ހަޤީޤަތާ ކުރިމަތިލާން ނާލާއަށް ވަގުތު ބޭނުން ވިއެވެ. ފުރަތަމަ އޭނައަށް ހީކުރެވުނީ އެއީ ބިރުވެރި ސަމާސާއެއް ކަމަކަށެވެ. ބާރު ބާރަށް ހޭން ބޭނުން ވިއެވެ. އޭރުން އެސަމާސާއަށް ނިމުމެއް އަތުވެދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ވަށައިގެން އޮތް އުދާސްކަމުގެ މާހައުލުން ހަޤީޤަތާ ކުރިމަތިލާން އޭނައަށް މަޖުބޫރުވެއްޖެއެވެ. ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކާ މެދު ނާލާއަށް ވިސްނައިލެވުނެވެ. އޭނަގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ޖިސްމު ބަލިކަށިވެފައިވާ ސަބަބު އޭނައަށް ހޯދައިގަނެވުނެވެ. މަންމަގެ ދެލޮލުގައިވާ ނާއުއްމީދުގެ ކުލަވަރުތައް ދޭހަ ކުރެވުނެވެ. ބައްޕަގެ މޫނުން ފެންނަ މޮޅިވެރިކަމެވެ. ކޮއްކޮގެ މިޖާޒާއަށް އައިސްފައިވި ކުއްލި ބަދަލުތަކެވެ. އެކަންތަކުން ހަނާއަޅަމުން ދިޔަ ހަޤީޤަތަށް ލޯހުޅުވާލެވުމުން ނާލާގެ ހިތުގައި ވޭން އަޅަން ފެށިއެވެ.
''ކީއްވެ؟...'' ނާލާއަށް އިހުސާސްކުރެވުނީ ތޫނު ރިހުމެކެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ ރިހުން ޖިސްމަށް ފޭދުނީ ބިރުވެރިކަމުގެ ރާޅުބާނީތަކާއެކުގައެވެ. މުޅި ނަފުސަށް ސިހުން ގެނުވާފައެވެ. މީހާއަށް ހުއްޓުމެއް ގެނުވައިފިއެވެ.
މަންޒަރުތައް ފުސްވެގެން ދިޔައީ ލޮލަށް ޖަމާވި ކަރުނަތަކުންނެވެ. ނާލާގެ ދުލުން ވޭނީ އާހެއްގެ އަޑު ބޭރުވިއެވެ. އަސަރާއެކު އޭނައަށް ލޯމަރާލެވުނެވެ. އެސްފިޔަތަކަށް ބަރުވެފައިވި ކަރުނަތަކުން ކޯތާފަތުގައި ރޮނގުދަމާލީ ދެނެވެ. މެޔަށް ބާރުވާން ފެށުމުން މޭގައި ވެސް ފިރުމާލެވުނެވެ. ވަށައިގެން އޮތް މާހައުލު އެނބުރެން ފެށިކަމުގެ އިހުސާސް ވެސް ކުރެވުނެވެ. މުޅި ދުނިޔެ އޭނައަށް ހިމޭން ވެއްޖެއެވެ. ހިތުގެ ކޮންމެ ވިންދެއްގައި އެކުލެވިގެންވަނީ ބިރުވެރިކަމާއި ސިހުމެވެ. ނުރައްކާތެރިކަމުގެ ރަނގަބީލުތަކުން ކަންފަތުގެ ތޫރި ފޫއަޅުވާލައިފިއެވެ.
''ދަރިފުޅާ...'' ނަދީމާއަށް ކެތެއް ނުކުރެވުނެވެ. ނާލާގެ މަގަތުގައި ނަދީމާއަށް އިށީނދެވުނެވެ. އަދި ނާލާ ގެނެސް މޭގައި ޖައްސައިލިއެވެ. ހިތުގައި ޖެހި ނާލާ ރޮމުން ދިޔަ މަންޒަރުން ނަދީމާގެ ނަފުސު ބަލިކަށިކޮށްލައިފިއެވެ. ދަރިފުޅުގެ ހިތާމަތަކާއި ނުތަނަވަސްކަމަށް ނިމުމެއް ގެންނާނެ ގޮތެއް ނުވިސްނި މުޅި މީހާ ގޮތްހުސްވިއެވެ. މުޅި ހަޔާތުގައި ވެސް އެފަދަ ނިކަމެތިކަމެއް އިހުސާސްކުރެވުނު ހަނދާނެއް ނުވެއެވެ. ދުނިޔޭގެ ހިތާމަތަކުން ދަރިފުޅަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކުރިމަތިލާން ޖެހިފައިވަނީ ނާކާމިޔާބުގެ ހިތިކަމާއެވެ. ހާދަ ދެރައެވެ.
''މަންމާ...'' ނާލާގެ އަޑުގައި ވަނީ ވޭނާއި ރިހުމެވެ. ބާރުބާރަށް ނާލާއަށް ރޮވިއްޖެއެވެ. ހަޔާތަށް އުއްމީދެއް ލިބިދާނެކަމަށް އޭނައަށް ހީކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އުފާވެރިކަން އޭނައަށް ހައްޤުވެދާނެޔޭ ހީކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔެއަކީ ކެހިވެރި ތަނެއްކަން ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާލެވުނީ ކީއްވެގެން ހެއްޔެވެ؟ ދިރިއުޅުން އާރާސްތުކުރަން ކުރި ހުރިހާ އުއްމީދެއް ހިނދުކޮޅެއްގެ ތެރޭގައި ބިލާހަކަށް ވެގެން ހިނގައްޖެއެވެ. ހަޔާތަށް އިތުރު އަނދިރިކަމެއް ގެނެސްދެމުންނެވެ. ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ގަންބާލުމަށްފަހުގައެވެ.
ހިތުގެ ބިރުވެރިކަމާ އޭނަ ކުރިމަތީލާނީ ކިހިނެއް ހެއްޔެވެ؟ ކެންސަރުގެ ވޭނާއި ރިހުން އޭނައަށް ލޯކުރިމަތިން ވަނީ ފެނިފައެވެ. އެބަލީގެ ތަކުލީފު އުފުލި އެތައް ބަލިމީހުންނަށް އުއްމީދެއް ގެނެސްދެވޭތޯ އޭނަ ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. ޢާއިލާގެ ދިލަ ހިތްތަކަށް ފިނިކަމެއް ގެނެސްދެވޭތޯ ވެސް ބެލިއެވެ. ނަމަވެސް މިއަދު ޚުދު އޭނައަށް އެވަނީ އެވޭން ތަހައްމަލުކުރަން ޖެހިފައެވެ. ކަޅު ވިލާގަނޑެއްގެ ސިފައިގައި އައިސް އޭނަގެ ހަޔާތް ބަނަކޮށްލުމުން އިހުސާސް ކުރެވެން ފެށުނީ ބިރުވެރިކަމެވެ. ނުތަނަވަސްކަމެވެ. ފުރަތަމަ ވެސް ޚިޔާލަށް ގެނެވުނީ ލޯބިވާ ފަރާތްތަކަށް ވެދާނެ ގޮތެކެވެ. ކެންސަރާ އޭނަ ހަނގުރާމަކޮށް ބަލިކަށިވެގެން ދާ ހިނދު މަންމައާއި ބައްޕަގެ ހިތަށް ލިބޭނެ ވޭނެވެ. ހިތްދަތިކަމެވެ. އޮހޮރިގެންދާނެ ކަރުނަތަކެވެ. ކޮއްކޮއަށް ލިބޭނެ މާޔޫސްކަމެވެ. އެކަނިވެރިކަމެވެ. ސިކުނޑި ގަބުވެފައިވި ވަގުތުގައި ވެސް ނާލާއަށް ވިސްނާލެވުނީ އެކަމާއެވެ. ކެންސަރުގެ ބިރަށް ވުރެން ޢާއިލާއަށް ލިބޭނެ އުދާސްކަމުން ނޭވާ ހާސްކުރުވައިފިއެވެ. ކެންސަރުގެ ވޭންދެނެވި ހަނގުރާމައިގައި ނާކާމިޔާބުވެ، ދުނިޔެއާ ވަކިވާން ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ލޯބިވާ ފާރަތްތަކާއި ކުއްލިއަކަށް ވަކިވާން ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ އެތައް މަންޒަރެއް އޭނަ ވަނީ ގާތުން ދެކެފައެވެ. ޢާއިލާތަކަށް ވެގެންދާ ގޮތެވެ. އެހިތްދަތި މަންޒަރުތައް ލޯކުރިމަތިން ނިއުޅެން ފެށިއެވެ. މީހާއަށް ސިހުން ގެނުވަމުންނެވެ. އެހާލަތު އޭނައަށް ކުރިމަތިވެދާނެކަން ކުޑަކޮށް ވެސް ޚިޔާލަށް ގެނުވިފައި ނެތެވެ.
''ދަރިފުޅާ، ނުރޮއި، އިރާދަކުރެއްވިއްޔާ ނިކަން އަވަހަށް ދަރިފުޅަށް ޝިފާ ލިބޭނެ...'' ނާލާގެ ބުރަކަށީގައި ލޯތްބާއެކު ނަދީމާއަށް ފިރުމާލެވުނެވެ. އޭނައަށް ވެސް ރޮވިއްޖެއެވެ. އެތެރެއަށް ނޭފަތް ދަމާލަމުން ކަރުނަތައް އަމިއްލަ އިހުތިޔާރުގެ ދަށަށް ގެނެވޭތޯ މަސައްކަތްކުރިއެވެ.
''ކުޑާ...'' ލުޔޫންއަށް ވެސް ދުރުގައި ނުހުރެވުނެވެ. އޭނަ ވެސް އައިސް ނާލާގެ ގައިގައި އޮޅުލައިގަތެވެ.
ނާލާގެ ގިސްލުންތަކަށް ނިމުމެއް އަންނަ ގޮތެއް ނުވިއެވެ. ހިނދަށްހިނދަކަށް އަޑު ވަނީ ބާރެވެ. ހިތުގެ ވޭނާއި ތަކުލީފު ބަޔާންކޮށްދެއެވެ. އެމަންޒަރު ދެކެން ބިލާލްއަށް ވެސް ކެތެއް ނުކުރެވުނެވެ. އެދެލޮލުން ވެސް ކަރުނަ ހިލުނެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެހިނދު މާތްﷲއަށް ދުޢާ ދެންނެވުނެވެ. އެއަނދިރި ދުވަސްތަކަށް ފަހު އުޖާލާ ފަތިހަކަށް އަލިވިލިގެން ދިއުމުގެ ނަސީބު ދެއްވުމަށް އެދިއެވެ. ކުރިމަތިވެފައި އޮތް އިމްތިހާނާ ކުރިމަތިލުމަށް ނާލާއަށް ހިތްވަރުދެއްވުމަށް އެދި ވެސް ދެންނެވުނެވެ.
*****
ނާލާ ހަމައަކަށް އެޅެން އެތައް އިރެއް ނެގިއެވެ. ރޮއިރޮއި ދެލޮލުން ކަރުނަ ހުސްވެއްޖެއެވެ. މީހާ އޮތީ ވަރުބަލިވެފައެވެ. އެނދުގައި އޮށޯވެލައިގެން އޮތް އިރުގައި އެމޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ދެލޮލުގައި ވަނީ ހިމޭންކަމެވެ.
ނާލާގެ އަތުގައި ހިފަހައްޓައިގެން ނަދީމާ އިނެވެ. ކެތްތެރިކަމާ އެކު އިންތިޒާރުކުރަމުން އައީ ދަރިފުޅު އޭނައާ ވާހަކަދައްކާނެ އިރަކަށެވެ. ބިލާލް ހުރީ ނަދީމާގެ ފަހަތުގައެވެ. ލުޔޫން ވެސް އެނދުކައިރީ ހުއްޓެވެ. ނާލާގެ ފަރާތުން އިޝާރަތެއް ވެދާނެކަމުގެ އުއްމީދުގައެވެ.
ނާލާގެ ހިމޭންކަމުން ކޮންމެ ހިތަކަށް ވެސް ލިބިފައިވަނީ ހާސްކަމެވެ. ނާލާގެ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތަކުގެ ހިލަމެއް ނުވާތީއެވެ. އެހިތުގެ އުދާސްތަކާއި ބިރުވެރިކަން ހިއްސާކުރަން ކޮންމެ މީހަކު ވެސް އެދެމުން ދިޔަ މިންވަރު މޫނުމަތިން ހާމަކޮށްދެއެވެ.
ހިމޭންކަން އިހުތިޔާރުކުރުމަށް ވުރެން، ހަޤީޤަތް ސިއްރުކުމުން ރުޅި އިސްކޮށް އަޑުލުން ވެސް މާ ރަނގަޅޭ ނަދީމާގެ ހިތަށް އެރިއެވެ. ނަމަވެސް އިތުރަށް ކަންބޮޑުކޮށްލީ ނާލާގެ ކުއްލި ހިމޭންކަމުންނެވެ. ބިރުވެރިކަމުގެ ސިގްނަލެއް ފަދައެވެ.
''ނާލާ...'' ކުރެހިފައިވާ އަޑަކުން ނަދީމާ ގޮވާލިއެވެ. އަދި މަޑުމަޑުން ނާލާގެ އަތުގައި ފިރުމާލިއެވެ.
''ކީއްވެ ސިއްރުކުރީ؟......'' އެތައް މިނެޓަކަށް ދެމިގެން ދިޔަ ހިމޭންކަމުގެ ސުކޫތަށް ފަހު ނާލާ ސުވާލުކޮށްލިއެވެ. އެއްވެސް މީހަކާއި ހަތަރުކަޅި ހަމަކުރުމެއް ނެތިއެވެ. ނާލާގެ ނަޒަރު ހުއްޓިފައި ވަނީ ހުޅުވާލެވިފައިވި ކުޑަދޮރަށެވެ. އެދިމާއަށް ބަލައިގެން އޮތްނަތާ ވެސް އެތައް އިރެއް ވެއްޖެއެވެ. އެންމެފަހުން ލޮލަށް ބާރުކުރަން ވެސް ފެށިއެވެ.
''މަންމަ ބިރުގަތީ، ދަރިފުޅަށް ވެދާނެ ގޮތެއް ނޭނގި ފަސްޖެހުނީ، ބޭރަށް ދެވުމުން މަންމަ ހުރިހާ ވާހަކައެއް ބުނަން ބޭނުންވީ...'' ނަދީމާގެ ހިތުގައި ޖެހުނެވެ. ހަޤީޤަތް އެނގުމުގެ ހައްޤު ނާލާއަށް ލިބިގެން ވެއެވެ. ނަމަވެސް ސިއްރުކުރަން ޖެހުނީ ނާލާއަށް ވެދާނެ ގޮތަކާ މެދު ހިތުގައި އުފެދިފައި އޮތް ނުތަނަވަސްކަމާ ހެދިއެވެ. މިއަދު ލޯކުރިމަތިން ނިއުޅެމުން އެދަނީ އޭނަ ބިރުގަތް ދުވަސްތަކެވެ.
ނާލާއަށް ތުންފިއްތާލެވުނެވެ. ހިތް ފިސްފިސްވަމުން ދިޔަ ކަހަލައެވެ. މަންމަގެ އަޑުން އެކަނި ވެސް އެހިތުގައި ވިންދުޖަހަމުން ދިޔަ ބިރުވެރިކަން ނާލާއަށް އިހުސާސްކުރެވުނެވެ. ޢާއިލާގެ ހައްގުގައި ދިރިއުޅުން އާރާސްތުކުރަން ބޭނުންވި ހިނދު މިވީ ކިހިނެއް ހެއްޔެވެ؟ ހިތުގެ މަންޒިލް އޮޔާލާ ދިޔައީ ކީއްވެ ހެއްޔެވެ؟
އިތުރަށް ނާލާއަށް ވާހަކައެއް ނުދެއްކުނެވެ. އަރުބެދޭ ގޮތް ވާތީއެވެ. ތަޤުދީރުގެ ނިޔާއާ މެދު ރުޅި އިސްކޮށް ހަޅޭއްލަވައި ހަޤީޤަތަށް އިންކާރުކުރުމުން، މަންޒަރު ބަދަލުވާނެ ހެއްޔެވެ؟ އަޑުގެ ކޮޅަށް ރުޔަސް އޭނަ އެވަނީ ބަލި މީހަކަށް ވެފައެވެ. އެހަޤީޤަތާ ކުރިމަތިލުން ނޫން ގޮތެއް އޭނައަކަށް ނެތެވެ. ހިތް ބިރުގަންނަނީ ކުރިއަށް ވެދާނެ ގޮތެއް ނޭނގޭތީއެވެ. ކެންސަރުގެ މައްޗަށް ކާމިޔާބު ލިބިދާނެ ހެއްޔެވެ؟ ނޫނީ އެހެނިހެން މީހުން ފަދައިން ކެންސަރުގެ ކުރިމަތީގައި ބަލިކަށިވެ މިފަނާވަނިވި ދުނިޔެއަށް ޢަލްވަދާއު ކިޔަން ޖެހޭނީ ހެއްޔެވެ؟ އެދުވަހަކުން ލޯބިވާ ޢާއިލާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ކުއްލި ވަކިވުމުން އަރައިގަނެވޭނެ ހެއްޔެވެ؟ މަންމައަށް އެހަޤީޤަތާއި ކުރިމަތިލެވޭނެ ހެއްޔެވެ؟
ނާލާއަށް ލޯމަރާލެވުނެވެ. އުދާހުން ފުރިގެންވި ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ސިކުނޑިއަށް ލުޔެއް ހޯދައިދޭން ބޭނުން ވިއެވެ. ނަމަވެސް މުޅި ނަފުސަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ.
ނާލާއަށް ބަލަން އިން ނަދީމާގެ ލޯ ފުރެން ފެށިއެވެ. ސިހިގެން ދިޔައީ އޭނަގެ ކޮނޑުގައި ބިލާލް އަތް ބާއްވާލުމުންނެވެ. ހިތްވަރުކުރަން ބޭނުން ވިޔަސް، ނަދީމާއަށް އޭނަގެ ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ރޮވޭ ގޮތްވުމުން އެންމެފަހުން ޖެހުނީ ބިލާލްއާއެކު ކޮޓަރިން ނިކުންނާށެވެ.
*****
''ނަދީމާ، އަހަރުމެން ޖެހޭނެ ހިތްވަރުކުރަން، ނާލާ އެހުރީ ވަރަށް ނާޒުކު ހާލަތެއްގަ، އަހަރުމެން ކަރުނައަޅައި ރޮންޏާ ނާލާއަށް އިތުރު ހާސްކަމެއް ލިބޭނީ، ދެން މީގެ ފަހުން ނަފުސު ބަލިކަށިވުމުގެ ފުރުސަތު ދީގެން ނުވާނެ، ހިތްވަރާއެކު މިކަމާ ކުރިމަތިލާން ވާނެ...'' އިސްޖެހިފައި އިން ނަދީމާ ގެނެސް މޭގައި ޖައްސާލަމުން ބިލާލް ބުންޏެވެ. އަނބިމީހާގެ ދިލަ ހިތަށް ފިނިކަމެއް ގެނެސްދޭނެ ގޮތަކާ މެދު ބިލާލްއަށް ވިސްނާލެވުނެވެ.
''ހިތްވަރުކުރަން ބޭނުން... އެކަމަކު...'' ނަދީމާގެ ލޮލުން ކަރުނަތައް ނީރާލިއެވެ.
''އިނގޭ މީ އުނދަގޫ ވަގުތެއްކަން، އެކަމަކު ވެސް އަހަރުމެން ދެއްކި ހިތްވަރަކުން ނާލާއަށް އުއްމީދެއް ލިބޭނީ...'' ބިލާލް ބުންޏެވެ.
''އަހަރެން ކެތްތެރިވާނަން...'' ބިލާލްއާ ދުރަށް ޖެހިލަމުން ނަދީމާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ބިލާލްގެ މޫނަށް ބަލައިލިއެވެ.
ނަދީމާއަށް ބަލައިލަމުން ބިލާލް ބޯޖަހާލިއެވެ.
''މަންމާ... އައިމް ސޮރީ...'' އިވިގެން ދިޔައީ ލުޔޫންގެ އަޑެވެ. ބިލާލްގެ ދެމަފިރިންނަށް ވެސް ފަސްއެނބުރި ބަލައިލެވުނެވެ. ލުޔޫން ހުރީ އިސްޖެހިފައެވެ. އޭނަގެ ދުލުން ހަޤީޤަތް ހާމަވުމުން އެކަމުގެ މޮޅިވެރިކަން މޫނުމަތިން ރަމްޒުކޮށްދެއެވެ.
''ދަރިފުޅާ... މިހެން ވާން އޮތީމަ ހަޤީޤަތް ހާމަވީ، އެކަމުގައި މަންމަ ދަރިފުޅު ކުށްވެރިއެއް ނުކުރާނަން، ވެދިޔަ ކަންތަކާ މެދު ވިސްނާނެ ކަމެއް ނެތް، އަހަރުމެން ވީ މުސްތަޤުބަލާ ކުރިމަތިލާން...'' ލުޔޫންގެ ކުރިމައްޗަށް ހުއްޓިލަމުން ނަދީމާ ވާހަކަދެއްކިއެވެ. އުއްމީދާއެކުގައެވެ.
*****
ޖެހިގެން އައި ދުވަހު ފުރުމުގެ ކަންތައް ހަމަޖެއްސުމުގައި ބިލާލް އުޅުނީ ބުރަކޮށެވެ. ނަދީމާ ބޭނުންވީ އެންމެ ދުވަހެއް ވެސް ނަގާނުލައި ނާލާ ގޮވައިގެން ދާށެވެ. މާލޭގެ ފަސްގަނޑުގައި ހުރެގެން ނާލާގެ ހިތާމަތައް އިތުރުވުން ނޫންކަމެއް ނުވާނެކަން އޭނައަށް ޔަޤީންވާތީއެވެ. މާހައުލު ބަދަލުވުމުން ނާލާގެ ހިތަށް ވެސް އުއްމީދެއް ލިބިދާނެތީއެވެ. ހަމައެއާއެކު ރަނގަޅު ފަރުވާއެއް ލިބުމުން ނާލާގެ ހިތަށް ދިރުމެއް ލިބިދާނެކަމުގެ އުއްމީދުތައް ވެސް ހިތުގައި ވިއެވެ.
ސަކީނާއަށް ވެސް ނާލާގެ ޚަބަރު ލިބުމުން ވަގުތުން ބައްދަލުކުރަން އައެވެ. ފުރުމުގެ ކުރިން ނާލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުން އެއީ ސަކީނާއަށް ލިބިގެންވާ ހައްޤެއްކަމުގައި ނަދީމާ ދެކުނެވެ. ނާލާގެ ހާލަތު އެންގީ ވެސް އެހެންވެއެވެ. ސަކީނާގެ ހިތުގެ ސާފުކަން އިހުސާސްކުރެވިފައިވީތީއެވެ. އެހިތް އަބަދުމެ އެދޭނީ ނާލާއަށް ހެޔޮގޮތްވުމަށެވެ. މިވަގުތު ނާލާއަށް އެންމެ ބޭނުންވަނީ ވެސް ހެޔޮ އެދޭ ފަރާތްތަކުގެ ދުޢާއެވެ.
ސަކީނާގެ މޫނުމަތިން ވެސް ފެނުނީ ހިތްދަތިކަމެވެ. ހިތާމަޔަކަށްފަހު ހިތާމައެއް ނާލާއަށް ލިބެމުން ދިޔަ މަންޒަރު ދެކެން ކެތެއް ނުކުރެވުނެވެ. ނާލާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އެފަކީރަށް ހަމަޖެހުމުގެ ނާވާއެއް ލިބުމެއް ވެސް ހަމަ ނެތީ ހެއްޔެވެ؟ މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ؟ އިންސާފުވެރިކަމެއް ނެތް ތަނެކެވެ.
''ދަރިފުޅު ކެތްތެރިވާން ޖެހޭނެ... މަންމަ އެންމެ ދެކެން ބޭނުންވަނީ ދަރިފުޅު ރަނގަޅު ސިއްހަތެއްގައި އެނބުރި އަންނާނެ ދުވަސް، އެދުވަހަކަށް މަންމަ އިންތިޒާރުކުރާނަން، މަންމަގެ ހެޔޮ ދުޢާތައް އަބަދު ވެސް ދަރިފުޅާއެކުގައި ވާނެ...'' އެނދުގައި އޮތް ނާލާގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ސަކީނާ ވާހަކަދެއްކިއެވެ. ސަކީނާއާއެކުގައި ފާރޫޤު ވެސް ނާލާއަށް ޒިޔާރަތް ކުރިއެވެ. ނާލާގެ ހާލަތު ފެނި ރުހައިމް ދެކެ ފާރޫޤު ރުޅިގަދަވިއެވެ. ނާލާއަށް މިއަދު ދިމާވެފައި އޮތް ހާލަތުގެ ފުރިހަމަ ޒިންމާ ރުހައިމް ނަގަން ޖެހޭނެކަމުގައި އޭނަ ޤަބޫލުކުރިއެވެ.
ނާލާގެ ފަރާތުން ފެނުނީ ހަމަހިމޭންކަމެވެ. ބަސްމަދުވެ ޚިޔާލަކަށް ގެއްލިފައި އޮތެވެ. ދެލޮލުގައި ދިރުމެއް ވެސް ނެތެވެ.
ކުރިއަށް ވުރެން ނާލާގެ ހާލަތު ގޯސްވެއްޖެކަން ސަކީނާއަށް ނަގައިގަނެވުނެވެ. މޮޅިވެރިކަމުން ފުރިގެންވި ނަޒަރެއް ނަދީމާއަށް ދިނެވެ. ނަދީމާގެ ހިތަށް ކުރާނެ ފުން އަސަރުތައް ސަކީނާއަށް އިހުސާސް ކުރެވުނެވެ.
''މަންމަ ދަރިފުޅަށް ގަވައިދުން ގުޅާނަން... ދަރިފުޅު ހިތްވަރުދެރަނުކުރައްޗޭ...'' ނާލާއަށް ބަލައިލަމުން ސަކީނާ ބުންޏެވެ. ދެންވެސް ނާލާގެ ފަރާތުން އިޝާރާތެއް ނުފެނުނެވެ. ނާލާ ވާހަކަދައްކާނެ ކަމުގެ އުއްމީދުގައި އެތައް އިރެއް ވަންދެން ސަކީނާ މަޑުކުރިއެވެ. އިންތިޒާރުގެ ވަގުތު ދިގުލައިގެން ގޮސް އެންމެފަހުން އަމާން ދީފައި އޭނައަށް މަޖުބޫރުވީ ދާށެވެ. އުދާސްކަމާއެކުގައެވެ. އެވަގުތު ރުހައިމް ނެތްކަމުގެ ފަޅުކަން ސަކީނާއަށް އިހުސާސްކުރެވުނެވެ. މިއަދު ނާލާގެ ގާތުގައި ރުހައިމް ހުރިނަމަ ނާލާގެ ހިތަށް ކުޑަމީސް ތަސައްލީއެއް ލިބުނީހޭ އޭނަގެ ހިތަށް އެރިއެވެ.
''އަހަރުމެންނަށް ލިބުނު ފިރިހެން ދަރިއަކާ ހެދި އެމަންޖެގެ މުޅި ދިރިއުޅުން ބަރުބާދުވެއްޖެ، ބިލާލްމެންގެ ހެޔޮކަމުން އަހަރުމެންނަށް އެމަންޖެއާ ބައްދަލުކުރުމުގެ ހުއްދަ ދިނީވެސް، އެމީހުންނާ ހަތަރުކަޅި ހަމަކޮށް ވާހަކަދައްކަން ވެސް ލަދުގަންނަވަރުކޮށްފަ އޭނަ ހުރީ... އެކަހަލަ ދަރިއަކު ލިބުނު ކަމީ އަހަރުމެންގެ ބަދުނަސީބު... އޭނަ ބޭނުން ގޮތަކަށް ދިރިއުޅުން ދުނިޔެ ހިތަކަށް ލިބިފައި އެއޮތީ، އެކަމަކު އެމަންޖެގެ މުޅި ދިރިއުޅުން ހިތްދަތިކަމުން ފުރިފައި، މިހާރު ބިރުވެރި ބައްޔަކާ އެކަނިމާއެކަނި ކުރިމަތިލާން ޖެހިފައި އެވަނީ...'' ހޮސްޕިޓަލުން ގެއަށް އާދެވުމާއެކު ފާރޫޤުގެ ހިތުގައި އޮތް ރުޅިވެރިކަން އިތުރަށް ވަންހަނާ ނުކުރެވުނެވެ. ނުރުހުމާއެކު ރުހައިމްއާ ދިމާއަށް ފަތިވަރު އަމުނާލިއެވެ.
ސަކީނާ ހުރީ އިސްޖެހިފައެވެ. ނާލާއާ މެދު ވިސްނި ހިތުގައި ވިންދުޖަހަން ފެށީ ބިރުވެރިކަމެވެ. ރުހައިމްއަށް ނާލާ އުޅެމުންދާ ދަތި ހާލުގެ ހިލަމެއް ވޭބާވައޭ ވެސް ހިތާ ސުވާލުކޮށްލެވުނެވެ.
*****
ނާލާގެ ބަލީގެ ޚަބަރު ފެތުރިގެން ދިއުމާއެކު ނަދީމާގެ އެކުވެރިން ނާލާއަށް ޒިޔާރަތްކުރިއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ނަދީމާއަށް ފެނުނީ ދެއްކުންތެރިކަމެވެ. ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް ނުފެނުނެވެ. ނާލާގެ ޚަބަރު ގާތުން ބަލައިލުމަށްވުރެން ވާހަކަ ހޯދަން އައިސް ތިބި މީހުންކަން އޭނަ ދެނަގަތެވެ. ކަޅުއަނދިރި ހިތްދަތަކުން ފުރިގެންވި އެކުވެރިން ތިބުމުން ނަދީމާ ދެރަވެސް ވިއެވެ. މިހުރިހާ ދުވަހު މިތުރުން ކަމުގައި ދެކެވުނީ އޭނައަށް ހެޔޮއެދޭ ބަޔެއް ނޫންކަން ރޭކާލިއެވެ. ވާހަކަތައް ހުރި ގޮތުން އެންމެ ފަހުން ނަދީމާއަށް ޖެހުނީ އެންމެން ކޮޓަރިން ނެރޭށެވެ. ކުއްލިޔަކަށް ރުހައިމްގެ ވާހަކަ ފަށައިގަތުމުން ނަދީމާ ހުރީ ރުޅި ވެސް ގަދަ ވެފައެވެ.
''އަޅޭ... ނާލާއަށް ހާދަ ދެރަގޮތަކޭ ދިމާވީ...'' ކޮޓަރިން ނެރުމުން ކޮންމެ މީހަކު ޒާތެއްގެ ބެލުމެއް އެކަކުއަނެކަކަށް ދެމުން ބުނެލިއެވެ. ''ހާދަ އުފަލުގައޭ ނާލާ އުޅުނީ... ނޭނގޭ ކާކުގެ އެސްފީނާކަމެއް ޖެހުނީއެއް ވެސް...''
''އިނގޭތަ؟... މިއުޅޭ ޝަމީމާގެ ދަރިފުޅު ވެސް ކެންސަރު ޖެހިގެން އިހަށް ދުވަހު މަރުވެއްޖެ... ނާލާއާ އެއް އުމުރެއްގެ ކުއްޖެއް އެއީ، ހަމަ ލޭގެ ކެންސަރު ޖެހުނީ ވެސް...''
''ނާހަމަ ތެދެއް؟... ކެންސަރު ޖެހުމުން ދެން ސަލާމަތެއް ވެވުމެއް ވެސް ނޯވެޔޭ... ގިނަ މީހުން ވަނީ މަރު...''
''ފަރުވާއެއް ވެސް އޮންނަ ބައްޔެއް ނޫން ވިއްޔާ... ދެން ނާލާއަށް ވާނީ ކިހިނެއްތަ؟...''
''ފަހުން ރުހައިމްގެ ޚަބަރެއް ނުވޭތަ؟... ނާލާއަށް އެވަރު ކަމެއް ދިމާވެގެން އުޅެއިރުގައި ބައްދަލުކޮށްލަން ވެސް ނާދޭދޯ؟... އަހަރުމެންނަށް އިވުނީ ތެދުވާހަކައެއްތާ މިވީ ގޮތުން، ޤަބޫލުކުރަން ވެސް ދަތިވިޔޭ، މީހުން ބުނެޔެއްނު ނުމޮށޭގުރާ ބާރަށްދައިގަންނާނެޔޭ، ހަމަ އެފަދައިން މިވީ، އެހާ ރަނގަޅު ފިރިޔަކު ނާލާއަށް ނުލިބޭނެ ކަމަށް ޔަޤީންކޮށްގެން ތިއްބާ ބޮޑު މަކުވެރިޔަކަށް އެވީ، ދެން އެމަންޖެއަށް ވާނީ ކިހިނެއްތަ؟ މުޅިން ބަދުނާމުވެސް ވެއްޖެ ރުހައިމްއަކާ ހެދި، އަލުން ދިރިއުޅުމެއް ފަށާނީ ކިހިނެއް...''
''ދިރިއުޅުމެއް ފެށޭނީ ފުރަތަމަ ކެންސަރުން ސަލާމަތް ވެގެންނެއް ނޫންތަ؟... ކެންސަރަކީ ފަރުވާއިން ރަނގަޅުވާނެކަމުގެ ޔަޤީންކަމެއް އޮތްނަ ބައްޔެއް ވެސް ނޫން...''
އެކުވެރިކަންގެ ވާހަކަތަކުން ނަދީމާގެ ބޮލަށް ވީ ތުރާލެކެވެ. ވަގުތުގެ ނާޒުކުކަމާ މެދު އެކަކު ވެސް ވިސްނާނުލިއެވެ. އެންމެ ކުޑަމިނުން ހިތްވަރުގެ ބަހެއް ވެސް ބުނެނުލިއެވެ. އިހުސާންތެރިކަމުގެ އަތެއް ވެސް ދިއްކޮށެއް ނުލިއެވެ. އެއީ އެކުވެރިން ހެއްޔެވެ؟ ނޫނީ ދުޝްމަނުންތަކެއް ހެއްޔެވެ؟
''އައިސްދިނީތީ ޝުކުރިއްޔާ، ދެން މީގެ ފަހުން ނަޔަސް އަހަންނަށް ރަނގަޅު، ތެދު ވާހަކައެއް ނޫނީ ނުފަތުރާނެކަމަށް ވެސް ހީކުރަން. މިބުނީ ތި މީހުންގެ އާދައެއްނު ރޯމަރުދޮގު ފެތުރުމަކީ......'' ނަދީމާ ރުންކުރު ވިއެވެ. ހިތްހަމަނުޖެހުމާއެކު ފުރަގަސް ދިނެވެ. އޭރު އެންމެން ތިބީ އަނގަސަކަރާތްވެފައެވެ.
''ހޫނ... އަދިވެސް ފޮނި ބޮޑުވެގެން އުޅޭނީ... ފިލާވަޅެއް ލިބުނުކަމަށް ވެސް ނުވިއޭ...'' ނަދީމާ ދިއުމުން ތުންއަނބުރާލަމުން ލޯވެސް ހަދާލައިފިއެވެ.
*****
އުފަން ފަސްގަނޑު ދޫކޮށް ބީރައްޓެހި ގައުމަކަށް ހިޖުރަކުރަންވުމުން ނާލާގެ ހިތަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ. ފުރަން އެއާރޕޯޓަށް ދިޔަ އިރުގައި ވެސް ނާލާ އިނީ މާޔޫސްވެފައެވެ. އެހިތުގައި ބޭޤަރާރުކަމެއް ވިއެވެ. ދެލޮލުގައި އުދާސްކަމުގެ ތެތްކަމެއް ވިއެވެ. ފުރުމުގެ ކުރިން ފަހު ފަހަރަށް ވިޔަސް ރުހައިމްގެ ސޫރަ ދެކިލަން އެހިތް އެދުނެވެ. ދެން އެނބުރި ވަޒަނަށް އާދެވޭނެކަމުގެ އުއްމީދެއް ވެސް އެހިތުގައި ނުވެއެވެ. އެޚިޔާލުތަކުން ވެސް އަމިއްލަ ނަފުސު ދެކެ ނާލާ ރުޅި އައެވެ. ރުހައިމްގެ ޚިޔާލުތަކުން ދުރުވާން ބޭނުން ވިއެވެ. އެއާއެކު ހިތަށް ލިބުނީ އިތުރު ވޭނެކެވެ. އެކަނިވެރިކަން އައިސް އޭނަ ހާސްކުރުވަން ފެށިއެވެ.
''ކީއްވެ އެޚިޔާލުތަކުން ދުރުނުވެވެނީ... ކީއްވެ؟... އަހަރެންގެ ހިތް ހަލާކުކުރި މީހާގެ މަތިން ހަނދާން ވަނީ ކީއްވެތަ؟... ކީއްވެ އަދިވެސް މިހިތުގައި ރިއްސަނީ؟... މިހިތުގެ އިހުސާސްތައް ދުވަހަކު ބަދަލުވާނެތަ؟... މަރުވެގެން ދާނީ ވެސް މިހާލުގައިތަ؟... އަހަރެންގެ ނަސީބުގައި މި ނޫން ދުވަހެއް ހަމަ ނެތީތަ؟...'' ނާލާގެ ހިތުގައި ލޭކޮށިގެން ދިޔަ އެވެ. މާޔޫސްކަމާއެކު އޭނައަށް އިސްޖަހާލެވުނެވެ. އައު ހަޔާތެއް އޭނައަށް ހާސިލްކުރެވިދާނެ ހެއްޔެވެ؟
*****
ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދިޔަ އެވެ. ނާލާއަށް އަދި ވެސް މެލޭޝިޔާގެ މާހައުލަށް ހޭނޭ ގޮތެއް ނުވިއެވެ. ގޭގައި މަޑުކުރަން ޖެހޭ ދުވަސްތަކަށް ވުރެން ގިނައީ ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭ ދުވަސްތަކެވެ. ދާއިމީ ބަލި މީހަކަށް ވެއްޖެކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. ހިތަށް މޮޅިވެރިކަން ގެނެސްދެމުންނެވެ. ކެންސަރަށް ބޭސްކުރަން ފެށުމުން މީހާ ހުންނަނީ އަބަދު ރުޅިގަދަވެފައެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. އިހުސާސްތައް ބަޔާންކުރާނެ ގޮތެއް ނޭނގި މީހާ ހުންނަނީ ދުނިޔެ މަތިން ފޫހިވެފައެވެ. އެއްވެސް ކަމަކަށް ޝައުޤުވެރިކަމެއް ނުހުރެއެވެ. ހިމޭންކަމަށް އިހުނަށްވުރެން ލޯބިކުރެވެން ފެށުނެވެ. މާޔޫސްކަމުގެ ފުން ކަނޑަކަށް އޭނަ ގެނބެމުންދާކަމުގެ އިހުސާސް ކުރެވުނެވެ.
ކީމޯތެރެޕީ ދޭން ފެށުމުން ނާލާގެ ހަށިގަނޑު އިހުނަށްވުރެން ބަލިކަށިވާން ފެށިއެވެ. ކޮޅަށް ހުންނާނެ ހަކަތައެއް ވެސް ހަށިގަނޑުގައި ނުހުރެއެވެ. ހަންގަނޑު ކުރަކިވާން ފެށިއެވެ. މޫނުގެ ދިރުން ގެއްލި ހުދުވެއްޖެއެވެ. ހަށިގަނޑު ސެލްތަކަށް އަރައިގެން އައި ލޮޅުންތަކާއެކު ލަސްލަހުން ބޮލުގެ އިސްތަށިތައް ވެސް ފައިބަން ފެށިއެވެ. ބޮލުގައި އަތްފުނާ އަޅާލާ ކޮންމެ ފަހަރަކު އިސްތަށިގަނޑުން ބަޔެއް ވަކިވެގެން އަންނަހެން ހީވާން ފެށިއެވެ. އެގޮތެ މަތީން ގޮސް ހުރިހާ އިސްތަށްޓެއް ފައިބާ ހުސްވެއްޖެއެވެ. ބުމައިގެ ހިލަމެއް ވެސް މިހާރު ނުވެއެވެ. ކާއެއްޗެއްގައި ރަހައެއް ނުލައެވެ. ނުރިއްސާ އެންމެ ދަތެއްވެސް އަނގައިގައި ނެތެވެ. ކަރުތެރެ ހުންނަނީ ފާރުވެފައެވެ. ކެއްސާލިޔަސް ލަގޮނޑިން ނަގަން ފަށާ ދިލައަށް ދުވަސް ނިމިގެންދާ އިރު ވެސް ލުޔެއް ނުލިބެއެވެ. މީހާ ހިކިއަނަރޫފަވެ ސިފަ ވަކިކުރަން ނޭނގޭ ހިސާބަށް ގޮސްފިއެވެ. ލޯގަނޑުކުރިމައްޗަށް ހުއްޓިހުންނަ އިރު ފެންނަ ސޫރައިން ހިތް ވެސް ބިރުން ރޫރޫ އަޅައިގެން ދެއެވެ. ދެލޯ ވެސް އިހުނަށް ވުރެން ބޮޑު ކަމަށް ދައްކައެވެ. ތުންފަތް ވެސް ކުރަކިވެ ފާރު ހެދިއްޖެއެވެ.
*****
ކީމޯތެރެޕީއަށް ނާލާ ދިޔަ ދުވަހެކެވެ. އާދައިގެ މަތިން ނާލާއާއެކުގައި ދިޔައީ ލުޔޫން އެވެ. ނާލާއަށް ހުރިހާ ކަމެއްގައި އެހީތެރިވެދެނީ ލުޔޫން އެވެ. ފާޚަނާއަށް ދާނެ ހަކަތައެއް ވެސް ނާލާގެ ނުހުރެއެވެ. ނާރުތަކުގެ ބާރު ވެސް ދަށްވާހެން ހީވެއެވެ. މިހާރު އިންނަން ޖެހެނީ ވެސް ފުރޮޅުލީ ގޮނޑިއެއްގައެވެ.
އެނދުގައި އޮތް ނާލާ ބުރަހެލި ނޭވާތަކެއް ދޫކުރަމުން ދިޔަ އެވެ. ނާލާގެ ގާތުގައި ލުޔޫން މަޑުކޮށްގެން އިނެވެ.
ނާލާ އޮތީ ގައިގައި ރިއްސާވަރުން ފަރާތަކަށް ގުޑިލަން ނުކެރިފައެވެ. އައިވީ ގުޅަމުން ގޮސް އަތް ވެސް އޮތީ ދުޅަވެފައެވެ. މީހާ ކިރިޔާ ހަރަކާތްކޮށްލިޔަސް ޖިސްމަށް ލިބޭ ވޭނުން ދުނިޔެ ރަންވާހާ ވެއެވެ. ނޭވާ އުފުރެން ކައިރި ވެއެވެ. ލަސްނޭވާތަކެއް ދޫކުރަމުން ދިޔައީ ހަށިގަނޑަށް ގުޑުމެއް ނާންނާނެ ފަދައަކުންނެވެ.
ފާއިތުވެ ދިޔަ ހަމަސް ދުވަހުގެ ތެރޭގައި ނާލާ މުޅިން ހެން ބަދަލުވެއްޖެއެވެ. ވާހަކައެއް ނުދައްކައެވެ. އަބަދު އިންނަނީ ހަމަހިމޭންވެފައެވެ. އެކަމާ ވިސްނާވިސްނާ ލުޔޫންގެ އިތުރުން ނަދީމާގެ ސިކުނޑި ފަޅައިގެންދާ ހިސާބަށް ކަންތައް ގޮސްފިއެވެ. ނަފުސާނީ މާހިރެއްގެ އެހީ ވެސް ހޯދައިފިއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ. އެއްވެސް މީހެއްގެ މަދަދުވެރިކަމެއް ނާލާ ބޭނުމެއް ނުވިއެވެ. ހިތާމައިން ގޮސް ނާލާ ހަފުސްވެދަނެތީ ނަދީމާގެ ލޮލުން ކަރުނަ ނުހިކެއެވެ. ނާލާއަށް އެމަންޒަރު ނުދައްކަން ނަދީމާގެ އިތުރުން ޢާއިލާގެ ކޮންމެ މީހަކު މަސައްކަތްކުރެއެވެ.
''ކުޑާ... މާދަން ޕިކްނިކްއަކަށް ދާން މި ޕްލޭން ކުރަނީ... ކުޑަ ދާނަންތަ؟...'' ލުޔޫން ސުވާލުކޮށްލިއެވެ. އުއްމީދެއް އެހިތުގައި ވިއެވެ. ޝައުޤުވެރިކަން ފާޅުކުރުމަށް އެދޭ ހާލުގައި ނާލާއަށް ބަލަން ލުޔޫން އިނެވެ. ''ކުޑާ...''
''ދާނަންތަ؟...'' ލުޔޫން އަހާލިއެވެ.
''ނޫން...'' ކުރަކި އަޑަކުން ނާލާ ވާހަކަދެއްކިއެވެ. އެއީ ނާލާގެ އާންމު ބަހަކަށް ވެއްޖެއެވެ. އަބަދު ހުންނަނީ ރުންކުރުވެފައެވެ. ރުޅިވެރިކަމާއެކުގައި ނޫނީ އެއްވެސް މީހަކާ ކުރިމައްޗެއް ނުލައެވެ.
ލުޔޫން ޚިޔާރުކުރީ ކެތްތެރިކަމެވެ. އެއީ ނާލާ އުފުލަމުންދާ ވޭނުގެ ސަބަބުން އަންނަމުން ދިޔަ ބަދަލުތަކެއްކަން އޭނައަށް ނަގައިގަނެވުނެވެ. ޑޮކްޓަރުންގެ ފަރާތުން ހުރިހާ މަޢުލޫމާތެއް ވަނީ ލިބިފައެވެ. ހިތްމަރުވާ ފަދަ ބަސްތައް އަޑު އިވުނަސް ނާލާ އެކަނި ހާލަތަށް ދޫކޮށްލުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ކެތްތެރިކަން އިހްތިޔާރުކުރަނީ އެހެންވެއެވެ. އިންކާރުކުރުމުގެ ފަހަތުގައި ވެސް އެހީއަށް ބޭނުންވެފައިވާކަމުގެ ލިސާންތައް އެކުލެވިފައިވާތީއެވެ.
''އެތާ ކައިރީގައި އޮތްނާނެ ވަރަށް ރިތީ މާ ބަގީޗާއެއް... ކުޑާގެ ބަކެޓް ލިސްޓް ފުރިހަމަކުރަން އުޅެމާ... ކުޑާ ނިންމާ ތަންނަތަނަށް އަހަރެން ކުޑާ ގެންގޮސްދޭނަމޭ، އައިލް ބީ ޔޯރ ގާރޑިއަން، ފިލްމުތަކުން ފެނެޔެއްނު، ހަމަ އެގޮތަށް...'' މައުސޫމް ރާގަކަށް ލުޔޫން ބުނެލިއެވެ. އަދި ލުއި ހިނިތުންވުމެއް ދިނެވެ. ނާލާގެ ހިތަށް އުއްމީދެއް ގެނެސްދެވޭތޯ ލުޔޫން ބެލިއެވެ.
ލުޔޫންގެ މޫނަށް ނާލާ ބަލައިލިއެވެ. ހިމޭންކަމާއެކު ވަގުތު ކޮޅެއް ފާއިތުވެ ދިޔައެވެ. ކުއްލިޔަކަށް ނާލާގެ ދެލޯ ފުރެން ފެށިއެވެ. ލޯމަރާލުމާއެކު ކަރުނަތައް ފައިފައިބައިގަތެވެ. އެއީ ހިތްދަތިކަމުގެ ކަރުނަތަކެވެ.
''ކުޑާ...'' ލުޔޫން ކަންބޮޑުވިއެވެ.
''ކީއްވެގެންތަ ލުޔޫން ކޮންމެ ދުވަހަކު އަހަންނާއެކު އަންނަނީ... މިހާލުގައި އަހަރެން ވަނިކޮށް އެއްވެސް މީހަކަށް ފެންނާކަށް ބޭނުމެއް ނޫން...'' ނާލާގެ އަރުބެދުނެވެ. އަރުތެރޭގައި އުފެދުނު ގަދަ ރިހުމާއެކު ވޭނީ އާހެއްގެ އަޑު ބޭރު ވެއްޖެއެވެ.
''ކުޑާ... ތިހެން ދެން ނުބުނައްޗޭ... ކޮންމެ ފަދަ ހާލަތެއް ކުރިމަތި ވިޔަސް އަހަރެން ކުޑާ ގާތުގައި ހުންނާނަން، އެހެންވީމަ އަހަރެން ދުރުކޮށްނުލައްޗޭ، ރުޅި އައިސް އެއްޗެހި ކިޔަސް އެންމެ ރަނގަޅު، ހިތުގައި ބުރަހެލިކަމެއް ނުބާއްވާނަން، އަހަންނަށް އިނގޭ ކީމޯގެ ސަބަބުން ކުޑާއަށް އަންނަ ބަދަލުތަކެއްކަން، އެކަން އަހަންނަށް ވިސްނޭ... އެކަމަކު ދެންމެ ތިބުނި ކަހަލަ އެއްޗެއް ނުބުނައްޗޭ، ހުރިހާ އެންމެން ވެސް ކުޑާ ދެކެ ލޯބިވޭ... މަންމަ ވެސް ހުންނަނީ ކުޑާ ރަނގަޅުވާނެ ދުވަހެއްގެ އުއްމީދުގައި...'' ލުޔޫން އަސަރާއެކު ވާހަކަދެއްކިއެވެ.
''އަހަރެން ރަނގަޅުނުވެއްޖެއްޔާ ވާނީ ކިހިނެއް؟...'' ނާލާއަށް ރޮވުނެވެ. އެއީ މިހާރު އަބަދު އެހިތަށް ސަޒާ ގެނެސްދޭ ސުވާލެވެ. ފަރުވާގެ ކުރީ ކޮޅުގައި އުއްމީދު އެހިތުގައި ވިއެވެ. އެހެނަސް ދުވަސްތައް ދިގުލައި ހަށިގަނޑު ބަލިކަށިވެ، ދެ ފަހަރެއްގެ މަތީން ކީމޯ ހުއްޓާލަން ޖެހުމުން ނާއުއްމީދުގެ ބަނަ ވިލާތަކުން ސިކުނޑި ވަށާލައިފިއެވެ. އަބަދު ވިސްނެނީ އެކަމާއެވެ. ރުޅިގަދަވަނީ ވެސް އެހެންވެއެވެ.
''ތިހެން ނުވިސްނާ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ...'' ލުޔޫންގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. މާހައުލަށް އުދާސްކަން ވެރިވިއެވެ. އެގޮތުގެ މަތީން ވަގުތު ފާއިތުވެ ކީމޯ ސެޝަން ނިމިގެން ދިޔަ އެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ