ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދީންގެ ކަންކަން ރިޕޯޓް ކުރާއިރު މީޑިއާތަކުން ޒިންމާދާރުވުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.
މިނިސްޓަރު އައިޝާ މިގޮތަށް ގޮވާލައްވާފައި މިވަނީ ކުޑަކުދީންގެ ހިޔާ އާއި ފިޔަވަތީގައި ކުރިން ބަލަހައްޓަމުންދިޔަ ބައެއް ކުދިން ބ. އޭދަފުއްޓަށް ބަދަލުކުރުމުން އެކުދިންނާ ދޭތެރޭ ހިތްހަމަ ނުޖެހިގެން އެރަށުގެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކޮށްފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ޅަފަތުގައި ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި ހާއްސަކޮށް، އާއިލާއެއް ނެތި ބޮޑެތިވާ ކުދިންނަށް އެކަންކަން ބޮޑަށް ދިމާވާ ކަމަށެވެ. ކުދިންގެ ދިރިއުޅުމުގައި ދިމާވާ އުނދަގޫ ކަންކަމުގެ ސަބަބުން އެކުދީންނަށް ގަވާއިދާ ހިލާފުވެ، ބައެއް ފަހަރު ރުޅި ގަދަވެ، ކަންކަން ކުރަން މަޖުބޫރުވާ ކަމަށެވެ. އަދި އެކަންކަން ކޮންމެ ދުވަހަކުވެސް ތަޖުރިބާ ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރަކީ އެކުދިން އެކި ކަންކަން ތަޖުރިބާ ކޮށް، ދަސްކުރުމުގައި ދިމާވާ ކަންކަން ދުނިޔެއަށް ފޮރުވައި، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ ދުވަސްވަަރެއް ކަމަށެވެ. އަދި ކުދީން ބަދުނާމު ކުރުމަކީ ދެރަ ކަންކަން ފަހުން ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ކުދިން ބަދުނާމު ކުރުމުން ދިމާވާނެ ބައެއް ކަންކަމުގެ ތެރޭގައި ލަދުގަތުމާއި އެހީތެރިކަމަށް ނުކުޅެދިނުމުގެ އިތުރުން އަމިއްލައަށް ބަންދުކޮށްލުމާއި އެހެން މީހުންގެ ކިބައިން އެހީތެރިކަން ހޯދަން ފަސްޖެހުން ހިމެނޭ ކަމަށެވެ. އެހެން ކަމުން އެކުދިން ލޭބަލްކޮށް، ބަދުނާމު ކުރުމަކީ އެކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކޮމިއުނިޓީން އެކުދިންގެ މިފަދަ ކަންކަމަށް އެހީތެރި ނުވެ، އެކުދިން ލޭބަލްކޮށް، ބަދުނާމު ކުރާނަމަ، އެކުދިން ރަނގަޅުވުމަށް އެހީތެރިއެއް ނުވެވޭނެ، އެހެންކަމުން މީޑިއާތަކަށް ގޮވާލަން ބޭއިހުތިރާމް ނުވެ، ޒިންމާދާރުކަމާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ރިޕޯޓް ކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅެމުން އަންނަ 17 ކުއްޖަކު އޭދަފުށީގައި ގާއިމްކޮށްފައިހުރި "އަމާން ވެށި" އަށް ބަދަލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. އަމާން ހިޔާ" ގައި ތިބޭ ކުދިންނަށް އެހެން އާއިލާތަކަށް ޒިޔާރަތް ކޮށް، އެހެން ކުދިންނާ އެކު ކުޅިވަރު ކުޅެ، ހުރިހާ ފުރުސަތުތަކެއް ވެސް ލިބޭނެއެވެ.
ނަމަވެސް އެކުދިންގެ އަހުލާގު ގޯސް ކަމަށްބުނެ، އޭދަފުށި ކައުންސިލުން ވަނީ އެކުދިންގެ ޝަކުވާތައް ދެ ފަހަރެއްގެ މަތިން ޖެންޑާއަށް ހުށަހަޅައިފައެވެ. އަދި އެކަމާ ގުޅިގެން އެރަށުގެ އާންމު ރައްޔިތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު