އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހ. އަމީނީގޭ ޑޮކްޓަރ ފަރަހަނާޒް ފައިސަލްގެ ނަން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަރަހަނާޒް މެރިޓައިމް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު މިއަދުގެ ޖަލްސާއަށް އިއްވުމުން އެނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ. ފަރަހަނާޒް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ.

ޕޮލިޓިކްސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޑރ. ފަރަހަނާޒް އަކީ މީގެ ކުރިން، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމާއި ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްންއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.