ވަނުއާޓޫ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ، ދާ އަޅައިގެން މަސްވެރިކަން ކުރިކަމުގެ ތުހުމަތުގައި ޗައިނާގެ ދެ މަސްބޯޓެއްގެ ކެޕްޓަނުންނަށް ބޮޑު އަދަބެއް ދޭން ނިންމައިފި އެވެ.
އެ ދެ މަސްބޯޓު އަތުލައިގަތީ ވަނުއާޓޫގެ އުތުރުގައި އޮންނަ ހިއު އައިލެންޑްސް ކައިރީގައި މަސްވެރިކަން ކުރަން އުޅެނިކޮށް މިދިޔަ މަހުގެ ތެރޭގަ އެވެ. އެ ދެ ބޯޓުގައި 14 އޮފިސަރުންނާއި ކުރޫން ތިބި އިރު، އެމީހުންނާ ސުވާލުކޮށް ދައުވާކުރުމުގެ ކުރިން 14 ދުވަސް ވަންދެން ކަރަންޓީނުގައި ބޭތިއްބި އެވެ.
އަދި އޭގެ ފަހުން މަހަކަށްވުރެ ގިނަ ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އެމީހުން ގައުމު ދޫކޮށް ފިލައިގެން ގޮސްދާނެތީ، ޕާސްޕޯޓު ހިފަހައްޓައި، ޕޯޓް ވިލާގައި ހުންނަ ހޮޓަލެއްގައި އެމީހުން ތިބީ ގޭ ބަންދުކޮށްފަ އެވެ.
މި ދެ ބޯޓުގައި ތިބި ހުރިހާ އެންމެންނަށް ވެސް ވަނުއާޓޫގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅި ނަމަވެސް، ދެ ކެޕްޓަނުންނަށް ވަނީ ޖަލު ހުކުމެއް އިއްވައި، ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އަދި ދޭނެ އަދަބެއް ކަނޑައަޅައިފައެއް ނުވެ އެވެ.
ވަނުއާޓޫ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބަޔަކަށް އެގައުމުން އަދަބެއްގެ ގޮތުގައި ގިނަވެގެން ފަސް އަހަރުގެ ޖަލު ހުކުމަކާއެކު 8.7 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެ އެވެ. އަދި ދާ އަޅައިގެން މަސްވެރިކަން ކުރާނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 4.4 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެ އެވެ.
ވަނުއާޓޫގެ ދައުލަތުގެ ވަކީލުން ބުނާ ގޮތުގައި، ޗައިނާގެ އެ ދެ ބޯޓު އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަނުމަށްފަހު ވަނީ ސެޓަލައިޓް ނިއްވާލައިފަ އެވެ. އަދި ބޯޓުގައި ހަރުކޮށްފައި ހުރި ބައެއް މުހިންމު ޑިވައިސްތައް ހަލާކުކޮށްލާފައި ވުމުން، އެ އެއްޗެހިން މައުލޫމާތު އެއްކުރުމަށް އުނދަގޫތަކެއް އެބަހުރި ކަމަށް ބުންޏެވެ.