ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުދީފި ނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި ވޯޓުލާން ދާ މީހުންގެ އަދަދު މަދުވެ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދިދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބު އަވަހަށް ބާއްވަންޖެހޭ ކަމަށެވެ. ނަމަވެސް، އިންތިހާބު ބޭއްވުމުގައި އަމަލުކުރުމަށް އެޗްޕީއޭ އިން މިހާރު އެކުލަވާލާފައިވާ އުސޫލުގެ ސަބަބުން އިންތިހާބު ބޭއްވުމަށާއި ކެންޕޭން ކުރުމަށާއި ވޯޓުލުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ސަލީމް ވަނީ ފާހަގަކުރައްވައިފަ އެވެ.

"އެޗްޕީއޭ އިން މިހާރު އެކުލަވާލާފައިވާ އުސޫލަށް ބަދަލުތަކެއް ނުގެނެސްފިނަމަ ވޯޓުލާ މީހުންގެ އަދަދު މަދުވެ އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެދިދާނެ،" އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވި އެވެ.

އިންތިހާބު ބާއްވަންވާނީ އެކަށީގެންވާ އިންތިޒާމުތަކާއެކު ރައްޔިތުންނަށް އިތުބާރު ކުރެވޭ މިންވަރަށް ނިޒާމުތައް ގާއިމުކޮށްގެން ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ފައިސާ އެ މުއައްސަސާއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

"ހުރިހާ ކެނޑިޑޭޓުންނަށްވެސް ކެންޕޭން ކުރުމުގެ ހަމަހަމަ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް 51 މިލިއަން ރުފިޔާގެ ބަޖެޓެއް އީސީއަށް ދީފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވަން އިތުރަށް 42.8 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނުގައި ބުނާ ބެކަޕް ނެތި، އިންތިހާބުގެ ވޯޓުލުން ފަށައިފިނަމަ ލަނޑެއް ލިބިދާނެ ކަމަަށް އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މީގެ ކުރިން ވިދާޅުވި އެވެ.