އަލަތު ކައިވެނީގެ ވަލީމާ (ކައިވެނިކުރާތަން) ހިލޭ ބާއްވާނެ ޖާގަ ހަމަޖައްސައި ދިނުމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މާލެ ސިޓީގައި އަލަތު ކައިވެނިގެ ވަލީމާތަކަށް ހިލޭ ޖާގަދިނުމަށް ނިންމުމަކީ މޭޔާ އާދަމް އާޒީމްގެ ކެންޕެއިން ވައުދެކެވެ.

މާލެ ސިޓީކައުންސިލުން މި މަޝްވަރާ ކުރިޔަށް ގެންދިޔައީ މިއަދު ބޭއްވި ސިޓީ ކައުންސިލްގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށްފަހު ވީހާ ވެސް އަވަހަކަށް އެ އުސޫލު އާންމުކޮށް، އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، މި ކަމަކީ މޭޔަރު އާދަމް އާޒިމްގެ ވައުދުފުޅަކަށް ވާތީ، ވީހައި ވެސް އަވަހަށް މިކަން ނިންމަން ބޭނުންފުޅުވާ ކަމަށެވެ.

"މި ކަމުގައި ވީހައި ވެސް އަވަހަށް، އުސޫލެއް ހަމަޖައްސައި، ޒުވާނުންނަށް މި ފުރުސަތު ލިބޭނެ މަގެއް ފަހިވުމަކީ، އަޅުގަނޑުމެން ބޭނުންވާ ގޮތް،" ލަބާން ވިދާޅުވިއެވެ.

ލަބާންގެ ވާހަކަފުޅަށް ތާއީދު ކުރައްވަމުން، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވީ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެ ކަމަކަށް، މުޅި ކައުންސިލްގެ އެއްބާރުލުން އޮންނާނެ ކަމެއް ކަމަށެވެ. މި ފުރުސަތުގެ މަގުސަދަކީ ކައިވެނި ކުރާ ޒުވާނުންނަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުމެވެ.

ބަޖެޓާ ގުޅުން ހުރި ކަމަކަށް ވާތީ މޭޔަރު އާޒިމް ވަނީ، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުއްވާފައެވެ. އޭގެ އިތުރުން ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން، ދެ ފަރާތުން ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށް ވެސް ވަނީ ފާސްކޮށްފަޢެވެ.

އެ މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް އެކަން ތާވަލުކުރުމަށް ނިންމާފައިވާ ކަމަށާއި އެ އިންތިޒާމު ހަމަޖެހުމުން، މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މާލެ ކައުންސިލުން އުންމީދު ކުރާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

އަލަތު ކައިވެނިކުރާ މީހުންނަށް ހިލޭ ޖާގަ ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވާއިރު، ކައިވެނީގެ ހަފުލާތަކަށް އެ ކައުންސިލަށް ބޮޑު އާމްދަނީއެއް މިހާރުވެސް ދަނީ ލިބެމުންނެވެ. އެއީ މާލޭގައި އެންމެ ގިނަ ކައިވެނީގެ ހަފުލާތައް ބާއްވާ ލޮނުޒިޔާރަތް ޕާކު ކުއްޔަށްދީގެންނެވެ.