އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލަރޭޓިން ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ ރަށްތަކުގައި ގާއިމުކުރާ ސޯލާ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ސާވޭ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ހިޔާލު ހޯދުމުގެ މި ސާވޭ ކުރިއަށްގެންދާ ރަށްތަކަކީ، ލ. ގަން، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ އަދި ލ. މާވަށުގައެވެ. މި ރަށްތަކުގެ އިތުރުން ލ. ފޮނަދޫ އަދި ދަނބިދޫގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ޔަގީންވުމުން މި ދެރަށުގައިވެސް ސާވޭ ކުރިއަށްގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެރައިސް މަޝްރޫއުގެ ސާވޭގައި މައިގަނޑު އެއް ބޭނުމަކީ ލާމު އަތޮޅުގެ ރަށްތަކުގައި ގާއިމުކުރާ ސޯލާ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާއި އަދި އެ ނިޒާމު ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާ ބެހޭގޮތުން އެރަށްތަކުގެ ރަށްވެހިން ދެކޭގޮތާއި އަދި އެ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މަޝްރޫއު ރާވައި ހިންގުން ކަމަށެވެ. އަދި މި ސާވޭގެ ފޯމުގައި މަޝްރޫއު ކުރިއަށްދާ ރަށްރަށުގައި މަޝްރޫއު ކުރިއަށްދާނެ ގޮތާއި ސޯލާ ހަކަތައިގެ ނިޒާމު ހުންނާނެ ގޮތާއި މަސައްކަތުގައި ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ މުއްދަތު ބަޔާންކޮށްފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މި ސާވޭގައި އެއްކުރެވޭ މައުލޫމާތުތައް ހަމައެކަނި ބޭނުންކުރާނީ ދިރާސާގެ ބޭނުމުގައި އެކަނި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެރައިސް މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ބޭނުންކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މަޝްރޫއަށް ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑާ) އިން 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށާއި އަދި ކްލީން ޓެކްނޮލޮޖީ ފަންޑް (ސީޓީއެފް) އިން 23 މިލިއަން ޑޮލަރުގެ ލޯނުވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ސީ.ޓީ.އެފުން ވަނީ ހަތް މިލިއަން ޑޮލަރުގެ ހިލޭ އެހީ މި މަޝްރޫއަށް ހަމަޖައްސާފައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެރައިޒް މަޝްރޫއަށް އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރުގެ އެހީ ހަމަޖެހިފައިވާއިރު މި މަޝްރޫއުގެ 45 މިލިއަން ޑޮލަރު ހަމަޖެހެނީ ހަކަތައިގެ ދާއިރާގެ ޕްރައިވެޓް އިންވެސްޓްމަންޓްތަކުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.