ރާއްޖޭގައި ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މެންބަރު ރަޝީދު މިހެން ވިދާޅުވީ، މާލެ އަތޮޅު އުތުރު ތިލަފަޅުގައި އެމްއެންޑީއެފުގެ ކޯސްޓްގާޑުގެ ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވެފައި ވަނީ އެތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް ކަމަށް ބުނެ، އެކަމާބެހޭ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، ރާއްޖޭގައި ބޭރުގެ މިލިޓަރީ ބޭހެއް ނެތުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

ރާއްޖޭގައި ހުރި ބޭރުގެ އިންވެސްޓްމަންޓްތަކާއި ކަންތައްތައް ރައްކާތެރި ކުރަންޖެހޭ ކަމަށްވެސް މެންބަރު ރަޝީދު ވިދާޅުވިއެވެ.

އުތުރު ތިލަފަޅު ތަރައްގީކުރުމަށް ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން މެންބަރު ވިދާޅުވީ، ދިވެހި ސިފައިން ކުރިއަރުވައި ތަރައްގީކުރުމަށް އެ އެއްބަސްވުމަކީ މުހިއްމު އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާއިރު، އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް އިންޑިޔާ ފަސްޓު ސިޔާސަތު ކަމަށެވެ.

އޭނާ ވިދާޅުވީ، އިންޑިއާއިން އުތުރު ތިލަފަޅު ތަރައްގީކުރުމާ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ، އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓި، އިންޑިއާ ކަނޑުގައި ހިންގާ މަސްތުވާތަކެތީގެ ވަގު ވިޔަފާރި އާއި ހިއުމަން ޓްރެފިކިން އާއި ގާނޫނާ ހިލާފަށް މަސްބޭރުލުން ފަދަ ކަންތައްތައް ހުއްޓިގެންދާނެތީ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ 90 ޕަސެންޓް މީހުންނަކީ އިންޑިއާ ބަހުން ލިޔަން ކިޔަން އެނގޭ މީހުން ކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެ އަބަދުވެސް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.