ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ ގޮތާއި ބޭރުން ފައިސާ ގެނެވޭ ހިދުމަތުގެ ތަފްސީލު ހާމަކޮށްފިއެވެ.

މި ހިދުމަތާ އެކު އަމިއްލަ "އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު" (IBAN) އެއް ހިމެނޭ އިންޓަނޭޝަނަލް އެކައުންޓެއް ހުޅުވައި، ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގުފަހި ވެގެންދާނެއެވެ.

ބީއެމްއެލުން ބުނީ އިންޓަނޭޝަނަލް އެކައުންޓްގެ ހިދުމަތް ލިބޭނީ ޑޮލަރު، ޔޫރޯ އަދި ޕައުންޑްއިން ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ތަފާތު ފައިސާއިން މުއާމަލާތް ކުރުމަށް ލިބޭ ބޮޑު ލުޔެއް ކަމަށާއި ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާ އެކު، ވަގުތުން ކަސްޓަމަރުގެ "ސްވައިޕް" ވޮލެޓަށް އެ ފައިސާ ޖަމާވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފާތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެކަމުގެ ސަބަބުން ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ވިޔަފާރިވެރިން އަދި ބޭރުގެ ބައިވެރިންނާއެކު މުއާމަލާތްކުރާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

"އަދި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ. މިއީ 'ސްވައިޕް' އަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތަކާއި އީޖާދީ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް". ޝަރީފް ވިދާޅުވިއެވެ.

މި އަހަރުގެ ކުރީކޮޅު ރަސްމީކޮށް ތައާރަފު ކުރި "ސްވައިޕް" ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ މައްޗަށް އަރައިފައެވެ. އަދި 3,300 އަށްވުރެ ގިނަ މާޗަންޓުން މިހާރުވެސް މި ހިދުމަތް ބޭނުން ކުރަމުންދާ އިރު، މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ހިދުމަތެވެ.