ޚަބަރު

އާތިފް ޝުކޫރުއާ ދެކޮޅަށް ދައުލަތުން 12 ހެއްކެއް ހުށަހަޅައިފި

މުއާވިޔަތު އަންވަރު

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ/ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން 12 ހެއްކެއް ހުށަހަޅައިފި އެވެ.

އާތިފުގެ މައްޗަށް މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލީ، އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި އޭނާ ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ މުއާމަލާތެއް، ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ނުގެނައި މައްސަލައިގައެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރު ޖެނަރަލް އޮފީހުގެ ވަކީލުން ވަނީ 12 ހެއްކެއް ހުށަހަޅައިފަ އެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި އެ ހެކިތަކުގެ ތަފްސީލެއް ނުދެއެވެ. ސިއްރު ހެއްކެއް ނޫންނަމަ އެ ހެކިތަކުގެ ތަފުސީލު ހާމަކުރަނީ ދިފާއުން ހެކި ހުށަހެޅުމަށްފަހުގަ އެވެ.

އާތިފުގެ ފަރާތުން ދިފާއުން ހެކި ހުށަހަޅަން ބޭނުންވާ ކަމަށް އޭނާގެ ވަކީލާ އައިޝަތު ފަޒުނާ އަހުމަދު ވަނީ މިއަދުގެ އަޑު އެހުމުގައި ވިދާޅުވެފަ އެވެ. އަދި އެކަމަށް އިތުރު އަޑުއެހުމަށް ތާވަލު ކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ކަމަށް މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަހުމަދު ޝަކީލު ވަނީ ވިދާޅުވެފަ އެވެ.

އާތިފު، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.