ހަތްވަނަ ބައި
ފަތިސްނަމާދަށް ފަހު އަހަރެން ބެލްކަންޏަށް ނިކުމެލީ ދުނިޔެމަތި ބަލައިލާށެވެ. އޭރު ކޮންމެވެސް ވަރަކަށް ދުނިޔެ މައްޗަށް އަލިވާން ފަށައިފިއެވެ. މަގުމައްޗަށް ބަލައިލި ވަގުތު ފެނުނު މަންޒަރަކުން އަހަރެންގެ ދެފައި ބިމުން ކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ދެލޮލުގައި އަތް އުނގުޅާލާފައި ބަލައިލިއިރުވެސް މަންޒަރު ބަދަލު ނުވިއެވެ. މާމައަށް ގޮވަންވެސް ހިތަށް އެރިއެވެ. ފަހުން އެހިޔާލު ދޫކޮށްލީއެވެ. ގޭދޮރުމަތީގައި ވިއާންގެ އަތުގައި ހިފައިގެން އެހުރީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ ވިއާންގެ ލޯބިވެރިޔާ ހެއްޔެވެ؟
އެމަންޒަރު ބަލަން އަހަރެންގެ ހިތަށް ކެތްނުވިއެވެ. ކޮޓަރިތެރެއަށް ދެމިގަނެފައި އެނދުގައި އިށީނދެވިއްޖެއެވެ. އިށީނދެވުނީ ބާރަށްކަން އިނގުނީ ޒިކުރު ކިޔަން އިން މާމަ އަހަރެންނަށް ބަލައިލި ގޮތުންނެވެ.
"ކިހިނެއްވީ؟" މާމަ އެހިއެވެ. އަހަރެން މާމައަށް ޖަވާބެއް ނުދެމެވެ. އެހެންނަމަވެސް ކަމެއް ނުވާކަން މާމައަށް އަންގައިދިނުމުގެ ގޮތުން ހީލީމެވެ.
ބަދިގެއަށް ހެނދުނުގެ ސައިހަދަން ދިޔައިރު ފެނުނު މަންޒަރުން މިފަހަރު ހިތަށް ލިބުނީ ފިނިކަމެކެވެ. ބޮލުގައި ރުމާލެއް ބަނދެގެން ގޭތެރެއަށް ވަތް ޝާހިދު ފެނުމުންނެވެ. އޭނާ އެ އައީ މިސްކިތުންކަން އަހަރެންނަށް އިނގުނީ އެވަގުތު ރުމާލެއް ބޮލުގައި ބަނދެގެން އަންނާނެ އެހެންތަނެއް ނޯންނާނެތީއެވެ.
"ކޮފީ ގެންނަންވީ؟" ޝާހިދު އަރާ ހަމަވި ވަގުތު އަހަރެން ބުނީމެވެ.
އަހަރެން ކޮފީހަދަން އުޅުނުއިރު ޝާހިދު މޭޒު ކައިރީގައި ފޯނަށް ބަލަހައްޓައިގެން އިނެވެ. ދޭތެރެއަކުން އަހަރެންނަށް ދޮރާ ދިމާލަށް ބަލައިލެވެއެވެ. އަދިވެސް ވިއާން ހުރީ އެ އަންހެންކުއްޖާއާއެކު މަގުމަތީގައި ކަންނޭނގެއެވެ.
"އަސްތާ މިއޯ" އެވަގުތު ޝާހިދު ބަދިގެ ތެރެއިން ފެނުމުން އެތެރެއަށް ވަދެގެން އައި މާމަ ބުނެލި އަޑު އިވުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެއީ މީގެކުރިން މާމައަށްވެސް ފެނިފައިވާ މަންޒަރެއް ނޫނެވެ.
"އާފެށުމެއް. އިންޝާﷲ" ޝާހިދު ބުނެލިއެވެ.
"އަލްހަމްދުލިﷲ" މާމަ ބުނެލިއެވެ.
ވިއާން އައީ އޭގެ އިރުކޮޅެއް ފަހުންނެވެ. ވިއާންގެ މޫނުމަތިން ހިނދުކޮޅަކަށް ނުތަނަވަސްކަމެއް އަހަރެންނަށް ފެނުނެވެ. އަހަރެން ބަލަން ހުރިކަން އިނގުމާއެކު ތުންފަތަށް ހިނިތުންވުމެއް ގެނައިލެއް ނިކަން އަވަހެވެ.
"އަހަރެން ކޮފީ ހެދީ ވިއާނާވެސް އެކު. ދެން މިފަހަރު އާދޭ" އަމިއްލައަށް ކޮފީހަދަން އުޅުނު ވިއާން ފެންހޫނުކުރާ ޖަގު ހުރިތަނުގައި ބަހައްޓާފައި އައިސް ޝާހިދާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. ހިމޭންކަމާއެކު އެންމެން ކޮފީބޯން ތިބުމުން އަހަރެންނަށް އުނދަގުވިއެވެ. ކޮންމެސް ވާހަކައެއް ފަށައިގެން ތަނުގެ ހަމަހިމޭންކަން ކަނޑުވައިލަން އަހަރެން ބޭނުންވިއެވެ.
"މިއަދު ކޮންކަމެއް އޮތީ؟" އަހަރެން ބުނީމެވެ.
"މިދަނީ ވިލިމާލެއަށް ދާން. އެބައޮތް މެޗެއް" ޝާހިދު ބުނެލިއެވެ.
"ވިއާން ހަމަ ގޭގަ. އަބަދުވެސް" ވިއާން އެއްޗެއް ނުބުނުމުން އަހަރެން ބުނެލީމެވެ. ވިއާން އަހަރެންނަށް ބަލައިލާފައި ހީލިއެވެ.
***
ކޮޓަރީގައި އަހަރެންނާ މާމަ އެކަނި ހުރި ވަގުތެކެވެ. މެންދުރު ކުރީގެ ވަގުތެކެވެ. ދޮވެފައި ހުރި އަންނައުނުތައް ފަތް ޖަހާފައި އަލަމާރިއަށް އެޅުމުގައި އަހަރެން އުޅުނީ އަވަދިނެތިއެވެ. މާމަ ބޭސްކާޑެއް ހިފައިގެން އިނެވެ. ހުޅުވާފައި ހުރި ދޮރުމައްޗަށް ވިއާން އެރުމުން އަހަރެންނަށް ބަލައިލެވިއްޖެއެވެ.
"ކަމަކުތަ؟" މާމަ އެހިއެވެ.
"އާނ. މަލް ފޮޓޯކޮޅެއް ނަގަންދާން ތައްޔާރުވެބަލަ" ވިއާން ބުނެލިއެވެ.
"މިހާރުތަ؟" އަހަރެން ބުނީމެވެ.
ވިއާންގެ ސައިކަލް ފަހަތުގައި އަހަރެން އިންއިރު މާގިނަ ވާހަކައެއް ނުދައްކަމެވެ. ފަތިހު ވިއާންގެ އަތުގައި ހިފައިގެން ގޭދޮށުގައި ހުރި އަންހެންކުއްޖާ އާ ގުޅިގެން ސުވާލުކުރަން އަހަރެން އިނީ އިންތިހާއަށް ބޭނުންވެފައެވެ. އެމަންޒަރު އަހަރެންގެ ހިތަށް ސިފަވުމާއެކު އަހަރެންނަށް އުނދަގޫ ގޮތެއް ވެއެވެ. ހިމޭންވެފައި އަހަރެން އިނީ އެހެންވެއެވެ.
"މަލް، މިއަދު މަންމަންވެފަތަ؟" ފޮޓޯ ނަގައިގެން ނިކުމެފައި ވިއާން އެހިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ.
"ހީވަނީ މި މަހު މެދެއްހާ ހިސާބުގަ މަލްއަށް ކޮލެޖަށް ޖޮއިން ވެވޭނެހެން" ވިއާން ބުނެލިއެވެ. އަހަރެން ހިތްހަމަޖެހުނެވެ. ކިޔެވެން ފެށުުމާއެކު އަނެއްކާވެސް ދިރިއުޅުމުގެ އެހެން ބާބަކަށް ފުރުސަތު ދެވެނީއެވެ. އޭރުުން މުޅިން އާ ދުުނިޔެއަކަށް ލޯ ހުޅުވޭނެއެވެ. ތަފާތު މީހުންނާ ބައްދަލުވާނެއެވެ. ދިރިއުޅުމަށް އާ އެކުވެރިން އަންނާނެނެއެވެ.
"ވިއާން އަހަރެންނަށްޓަކައި ތިހާ ބުރަކޮށް މަސައްކަތްކޮށްދޭތީ ވަރަށް އުފާވޭ. އަސްލު އަހަރެންނަކީ ވިއާންގެ ކާކު؟" އަހަރެންނަށް ބުނެވުނެވެ.
"ތިއީ މާމަގެ މަލްއެއްނު" ވިއާން ބުނެލިއެވެ.
"އަހަރެން މިއެހީ އަހަރެންނަށް ވިއާން ތިހާ ވަރަށް ކަންތައްތައް ތިކޮށްެދެނީ އަހަރެންނަކީ ވިއާންގެ ކާކުހޭ...." އެހިސާބަށް ބުނެވުނުތަނާ ވިއާން ކުއްލިއަކަށް ސައިކަލް މަޑުކޮށްލިއެވެ. ވިއާންގެ ބުރަކަށީގައި އަހަރެން ނުޖެހުނީ ދެމެދަށް އަހަރެންގެ އަތް ހުރަސްކޮށްލުމުންނެވެ. ޓްރެފިކް ލައިޓަށް މަޑުކުރީކަން އިނގުނީ ކައިރި ކައިރީގައި އުޅަނދުތައް މަޑުކުރުމުންނެވެ. ލައިޓް ފެހިވެ ދުއްވާލަން އުޅުނު ވަގުތު ކައިރީގައި ސައިކަލް މަތީގައި އިން އަންހެންކުއްޖަކު ވަރަށް ތުއިކޮށް ވިއާނަށް ގޮވާލައިފިއެވެ. އަހަރެންނަށް އެ އަންހެންކުއްޖާ ބަލައިލީ ފާޑަކަށެވެ. އަހަރެން އެންމެ ހައިރާންވީ އެ އަންހެންކުއްޖާއަށް ވިއާން ސަމާލުކަން ނުދޭތީއެވެ. އެކުވެރިއެއްނަމަ ވިއާން ހީލާނެއެވެ. ހިތްހެޔޮކަމާއެކު ވާހަކަދައްކާނެއެވެ. ވިއާންގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުފެނުމުން އަހަރެން ހައިރާންވިއެވެ. އެންމެފަހުން އެ އަންހެންކުއްޖާ ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަން ދިނުމެއްނެތި ވިއާން ސައިކަލް ދުއްވައިލިއެވެ.
"ވިއާން ހާދަ ކާމިޔާބޭ ދޯ" ވަކި ހިސާބަކަށް ދިޔަތަނާ އަހަރެން ބުނީމެވެ. ވިއާންގެ ފަރާތުން ޖަވާބެއް ނައެވެ. އަހަރެން އިތުރަށް ވިއާނާ ދިިމާކުރަން ނަހަދަމެވެ. ވިއާން ޖަވާބެއް ނުދިނުމުން އިތުރަށް ވާހަކަދައްކަން އަހަރެންނަށް ނުކެރުނެވެ. އޭގެ ބަދަލުގައި ސައިކަލްގެ ދުވެލި ކުރިއަށް ވުރެ ބާރުވިހެން ހީވިއެވެ.
***
އިޝާނަމާދަށްފަހު މާމަ އެނދަށް އެރިއިރު އަހަރެން ފޯނު ހިފައިގެން އެނދުގައި އޮތީމެވެ. ލައިޓް ނިއްވާލަން އުޅެފައި މާމަ އަހަރެންނަށް ބަލައިލިއެވެ. އެހޯދީ އަހަރެންގެ ރުހުންކަން އިނގުމުން ހުދު ލައިޓް ނިއްވާފައި ނިދާބޮކި ޖެއްސިއެވެ.
"މާމަ ކީއްވެ އެހާ އަވަހަށް ނިދަނީ" އަހަރެން އެހީމެވެ.
"ރޭގަނޑު ގިނައިރު ވަންދެން ބޭކާރު ގޮތުގައި ހޭލާ ހުންނަނީ ކީއްކުރަން. ރޭގަނޑުގެ ފަހުބައިގައި އަޅުކަމުގައި އުޅެވޭނީ މިގަޑީގަ ނިދައިގެން" މާމަ ބުނެލިއެވެ.
"މާމާ، އަޅުގަނޑު ވާހަކައެއް އަހަންތަ؟" ވިއާނާ ގުޅިގެން މާމަ އާ ސުވާލުކޮށްލަން ރަނގަޅު ވަގުތެކޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންކަމުން ފޯނު އެއްފަރާތުގައި ބާއްވާފައި މާމަ އާ ދިމާލަށް އަރިއަކަށް ޖެހިލީމެވެ.
"ވިއާން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟ މިބުނީ މީހަކާ އިންނަންތަ އުޅެނީ؟"
"އެނގިފައެއްނެތް"
"ވިއާން އަތުގަ ހިފައިގެން އަންހެންކުއްޖަކު ހުއްޓާ ފެނިއްޖެ. ފަތިސްގަޑީގަ"
"އެހެންތަ" މާމަގެ ޖަވާބު ވަރަށް ކުރެވެ. އަހަރެން ދައްކަމުންދިޔަ ވާހަކަތަކާ މާމަ ގަޔާނުވާކަން އަހަރެންނަށް އިހުސާސްވިއެވެ. އެހެންކަމުން އިތުރަށް އެއްޗެއް ނުބުނެ ނިތްމައްޗަށް އަތް އެއްލައިގެން އޮށްވާ މާމަ ބުނެލި އެއްޗަކުން އަނެއްކާވެސް އަހަރެންގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ.
"ހަމަ ރަނގަޅަށް މާމަ މިބުނީ. ދުވަހަކުވެސް މީހަކާ އިންނަން ވިއާން ނުވިސްނާނެ. އެސޮރަށް ވިސްނައިދޭނީ ކިހިނެއް؟" މާމަ ބުނެލިއެވެ.
"މިގޭގަ އަޅުގަނޑު މިހޭދަކުރި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑަށްވެސް ފާހަގަކުރެވޭ ވިއާންގެ ތަފާތު މިޒާޖު. ހީވަނީ ކޮންމެވެސް ކަމެއް ސިއްރުކުރާހެން" އަހަރެން ބުނީމެވެ.
"ކޮންމެ އިންސާނަކީވެސް އެމީހެއްގެ ޒާތުގައި ތަފާތު މިޒާޖެއްގެ ވެރިއެއް. މާމައަށް ވެސް އިނގޭ ވިއާން ތަފާތުކަން. އޭނާ އާ މެދު ކަންތައްވެފައި ވަނީ ވަރަށް ދެރަކޮށް. ފިރިހެންދަރިއަކާ މެދު މަޔަކު އިހާނެތިކޮށް ހިތާނެޔޭ ކާކު ހިތަށް އަރާނީ؟" މާމަގެ ވާހަކަތަކާ އަހަރެންނަށް ގަޔާ ވެވުނެވެ.
"ވިއާންގެ އުމުރުން ދިހަ އަހަރު ވިއިރު މާމާ ވިއާން ގެނެސްފިން. އެދުވަސްކޮޅުގަ ވިއާންގެ ކާފަވެސް ދުނިޔެ ދޫކުރީ. ވިއާން ވިއާނަކަށް ހަދަން މާމަ ހާދަ މަސައްކަތެއް ކުރީމޭ. އެކަނިމާއެކަނި. އުމުރުން ދޮޅުމަހުގަ ވިއާންގެ ބައްޕަވެސް މިދުނިޔެ ދޫކޮށްފި" މާމަގެ އަޑަށް ބަދަލު އަތުވެއްޖެއެވެ. މާޒީގެ ތެރެއަށް ފީނައިގަތުމުން މާމަގެ ދެލޮލުން ކަރު ނީރާލައިފިއެވެ. އަހަރެންގެ ހިތުގައި ވިއާނާ މެދު ހަމްދަރުދީ އުފެދިއްޖެއެވެ.
"އޭރު އެއީ ވިއާނެއް ނޫން. މުޅީން އެހެން ކުއްޖެއް. ވިއާންގެ ނަން އެހެރީ ބަދަލުކޮށްފަ" މާމަ ބުނނެލިއެވެ.
"ވިއާނެއް ނޫނޭ" އަހަރެންނަށް ބުނެވުނެވެ.
"އާނ ކާކު ގަބޫލުކުރާނީ. މާމައަށްވެސް ގަބޫލެއްނުކުރެވޭ. އެކަމަކު ކޮންމެ ކަމަކީވެސް އެކަލާނގެ ކުޅަދުންވަންތަކަމާ ގުޅިފައިވާ ކަންކަން. ވިއާން އުފަންވީ އުމުރުން ދިހައަހަރަށް ފަހު" މާމަ ރޯހެން ހީވުުމުން އެވާހަކަ އެވަގުތަށް އަހަރެން ހުއްޓައިލީމެވެ.
"މާމައަށް އިނގޭ މަލް ތިއީ ދަރިއެއް ކަހަލަ ކުއްޖެއްކަން. މަޑުމަޑުން ވިއާނާ ބެހޭގޮތުން ހުރިހާކަމެއް މަލްއަށް އިނގިދާނެ. މާމައަށް ކަމެއް ކޮށްދެންޏާ ވިއާންގެ އެ އަނދިރި ދިރިއުޅުމުން އެސޮރު ނެރެދީ. މަލް ނޫން އެހެން އެއްވެސް އަންހެނަކާ ވިއާން ގާތްކޮށް ވާހަކަދެއްކި ތަނެއް ނުދެކެން" މާމަ ބުނެލިއެވެ.
***
ނިދަން މަސައްކަތްކޮށްކޮށް އަހަރެންނަށް ނިދޭ ގޮތެއް ނުވިއެވެ. މާމަގެ ފަރާތުން އިނގުނި ވިއާންގެ ދިރިއުޅުމުގެ ކަންކަން އަހަރެން ހިތުގައި ސުވާލު ކުންފުންޏެއް އުފައްދައިފިއެވެ. އަހަރެން ނޫން އެހެން އެއްވެސް އަންހެނަކާ ވިއާން ގާތްކޮށް ވާހަކަދައްކާފައި ނުވާއިރު އެކޮޓަރިި ތެރެއިން ފެންނަ ފްރޭމްގައި ކުޑައަންހެންކުއްޖާ އެއީ ކާކު ހެއްޔެވެ؟ އެއީ ވިއާންގެ ދަރިއެއްކަން އަހަރެންނަށް ޔަގީނާ ގާތަށް ބުނަން އިނގެއެވެ. އެކުއްޖާގެ މަންމަ ދުނިޔޭގެ ކޮންމެސް ތަނެއްގައި ހުންނާނެ ނޫން ހެއްޔެވެ؟ ދަރިއަކު ދުނިޔެއަށް އުފަންވާނީ އަންހެނަކާ ފިރިހެނަކު ގާތްވެގެނެއް ނޫން ހެއްޔެވެ؟ އަނެއްކާ އެކުއްޖާ މަންމަދެކެ ވިއާން ލޯބި ނުވަނީ ހެއްޔެވެ؟ އެހެންވެ ވިއާން ދޫކޮށްލާފައި ދަރިިފުޅު ގޮވައިގެން ދިޔައީ ހެއްޔެވެ؟ ނޫނީ ވިއާން އެދެމައިން ދޫކޮށްލީ ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟
ވިސްނާ ވިސްނާ އަހަރެންގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ. އެންމެފަހުން އަހަރެން ކޮޓަރިން ނިކުމެލީ ބޯ ހަމަޖައްސާލުމަށެވެ. ގަޑިން ދަންވަރު އެއްގަޑި ބައި ވެއްޖެއެވެ. ބަދިގެ އާ ދިމާލަށް ދިޔައިރު ބަދިގެ ތެރެއިން އަލިކަމެއް ފެނިއްޖެއެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކުޑަކޮށް ބޯދިއްކޮށްލާފައި ބަލައިލިރު މޭޒު ކައިރީގައި ވިއާން އިނެވެ. ކުރިމަތީގައި ކޮފީތައްޓެއް ހުއްޓެވެ. މުޅި ތަނުގައި ހިފާލާފައިވަނީ ކޮފީގެ ހިތްގައިމު މީރު ވަހެވެ.
"މަލް، ސިއްރުން ނުބަލާ ވަދެބަލަ" އަހަރެން ވަގަށް ބަލަން ހުރިކަން ވިއާނަށް ފަޅާއަރައިފިކަން އިނގުމުން ރަކިވިއެވެ. މަޑުމަޑުން ގޮސް ވިއާން ކުރިމަތީގައި ހުއްޓުނީމެވެ.
"ވަގެއްހެން ތިބަލަނީ އަހަރެން ބިރުގަންނަވަންތަ؟" ވިއާން ބުނެލިއެވެ.
"ނޫން. އަހަރެން ހީކުރީ މިގޭގަ ކައްކާފަ ހުރި އެތިކޮޅު ވަގަށް ނަގަން ވަގަކު ބަދިގެ ތެރެއަށް ވަދެގެން އުޅޭކަމަށް" އަހަރެންވެސް ދެރަވާން ބޭނުމެއް ނުވިއެވެ. އަހަރެން ކޮފީ ގިރަންދާން އުޅުމުން ވިއާން އަހަރެން ހުއްޓުވިއެވެ. އަހަރެން ގޮނޑީގައި ބައިންދާފައި އަހަރެންނަށް ކޮފީ ހަދައިގެން ގެނެސްދިނެވެ.
"މިއަދު ވީ ކަންތަކަށް ސޮރީ އިނގޭ" ވިއާން ބުނެލިއެވެ.
އަހަރެން ހީލުމަކުން ފުއްދައިލީމެވެ. ވިއާންގެ މޫނަށް އަހަރެންނަށް ބަލަން އިނދެވުނެވެ. އޭރުވެސް މާމަ ދެއްކި ވާހަކަތައް އަހަރެންގެ ކަންފަތަށް އުނދަގޫ ކުރަމުން ދިޔައެވެ.
"އުޅެއެއްނު ވަރަށް ގޮތްކުޑަ އަންހެނުން. އެކަހަލަ އަންހެނެއް މިއަދު މަގުމަތިން ދިމާއެވީ" އަހަރެން އެއްޗެއް ނާހަނީސް ވިއާން ބުނެލިއެވެ.
"އެހެންވިއްޔާ ފަތިިހު ވިއާންގެ އަތުގައި ހިފައިގެން ހުރި މަންޖެ އޯ. އެއީވެސް ތިބުނާ ކަހަލަ އަންހެނެއްތަ؟" އަހަރެން އެހެން ބުނުމާއެކު ވިއާންގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. ހަމަ އެހާ އަވަހަށް ނަޒަރުު ބަދަލުކޮށްލައިފިއެވެ.
"އެ އަންހެންމީހާ އަކީ އެކަހަލަ އަންހެނެކޭ ބުނާހިތެއް ނެތް" ވިއާން ބުނެލިއެވެ.
"އެއީ ވިއާންގެ ގާލްފްރެންޑް ދޯ" އަހަރެން އެހީމެވެ.
"ނޫން. ތިކަހަލަ ކަމެއް ނޫޅޭ"
"ދެން އެހެންވިއްޔާ އެއީ"
"ދެން ހިނގާ ނިދަން. މަލް، އެހެންފަހަރަކުން ތި މައުލޫއަށް ވާހަކަދައްކާނީ" ވިއާން އަހަރެން ހުއްޓުވިއެވެ. އަހަރެން އަނގަ ބަންދުވިއެވެ. ވިއާންގެ ކިބައިން މަޢާފަށް އެދިފައި އަހަރެން ތަށި ހިފައިގެން ތެދުވީމެވެ.
***
ރީޝަމްގެ ފޯނެއްގައި ބެލްކަނީގައި ހުރެފައި އަހަރެން ކޮޓަރިއަށް ވަންނަން ދިޔައިރު ހުޅުވާފައި ހުރި ދޮރު ދޭތެރެއިން މާމަ އާ ވިއާން ފެންނަން ހުއްޓެވެ. އަހަރެން ދޮރާ ގާތަށް ޖެހިލާފައި އެތެރެއަށް ބޯދިއްކޮށްލިއިރު ވިއާންގެ މައިބަދަ މަތީގައި މާމަ އެއްޗެއް އުނގުޅަމުން ދިޔަތަން ފެނުނެވެ. ވިއާންގެ މޫނުމަތިން ވޭނެއްގެ އަސަރު ފެންނަން ހުއްޓެވެ.
"ޑރ.އިބާދުﷲ ބުނުއްވިއެއްނު ދުވަސްކޮޅު ކޮޅުން ރިއްސާނެޔޭ. އެއީ އެވަރު ކަމެއްނޫނޭ" މާމަ ބުނެލިއެވެ.
"އާނ. އެކަމު މިއަދު އޮފީހުގަ މާބުރަކޮށް އުޅުނީމަ ކަންނޭނގެ. ރިއްސަނީ މާބޮޑަށް" ވިއާން ބުނެލިއެވެ.
އިރުކޮޅަކުން އެނދުގެ ހެޑްބޯޑު މަތީގައި މާމަ އުނގުޅަން އުޅުނު ފުޅި ބާއްވާފައި އައިސް ވިއާންގެ އަތުގައި ހިފައިގެން އެނދުގައި އިށީނެވެ. ވިއާންގެ މޫނުގައި ދެފަރާތުން ހިފާލާފައި މާމަ ވާހަކަދައްކަން ފެށިއެވެ.
"މަލްއަކީވެސް މިހާރު މާމަގެ ދަރިއެއް ފަދަ ކުއްޖެއް. ދަރިފުޅާ ބެހޭގޮތުން މަލްއަށް ވެސް ކޮންމެސްކަމެއް އެބަ ޝައްކުވޭ. ރޭގަ މަލް އެކަހަލަ ވާހަކަތަކެއް ދައްކައިފި" މާމަ ބުނެލި އަޑު އިވުނެވެ. އަހަރެންނަށް އަމިއްލަ މޭގައި އަތްޖައްސައިލެވުނީ މާމަ އާ ވިއާން ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރެއިން އަހަރެންގެ ނަން ކިޔާލި އަޑު އިވުމުންނެވެ.
***
ރީޝަމް އަންނަންދެން އަހަރެން ގޭދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓާ ވިއާން ނިކުމެއްޖެއެވެ. ވިއާނަށް އަހަރެންނަށް ބަލައިލެވުނީ ފާޑަކަށެވެ. ބޭރަށް ނުދާ މީހަކު ތަނަކަށް ދާން އުޅޭކަމަށް ހީކޮށް ސުވާލު ކޮށްލެވިއްޖެއެވެ.
"މަލް ތިތަނުގަ އެކަނި ހުރީމަ" ވިއާން ބުނެލިއެވެ.
އެންމެފަހުން ވިއާން ގޭތެރެއަށް ވަނީ އަހަރެން ރީޝަމްގެ ސައިކަލު ފަހަތަށް އަރައިގެން ނައްޓައިލުމުންނެވެ. ރީޝަމް ސައިކަލް މަޑުކޮށްލީ ތިން ބުރިއަށް ނަގާފައިވާ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ. ސައިކަލުން ފޭބި ގޮތަށް ރީޝަމް އަހަރެންނާ ދިމާކުރިއެވެ. ފުރަގަހުން ރީޝަމްގެ ހެދުމުގައި ހިފަހައްޓައިގެން އަހަރެންނަށް އިނދެވުނުކަމެއް ނޭނގެއެވެ. އަހަރެން ބިރުން އުޅުމުން ރީޝަމް ދިމާކުރީ އެކަމާއެވެ.
ގޭޓުން ވަދެގެން ގޮސް ލިފްޓު ކައިރިއަށް މަޑުކުރުމުން އަހަރެން ރީޝަމް އާ ސުވާލު ކުރީމެވެ.
"މިއީ ކޮން ގެއެއް؟ ރީޝަމްގެ ގެތަ؟"
"ނޫން. ފިރިމީހާގެ ގެ" ދެވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު އަހަރެންގެ އަތުގައި ހިފައިގެން ރީޝަމް ނިކުތެވެ. ދެވަނަ ފަންގިފިލާގައި ހުރީ އެންމެ ދެ އެޕާޓްމަންޓެވެ. ރީޝަމް ވަންނަން ދިމާކުރީ ކަނާތް ފަރާތަށް ހުރި އެޕާޓްމަންޓަށެވެ.
"މިއީ ފިރިމީހާގެ ދޮންބެގެ އެޕާޓްމަންޓް. އެމީހުން މިއަދު ޑުބާއީއިން އެބައާދޭ. އެހެންވެ ފިރިމީހާގެ ބައްޕަ އެ އުޅެނީ ބަޔަކު ގެނެސްގެން އެތަން ސާފުކޮށް. ހަތް އަހަރު ފަހުން ވިއްޔާ އެ އަންނަނީ" އަހަރެން ނާހަނީސް ރިޝަމް އަހަރެންނަށް އޮޅުންފިލުވައިދިނެވެ.
ގޭތެރެއަށް ވަދެވުމުން އަހަރެން ހާސްވިއެވެ. ނުދަންނަ ބައެއްގެ ތެރެއަށް ނޭވާާލާން އަހަރެންނަށް ދަތިވިއެވެ. ރީޝަމްގެ ފިރިމީހާގެ އާއިލާ އެހާ ބޮޑުވާނެ ކަމަަކަށް އަހަރެން ހިއެއް ނުކުރުމަވެ. އާއިލާގެ ހަމަ ނެތް އެކަކުވެސް ނެތެވެ. ބޮޑުބޭބެއިން ފެށިގެން ކުޑަކޮއްކޮ އާ ހަމައަށް އަހަރެންނާ ބައްދަލުކޮށްދީފިއެވެ. ހުރިހާ މީހުންގެ ތުންފަތްމަތިންވެސް ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އަހަރެން އިނީ އެ އިމާރާތުން ނުނިކުމެވިފައެވެ. އެހެންނަމަވެސް ރީޝަމް ކައިރީގައި އެހެން ބުނާކަށް ނުކެރުނެވެ.
***
އަނެއް ދުވަހު ހަވީރު އަހަރެން ވިއާންގެ ކޮޓަރިއަށް ވަނީ ވިއާންގެ ފަރާތުން ކަމަކަށް ބޭނުންވެގެންނެވެ. ދެފަހަރު ޓަކިޖަހާލާފައި މަޑުކޮށްގެން ހުއްޓާ ވިއާން ދޮރު ހުޅުވައިފިއެވެ. ތިރިން ޖީންސެއްގައި އެކަނި ހުރުމުން އަހަރެންނަށް ވިއާނާ ކުރިމަތިލާން އުނދަގުވިއެވެ. އެކަން ވިއާނަށް އިނގުނީ ކަންނޭނގެއެވެ. އަހަރެންގެ ކުރީގައި ހުރެގެން ހިނގާފައި ގޮސް އަލަމާރި ކައިރީގައި ހުއްޓިއްޖެއެވެ. ބުރަކަށި މަތިން މައިބަދައިގެ މެދެއްހާ ހިސާބުން ރޮނގަކަށް ހުރި ބޮޑު ލަކުނެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ޖީންސްުގެ ރަބަރުގަނޑާ ހަމައިން ލަކުނުގެ އެއްބައި ވަނީ ފޮރުވިފައެވެ. އެ ލަކުނު ހުރީ ވަރަށް ބޮޑަށް ފުފިފައެވެ. އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ކުރީ ރެއަކު މާމަ އެލަކުނުގައި އެއްޗެއް އުނގުޅިކަން އިނގެއެވެ. އެހެންވީމާ އެދުވަހު ވިއާން ރިއްސާތީ އުޅުނީ އެލަކުނުގައިތާއެވެ.
"ކިހިނެއްވެފަ ތިހުންނަނީ؟ އާދެބަލަ އިށީންނަން" އަހަރެން ގަބުވެފައި ދޮރުމަތީގައި ހުރުމުން ވިއާން ބުނެލި އަޑު އިވުނެވެ. ހަމަހޭވެރިކަން ވެގެން ބަަލައިލިއިރު ވިއާން ހުރީ ޓީޝާޓެއް ލައިގެންނެވެ.
"ފޯނަށް ކަމެއްވީއޭ. ދައްކަބަލަ ބަލައިލަން" އަހަރެން ވިއާނަށް ފޯނު ދީފައި ހުރެވުނީ ވިއާނަށް ބަލަހައްޓައިގެންނެވެ. އަހަރެން ކޮޅަށް ހުންނަން ފެށުމުން ވިއާން އަހަރެން އެނދުގައި ބޭންދިއެވެ. ފޯނުން އަހަރެން ރަނގަޅު ނުވެގެން އުޅުނު ކަންތައް ރަނގަޅު ކޮށްދީފައި އަހަރެން އަތަށް ފޯނު ދީފިއެވެ.
"މިވަރުގެ ކަމެކޭ" ވިއާން ބުނެލިއެވެ.
"އެއީ ކިހިނެއްވެފަ ހުރި ތަނެއް" ފޯނުގައި ހިފަމުން އަހަރެން އެހީމެވެ.
"ކޮބާ؟" ވިއާން އެހިއެވެ.
"ވިއާންގެ ބުރަކަށީގަ. ފުފިފައި ހުރި ލަކުނެއް. އެކްސިޑެންޓެއްވީތަ؟" އަހަރެން އެހެން ބުނުމާއެކު ވިއާންގެ މޫޑު ބަދަލުވެގެން ދިޔައެވެ. މޫނު އަނބުރައިލީ އަހަރެންނަށް ކަމެއް ސިއްރުކުރަން އުޅޭ ފަދައިންނެވެ.
"އެއީ... އަހަރެންގެ އެންމެ ބޮޑު ހަގީގަތް" ވިއާން ބުނެލިއެވެ. އަހަރެންނަށް ކޮޅަށް ތެދުވެވުނީ ވިއާން އެބުނި އެއްޗެއް އަހަރެންނަށް ނުވިސްނުމުންނެވެ.
(ނުނިމޭ)