިތާމަ ފާޅުކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްގެ މަންމަ މަރުވުމުން، އޭނާއަށް ވެސް ޖަރުމަނަށް ދެވޭ ގޮތެއް ނުވިއެވެ.