އައްޑޫ ސިޓީން އިތުރު ހަތް މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، އެ ސިޓީން މިއަދު ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އައްޑޫ ސިޓީން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މީދޫން ހަ މީހަކާއި ފޭދޫން އެކަކެވެ. ހިތަދޫ ކްލަސްޓާއާ ގުޅިގެން ފޭދޫން މީހަކު ޕޮޒިޓިވްވީ ނަމަވެސް، މީދޫން ޕޮޒިޓިވްވީ ކޮން ކްލަސްޓާއަކާ ގުޅޭ މީހުން ކަމެއް އަދި ނޭނގެއެވެ.
ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 49 އަށް އަރައިފައެވެ. އެއީ ހިތަދޫން 21 މީހުން، ފޭދޫން 17 މީހުން، މަރަދޫފޭދޫން ހަތަރު މީހުން، މީދޫން ދެ މީހުން، ގދ. ތިނަދޫން ތިން މީހުން އަދި މާލެއިން ދެ މީހުންނެވެ.
އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ އަދަދު 364 އަށް އަރައެވެ. އައްޑޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ހިތަދޫން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހުންނެވެ.
ހިތަދޫ ކްލަސްޓާގެ އިތުރުން ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުންވެސް ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ހުޅުމީދޫން ޕޮޒިޓިވްވި 26 މީހަކާއެކު އައްޑޫ ސިޓީގެ ކްލަސްޓާތަކުން މިހާތަނަށް ޖުމުލަ 81 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އައްޑޫ ސިޓީ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު