ކުޅިވަރު

ފަހުވަގުތު އަބަމަޔާން ޖެހި ގޯލާއެކު އާސެނަލް އިން ގަދަ 16އަށް

ޔޫރޮޕާ ލީގުގެ ގަދަ 32 ގެ ދެވަނަ ލެގުގައި ރޭ އާސެނަލް އިން ބެނިފީކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި ކެޕްޓަން ޕިއޭ އެމްރިކް އަބަމަޔާން ޖެހި ގޯލާއެކު އެޓީމުން ގަދަ 16 ޔަގީން ކޮށްފިއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ދިމާވެ، މެޗުތައް ކުޅޭ ސްޓޭޑިއަމްތައް ޔޫރަޕުގެ މުބާރާތްތަކުގައި ގިނަ ފަހަރަށް ބަދަލުކުރަން ޖެހިފައިވާއިރު، ރޭގެ މެޗަކީ އާސެނަލް ހޯމް މެޗު ނަމަވެސް، މެޗު ކުޅެން ޖެހުނީ ގްރީސްގެ ޕިރާއޫސް، ކަރައިސްކަކީސް ސްޓޭޑިއަމްގައެވެ.

ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައި އޮތްއިރު، ރޭގެ މެޗަށް ނުކުތްއިރު އަވޭ ގޯލަކާއެކު ފައިދާ ކޮށްފައިއޮތީ އާސެނަލްއަށެވެ. ރޭގެ މެޗު 3-2ގެ ނަތީޖާއަކުން ނިމިފައިވާއިރު، އާސެނަލް ކެޓުމާ ދިމާއަށް ދަނިކޮށް، އެޓީމު ސަލާމަތް ކޮށްދިނީ ކެޕްޓަން އަބަމަޔާންއެވެ. މެޗުގެ 87 ވަނަ މިނެޓުގައި އަބަމަޔާން ގޯލް ޖެހި އިރު، އަވޭ ގޯލުގެ ފައިދާއިން ގަދަ 16އަށް ދާން އޮތީ ބެނިފީކާއެވެ.

މެޗު ފެށިގެން ފުރަތަމަ ގޯލު ވެސް އަބަމަޔާން ޖަހައިދިން އިރު، އާސެނަލްގެ ގޯލަށް މާގިނައިރެއް ނުވެ، ޑިއޭގޯ ގޮންކާލްސް ވަނީ ބެނިފީކާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލަކީ ހިލޭ ޖެހުމަކުން އޭނާ ޖެހި ގޯލެކެވެ. މެޗުގެ ދެވަނަ ހާފުގައި ސެބެލޯސްގެ ފަރާތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި ބެނިފީކާ އިން އަވޭ ދެ ގޯލާއެކު މެޗުގެ ލީޑު ނެގިއެވެ. ރަފާ ސިލްވާ ޖެހި އެގޯލާއެކު އާސެނަލްއަށް ދެ ގޯލް ޖަހަން މަޖުބޫރުވިއެވެ.

އާސެނަލް އިން ހިތްވަރު ކޮށް، ކީރެން ޓިއާނީގެ ގޯލާއެކު ނަތީޖާ ހަމަހަމަކޮށް، ފަހު ވަގުތު ބެނިފީކާ މާޔޫސް ކޮށްލިއެވެ.