ޚަބަރު

އިސްލާމް ދީނާއި ގާނޫނާ ހިލާފަށް ކަން ކުރާ ކަމަށް ބުނެ ފަސް އިލްމުވެރިއެއްގެ ނަސޭހަތުގެ ސިޓީއެއް މަޖިލީހަށް

މުއާވިޔަތު އަންވަރު

އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ބައެއް ކަންކަން ހިނގާ ކަން ފާހަގަކޮށް ފަސް އިލްމުވެރިޔަކު ސޮއިކުރައްވައި ނަސޭހަތުގެ ސިޓީއެއް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވައިފި އެވެ.

އެ ސިޓީގައި ސޮއިކުރައްވާފައިވަނީ، ޑރ. މުހައްމަދު އިޔާޒް އާއި ޝެއިހް އަލީ ޒާހިރުގެ އިތުރުން ޝެއިހް އަބްދުﷲ މުހައްމަދު އާއި ޝެއިހް ނިމާލް އަދި ޝެއިހް އިބްރާހިމް ފަރީދު އެވެ.

އެ ފަސް އިލްމެވެރިން ސޮއިކުރައްވައި މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، މުސްލިމު އުންމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ޒިންމާއާ ހަވާލުވެ ހުންނަވާ ކޮންމެ ފަރާތަކީ، އެބައެއްގެ ތެރޭގައި ދީނީ އުސޫލުތައް ހިފަހައްޓައި އިސްލާމް ދީން ނެގެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ބައްޓަންކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތެއް ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލިސް ތެރެއިން އެކަމާ ބީރައްޓެހި މަންޒަރުތަކެއް ފެންނަ ކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅިގެން ދިޔަ "މާލޭގައި ޒުވާނުންނަށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސަކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒުތަކެއް ގާއިމު ކޮށްދިނުމަށް” ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރަކީ އެފަދައިން ފާހަގަވާ ކަންތައްތަކެއް އޭގައި ހިމެނިފައިވާ، އަދި އެފަދަ ރޫހެއް އެކުލެވިގެން އެއާ މެދުގައި ތަޅުމުގައި ވާހަކަދެކެވިގެން ދިޔަ ގަރާރެއް ކަމުގައި ކަންބޮޑުވުމާއެކު އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

"ކަން މިހެން އޮތް ނަމަވެސް، މަޖިލިސް ތެރޭގައި ކަންހިނގާ ގޮތާއި ދެކެވޭ ވާހަކަތަކުގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ވެސް ހިލާފުވާ މަގުން ބައެއް ފަހަރު ކަންކަން ހިނގައިދާކަމީ ފެނި ފާހަގަވާ ކަމެކެވެ." ފަސް އިލްމްވެރިން ސޮއިކުރައްވައި ފޮނުވި ސިޓީގައި ވަނީ ބުނެފަ އެވެ.

އިސްލާމީ އުސޫލުތަކާއި މުޖުތަމައުގެ އަހްލާގިއްޔަތު ފުނޑުފުނޑުވެ، ގައުމުގެ ޒުވާނުންނަކީ ހަރުދަނާ ވިސްނުމެއްނެތި މުނިފޫހިފިލުވުމުގެ ނަމުގައި މަޖަލުގެ ތެރޭގައި ހިޔާލެއް ފިކުރެއް ނެތި ވިއްސިވިހާލި ވެގެންދާ ކުނިބުނިތަކެއް ފަދަ ބައެއް ކަމުގައި ވެގެންދިއުމަކީ ގައުމަށް ހެވެއް އެދޭ އެއްވެސް ފަރާތަކުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ގައުމެއްގެ ކުރިމަގު ބިނާވެފައި އޮންނާނީ އެ ގައުމެއްގެ ޒުވާންޖީލުގެ ހަރުދަނާކަމާއި އެމީހުންގެ އަތްމައްޗަށް އުފަންވާ މުސްތަގުބަލުގެ ޖީލުތައް ތަރުބިއްޔަތު ވެގެންދާ ގޮތެއްގެ މައްޗަށް ވާއިރު އެކަންކަން ބޮއްސުންލައިފި ނަމަ އެ ގައުމެއްގެ ކުރިމަގުގެ އުޖާލާކަން ގެއްލި ހަލާކުގެ ތެރެއަށް އެބަޔަކު ވެއްޓިގެން ދާނެކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކަށް ވެސް ކަށަވަރު ވާނެ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

"އެހެންކަމުން ﷲ ތަޢާލާ ތިޔަ އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނާ މިއަދު ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ބާރުވެރި ކުރެއްވުމުން ދުނިޔެ އިސްލާހުކުރާ ހެޔޮލަފާ އަދި ހެޔޮ ވިސްނޭ މީހުން އަމަލުކުރާނެ ގޮތް ކަމަށް އެކަލާނގެ އަންގަވާފައިވާ މަގު ހިޔާރުކުރެއްވުމަށް ވަސިއްޔަތް ކުރަމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.